ހައިކޯޓް

ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އިއުލާންކޮށްފި

ހައިކޯޓަށް ދެ ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާންކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޝަރުތުހަމަވާ އެކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ހައިކޯޓަށް ދެ ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފައި މިވަނީ ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން ހަމަޖައްސަވުމާ ގުޅިގެން ފަނޑިޔާރުން މަދުވެފައިވަނިކޮށެވެ. ފަނޑިޔާރު ޝުޖާއު އުސްމާނު މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ދެކުނު ގޮފީގަ އެވެ.

ޝުޖާއު އުސްމާނު ދެކުނު ގޮއްޕަށް ބަދަލުކުރަން ނިންމީ، އެ ގޮފީގެ ފަނޑިޔާރުގެ ގޮތުގައި ހުންނެވި، ޑރ. އަޒްމިރަލްދާ ޒާހިރު، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަޒްމިރަލްދާގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި އައްބާސް ޝަރީފު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ދެކުނު ގޮއްޕަށް ފަނޑިޔާރުން ހަމަޖައްސާފައިވާއިރު، ހައިކޯޓުގެ އުތުރު ގޮތްޕަށް އަދި ފަނޑިޔާރުން ހަމަޖައްސަވާފައެއް ނުވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ގަވައިދުގައި ބުނާ މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެ ގޮފީގެ މަސައްކަތްތައް ފެށިފައެއް ވެސް ނުވެ އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ޝަރުތަކީ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއި އުމުރުން 25 އަހަރު ފުރިފައިވުމެވެ. އަދި ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހަކީ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވުމާއި އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރި ކަމަށް ސާބިތުވެފައިނުވުމާއެކު އެފަދަ ކުށެއް ކޮށްފައިވާނަމަ ހުކުމެއް ތަންފީޒުކޮށް ނިމިފައިވާތާ ހަތް އަހަރު ވާންޖެހެ އެވެ،

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އަސާސީ މުސާރައަށް މަހަކު 36،000ރ. އެވެ. ލިވިންގް އެލެވެންސެއްގެ ގޮތުން 15،000ރ. ދެ އެވެ. ރިސްކް އެލަވަންސަކަށް 3300ރ. ދެ އެވެ. އިތުރުން ފޯނު އެލަވެންސާއި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއެވެ.