ބޭރު ކުޅިވަރު

ރޫނީ އަށް އެންމެ މޮޅު ޓީމް މޭޓަކީ ރޮނާލްޑޯ، މޮޅު ފޯވަޑަކީ މެސީ

އޭނާއާއެކު ކުޅުނު އެންމެ މޮޅު ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށާއި އިދިކޮޅަށް ކުޅުނު އެންމެ މޮޅު ފޯވަޑަކީ ލަޔޮނަލް މެސީ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.

އިނގިރޭސި ގައުމީ ކެޕްޓަން މިހެން ބުނީ އާ ސީޒަނަށް ތައްޔާރުވުމުގެ ކުރިން ދިން އިންޓަވިއުއެއްގަ އެވެ.

"އަހަންނަށް ބުނެވޭނީ އަހަންނާއެކު ކުޅުނު ދެ ކުޅުންތެރިއަކު އެބަތިއްބޭ ހާއްސަކޮށް ފާހަގަކުރަން. އެއީ ޕޯލް ސްކޯލްސް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ. ސްކޯލްސް އަބަދުވެސް ޕާސްކުރާނީ ވިޝަންއެއް އޮވެގެން. އޭނާ މުޅި ގޭމް ކޮންޓްރޯލް ކުރޭ. ދެން ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މުޅިން ތަފާތު މީހެއް. އޭނާ ޕްރެކްޓިހުގައި ފަރުތަކުރާ ކަންތައްތައް މެޗުގައި ކުރޭ. އެއީ ގަބޫލުވެސް ކުރަން ދަތި ކަމެއް،" ރޫނީ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުގައި ރަޔަން ގިގްސް އާއި ނެމެންޖާ ވިޑިޗް އަދި ރިއޯ ފާޑިންނަންޑާއި ރޯއިކީން ފަދަ ކުޅުންތެރިންނާއެކު ކުޅުނު ރޫނީ ބުންޏެވެ.

އޭނާ ބުނީ އިދިކޮޅަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ އުނދަގޫވި ފޯވަޑް ކުޅުންތެރިއަކީ ބާސެލޯނާގެ މެސީ ކަމަށެވެ. އަދި މިޑްފީލްޑަރުންގެ ތެރެއިން އޭނާއާ ދެކޮޅަށް ކުޅުނު އެންމެ އުނދަގޫ ކުޅުންތެރިއަކީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ކަމަށެވެ.

"ޒަވީ އަކީ މުޅި ގޭމް ކޮންޓްރޯލް ކުރާ ކުޅުންތެރިއެއް. ގޭމް އަނބުރާލަން އޭނާ ވަރަށް މޮޅު،" ރޫނީ ބުންޏެވެ.

ޑިފެންޑަރުންގެ ތެރެއިން އެންމެ މޮޅީ ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ ކަމަށް ވެސް ރޫނީ ބުންޏެވެ.

އާ ސީޒަނަށް ތައްޔާރުވާއިރު ރޫނީ ބުނީ ހޯސޭ މޮރީނިއޯއާއެކު މެންޗެސްޓާ ޗެމްޕިއަން ޓީމެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް އޭނާ ވަރަށް ބޮޑަށް ގަބޫލުކުރާ ކަމަށެވެ.