ހަބަރު

ނިއުޕޯޓުގެ ޖާފަތް މިފަހަރު ވަރަށް ފުރިހަމަ: ތަރުޖަމާނު

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ބޭއްވި ރަސްމީ ބައްދަލުވުން ވެސް އަދި ޖާފަތް ވެސް ވަރަށް ފުރިހަމަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ. ރޭގެ ޖާފަތުގެ ކަންތައްތައް އިންތިޒާމްކުރީ ނިއުޕޯޓުންނެވެ.

މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭގެ ހަފުލާގެ ހުރިހާ އިންތިޒާމްތަކެއް ކުރީ، މުޅި ރައީސް އޮފީހުގެ މުވައްޒަފުން ގުޅިގެން ކަމަށާއި އެ ހަފްލާ ވަރަށް ކާމިޔާބު ކަމަށެވެ. އަދި ނިއުޕޯޓް ރެސްޓޯރަންޓުން ޖާފަތުގެ ކަންތައްތައް ވެސް އިންތިޒާމްކޮށްފައި ވަނީ މައްސަލަ ނުޖެހި، ވަރަށް ފުރިހަމަކޮށް ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވެސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރޭގެ ޖާފަތް ފުރިހަމަ ކަމަށާއި ކާތަކެތި ވެސް މީރު ކަމަށެވެ. އެކަމަށް ޓަކައި ނިއުޕޯޓަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ. މިފަހަރުގެ ޖާފަތުގައި، މައިގަނޑު ގޮތެއްގައި ހިމަނާފައި ވަނީ ހެދިކާ އެވެ.

އެ ރެސްޓޯރަންޓްގެ އޮފިޝަލުން މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި، މިފަހަރު 3،000 މީހުންގެ ސަޔަށް ބޮލަކަށް ނެގީ 80 ރުފިޔާ އެވެ. އެހެން ކަމުން މުޅި ޖާފަތަށް ގާތްގަނޑަކަށް ހަރަދުވެފައި ވަނީ 240،000 ރުފިޔާ އެވެ.

މި އަހަރުގެ ޖާފަތް ފުރިހަމަ ކަމަށް މުއާޒް، ވިދާޅުވިއިރު، މިނިވަން 50 ފާހަގަ ކުރުމަށް، މިދިޔަ އަހަރު ވެސް ޖާފަތުގެ ކަންކަން ބެލެހެއްޓީ ނިއުޕޯޓުންނެވެ. މިދިޔަ އަހަރު ބޭރު ގައުމުތަކުގެ ގިނަ އިސްވެރިން ހިމަނައިގެން ބޭއްވި ޖާފަތް ނިއުޕޯޓަށް ހަވާލު ކުރި އިރު އެ ޖާފަތުގެ ފެންވަރާއި އިންތިޒާމްތަކާ މެދު، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، އެކަމާ ގުޅޭ މައްސަލައެއް އޭސީސީ އިން ވެސް ބެލި އެވެ.

ރޭ އިސްލާމީ މަރުކަޒު ސަރަހައްދުގައި ބޭއްވި މި ޖާފަތަކީ 2007 ފަހު އެންމެ ގިނަ މީހުނަށް ދައުވަތު އަރުވައިގެން ކުރިޔަށް ގެންދިޔަ ހަފްލާ ކަމަށް ރައީސް އޮފީހުން ބުނެފައިވާ އިރު އެ ޖާފަތަށް 4000 އަށްވުރެއް ގިނަ މީހުނަށް ދައުވަތު އެރުވި އެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަށް ތަމްސީލު ކުރައްވައި ހާއްސަ މަންދޫބުންނާއި އެކި ފަންތީގެ ވެރިންގެ ތެރެއިންވެސް 60 އަކަށް މެހެމާނުން ބައިވެރިވި އެވެ.