ބޭރު ކުޅިވަރު

ނަސީބު ރަނގަޅު ކީޕަރު ޝޭގިވަން އަންގި ބާލައިފި

އަޔަލޭންޑްގެ ގައުމީ ކީޕަރު ޝޭގިވަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ގިވަނަ ކުޅުން ހުއްޓާލީ އޭނާގެ އުމުރުން 40 އަހަރުވުމުންނެވެ. ފާއިތުވެދިޔަ 20 އަހަރު ތެރޭގައި އޭނާ ވަނީ ގައުމީ ޓީމަށް 134 މެޗު ކުޅެދީފަ އެވެ.

ކުޅުން ހުއްޓާލިކަން އިއުލާނުކުރަމުން ގިވަން ބުނީ އޭނާ އަކީ ވަރަށް ނަސީބު ރަނގަޅު ކީޕަރެއް ކަމަށާއި ނަމަވެސް މިއީ އަންގި ބާލަންވީ ވަގުތު ކަމަށެވެ.

ނިމިގެންދިޔަ ޔޫރޯގެ ދެ ވަނަ ބުރަށް ދަތުރުކުރި އަޔަލޭންޑް ޓީމުގައި ވެސް ހިމެނުނު ގިވަން އަކީ ނިއުކާސަލް އާއި ސްޓޯކް ސިޓީ އަދި އެސްޓަންވިލާ އާއި ބެލްކެބާން އަށް ވެސް ކުޅެފައިވާ ކީޕަރެކެވެ.

1996 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ގިވަން ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ގައުމީ ޓީމަށް ފުލްކޮށް ކުޅެފަ އެވެ. އަދި 2012 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު ކުޅުން ހުއްޓާލި ނަމަވެސް އަލުން އޭނާ ގައުމީ ޓީމަށް އައީ މިއަހަރު ބޭއްވި ޔޫރޯއަށް އަޔަލޭންޑް ކޮލިފައިވުމުންނެވެ.

ގިވަން ބުނީ އޭނާ އަށް ފުރުސަތުދިން ކަމަށްޓައި ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ.