ހަބަރު

"ޖާފަތް ބާއްވައިދިނީ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ކުޑަ އަގެއްގައި"

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖާފަތުގެ ކަންތައްތައް ކުރީ އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކަމަށާއި އަދި ވިޔަފާރި އުސޫލުން ފައިދާ ހޯދުމުގެ ނިޔަތުގައި ނޫން ކަމަށް އެ ޖާފަތް ބޭއްވި ނިއުޕޯޓް މޯލްޑިވްސްއިން ބުނެފި އެވެ. އެ ކުންފުނިން ބުނީ، ޖާފަތް ބާއްވައިދިނީ ވަރަށް ކުޑަ އަގެއް ކަމަށެވެ.

މިފަހަރު 3،000 މީހުންގެ ސަޔަށް ބޮލަކަށް ނެގީ 80 ރުފިޔާ އެވެ. އެހެން ކަމުން މުޅި ޖާފަތަށް ގާތްގަނޑަކަށް ހަރަދުވެފައި ވަނީ 240،000 ރުފިޔާ އެވެ.

ނިއުޕޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 3000 އަށްވުރެ ގިނަ އިއްޒަތްތެރިންނަށް ފަރިއްކޮޅު ތައްޔާރުކޮށް ހުށަހެޅުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށާއި އެ ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖާފަތާ ހަވާލުވީ ވަރަށް ބޮޑު ޗެލެންޖަކާއެކު ކަން ފާހަގަ ކުރަމުން އެ ރެސްޓޯރަންޓުން ބުނީ، އެ ޖާފަތާ ހަވާލުވާން ޖެހުނީ އެ ބައްދަލުވުމުގައި ބައިވެރިވި، އިއްޒަތްތެރިންނަށް ދޭ ފަރިއްކޮޅު، ޕްލޭޓް ސާވިސް އުސޫލުން ދޭން ޖެހޭތީ އެކަމާ އެހެން ފަރާތްތަކުން ހަވާލުނުވުމުން ކަމަށް ނިއުޕޯޓުން ބުންޏެވެ. އެ ފަހަރު އެ ފަރިއްކޮޅު އިންތިޒާމް ކުރީ، ބޮލަކަށް 3،000 ރުފިޔާ ނަގައިގެންނެވެ.

"އެކަމާ ހަވާލުވީ އެ މަސައްކަތުގެ ދަތި އުނދަގޫކަން އެނގި ތިބެ، ނަމަވެސް ހުސްވި އަހަރު ބޭއްވުނު މިނިވަން 50ގެ ޖާފަތުގައި މައްސަލަތަކެއް ދިމާވުމާ ގުޅިގެން މި ކުންފުނިން އަޒުމު ކަނޑައެޅީ މި އަހަރުގެ ރަސްމިއްޔާތުގެ ކޭޓަރިން އިތުރު ހިތްވަރަކާއި ބުރަ މަސައްކަތުން ސަރުކާރުން އެދޭ ފެންވަރަށް ފުރިހަމަކުރުމަށް،" ބަޔާނުގައިވެ އެވެ.

ނިއުޕޯޓުން ބުނީ، މި އަހަރުގެ ޖާފަތާ ހަވާލުވީ، ކުންފުނީގެ އަޒުމުތަކާ އެއްގޮތަށް ހިދުމަތް ހޯދާ ފަރާތްތަކަަށް އެންމެ ރަނގަޅު ފެންވަރުގައި ހިދުމަތް ދިނުމުގެ އަޒުމުގައި ކަމަށާއި ކުންފުންޏާމެދު އޮންނަ އިތުބާރު ބޮޑުކުރުމަކީ ވެސް މަގުސަދެއް ކަމަށެވެ.

"މިފަހަރުގެ ކޭޓަރިންއަށް ފަރާތެއް ހޯދުމަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލުމުން މި ކުންފުނިން ބީލަން ހުށަހެޅީ ވިޔަފާރި އުސޫލުން ފައިދާ ހޯދުމުގެ ނިޔަތަށްވުރެ މިކަމަކީ. އަޅުގަނޑުމެންގެ އިޖްތިމާއީ ޒިންމާއެއްގެ ގޮތުގައި ދެކިގެން، ވަރަށް ވެސް ކުޑަ އަގެއްގައި، ވިޔަފާރި އުސޫލުން ބަލައިފިނަމަ މިކަމުން ކުންފުންޏަށް މާލީ ފައިދާއެއް ހޯދުމަކަށް ނޫން،" ނިއުޕޯޓުން ބުންޏެވެ.

މި އަހަރުގެ ޖާފަތް އަމާޒާ އެއްގޮތަށް ކާމިޔާބުވެގެން ދިޔައީ، އެ ކުންފުނީގެ ހީވާގި މުވައްޒަފުންގެ މުރާލިކަމާއި މަސައްކަތުގެ އަހުލާގުގެ ސަބަބުން އަދި ޓީމުގެ ވަކިވަކި މުވައްޒަފުންނަށް ފަންނުގައި ލިބިފައިވާ ތަޖުރިބާގެ ސަބަބުން ކަމަށް ނިއުޕޯޓުން ވަނީ ބުނެފަ އެވެ.