ބޭރު ކުޅިވަރު

ފައިސާއިން އެކަނި ކާމިޔާބު ހޯދާ ދުވަހެއްގައި ކޯޗުކަން ހުއްޓާލާނަން: ކްލޮޕް

ފުޓްބޯޅައިގައި ކާމިޔާބު ލިބެނީ ހަމައެކަނި ފައިސާއިން ނޫން ކަމަށާއި ފައިސާއަކީ ކާމިޔާބު ހޯދަން އެންމެ މުހިންމު ހަތިޔާރަށްވާ ދުވަހަކުން ކޯޗުކަން ނުކުރާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އޭނާ މިހެން ބުނީ މެންޗެސްޓާ ޔުނައިޓެޑުން 100 މިލިއަން ޕައުންޑަށް ޔުވެންޓަސްގެ ޕައުލް ޕޮގްބާ ގަތުމުންނެވެ.

"100 މިލިއަނަށް އެންމެ ކުޅުންތެރިއަކު ގެނެސްގެން އޭނާ އަށް އަނިޔާވެއްޖެނަމަ އެ(ފައިސާ) އެވީ އަޅިއަށް. ފައިސާއިން ކާމިޔާބު ހޯދާ ދުވަހެެއްގައި އަހަރެން ވަޒީފާ ދޫކޮށްލާނަން. ކޯޗުކަން ނުކުރާނަން. އަހަރެން ގަބޫލެއް ނުކުރަން ފައިސާ އަކީ ކާމިޔާބު ހޯދަން އެންމެ މުހިންމު ކަންތައްތައް ކަމަށް،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ފުޓްބޯޅައިގެ ކާމިޔާބީ އަކީ ޓީމެއްގެ މަސައްކަތުގެ މައްޗަށް ކަމަށާއި އޭނާ މަސައްކަތް ކުރަނީ ފައިސާއާ ދިމާ އިދިކޮޅަށް ކަމަށެވެ.
"އަހަރެން މަސައްކަތް ކުރަނީ ޓީމެއް ބިލްޑްކުރަން. ފައިސާ ހަރަދުކުރަން ވެސް ޖެހޭނެ. އެކަމަކު ފައިސާ ހަރަދު ކުރަންވާނީ ޓީމެއް ބިލްޑްކުރަން. ބާސެލޯނާއިން އެކަންކުރޭ. އަހަރެންގެ ވިސްނުމަކީ ޓީމަށް ކުޅުންތެރިއަކު ގެންނަން ޖެހޭނީ އެ ޓީމެއް ވަރުގަދަ ކުރަން އެކަށީގެންވާ ގޮތުގައި،" ބޮރޫޝިޔާ ޑޯޓްމުންޑްގެ ކުރީގެ ކޯޗު ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުން ޕޮގްބާ 100 މިލިއަން ޕައުންޑަށް ގަތްއިރު ކްލޮޕް އެންމެ އަގުބޮޑުކޮށް ކުޅުންތެރިއަކު ގަނެފައިވަނީ 30 މިލިއަން ޕައުންޑަށެވެ.