ހަބަރު

ހަސަން ލަތީފާއި ޝިދާތާ އަދި ތަސްމީނު ޕޮލިހަށް ހާޒިރުކުރަނީ

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފާއި ކުރީގެ މަޖިލިސް މެންބަރު ތަސްމީނު އަލީ އަދި ކުރީގެ ޔޫތް މިނިސްޓަރު ހަސަން ލަތީފް މާދަމާ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި ޗިޓް ފޮނުވައިފި އެވެ. މި ތިން ބޭފުޅުންނަށް ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭ 8:00 އަށެވެ.

މާދަމާ ރޭ ޕޮލިހަށް ހާޒިރުވުމަށް ޝިދާތާއަށާއި ހަސަން އަދި ތަސްމީނަށް ޗިޓް ފޮނުވީ މިއަދު އެވެ. ޕޮލިހަށް ހާޒިރުވުމަށް މި ތިން ބޭފުޅުންނަށް އަންގާފައިވީ ނަމަވެސް އެބޭފުޅުން، ޕޮލިހަށް ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގޭ އެވެ. މި ތިން ބޭފުޅުންނަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ ޕޮލިހަށް ހާޒިރުކުރަނީ ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ބަޔާނެއް ނެގުމަށް ކަމަށެވެ. މި ތިން ބޭފުޅުންނަކީ އިދިކޮޅު އިއްތިހާދުން އުފައްދާފައިވާ ޝެޑޯ ކެބިނެޓްގެ މިނިސްޓަރުންނެވެ.

ޝިދާތާ އާއި ހަސަން އަދި ތަސްމީނު މާދަމާ ރޭ ޕޮލިހަށް ހާޒިރުވާން އެންގެއިރު، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް މިރޭ ޕޮލިހަށް ހާޒިރުވުމަށް އަންގައި ޗިޓް ވަނީ ފޮނުވާފަ އެވެ.

މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވެސް ވަނީ ޕޮލިހަށް ހާޒިރުކޮށްފަ އެވެ.