- ދުވާލަކަށް 25،300ރ ދީގެން ޓަގެއް ހިފި
- ޓެންޑާ ބޯޑަށް ހުށާހަޅާފައެއް ނުވޭ
- ގިނަ މުއާމަލާތައް ކުރީ ފަރުވާ ކުޑަކޮށް
ކުނި އުކައިލުމަށް އިއުލާން ކުރުމެއް ނެތި، މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ނެގި ލޮރީތަކަށް ހަތް މަސް ދުވަހުގެ ތެރޭ 36.7 މިލިއަން ކައުންސިލުން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން އެކުލަވާލި ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލް އިން 2012 އިން ފެށިގެން، 2014 ގެ ނިޔަލަށް ކޮށްފައިވާ ހަރަދުތަކާ ގުޅޭ ގޮތުން އެކުލަވައިލި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މަސައްކަތުގެ ތަކެތީގެ އަގާއެކު 1.5 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނަމަ އެ މަސައްކަތް ކުރަންޖެހޭނީ ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެންކަން މާލިއްޔަތުގެ ގަވާއިދުގައި ބުނެފައި އޮތް ނަމަވެސް، ސިޓީ ކައުންސިލުން އެ ހުރިހާ ފައިސާއެއް ހަރަދުކޮށްފައިވަނީ ޓެންޑަ ބޯޑަށް އެންގުމަކާ ނުލައި ކަމަށެވެ.
".. އެކި ފަހަރު މަތިން ކުއްޔަށް ހިފި އުޅަނދުތަކާއި ކުލީގެ އަގު 1.5 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނަމަވެސް މި ތަކެތި ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން އަގު ހޯދައި އެ އަގުތައް އިވެލުއޭޓްކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ޓެންޑަ އިވެލުއޭޝަން ބޯޑު މެދުވެރިކޮށް ނޫންކަން ފާހަގަކުރަމެވެ،" ރިޕޯޓުގައި ބުންޏެވެ.
މި މައްސަލާގައި ސިޓީ ކައުންސިލުން ބުނީ، އުޅަނދުތައް ކުއްޔަށް ހިފާފައިވަނީ، މާލިއްޔަތުގެ ގަވާއިދުގެ 8.32 ވަނަ މާއްދާގައި ބުނެފައިވާ ފަދަ އެމަޖެންސީ ހާލަތެއް މެދުވެރިވެގެން ކަމަށެވެ. އެ ފައިސާ އަކީ ބަޖެޓް ކޮށްފައިވާ ފައިސާ އަކަށް ނުވާތީ، އެ ފައިސާ ހޯދާފައިވަނީ ފިނޭންސް މިނިސްޓްރީއަށް އަންގައިގެން އެ މިނިސްޓްރީން ކަމަށް ވެސް އޮޑިޓްގައި ވަނީ ފާހަގަކޮށްފައިވެ އެވެ.
އެމަޖެންސީ މަސައްކަތެއްގެ ގޮތުގައި ކުނި އުކާލުމުގެ މަސައްކަތް ކުރަންޖެހުނީ ކުނި ނައްތާލުމުގެ މަސައްކަތް ހަވާލުކުރި ކުންފުނިން ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރުމުން ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
ސިޓީ ކައުންސިލާއި ގުޅިފައި އޮތް ގިނަ މަސައްކަތްތަކެއްގެ މާލީ މުއާމަލާތްތައް ފަރުވާކުޑަކޮށް ހިންގާފައިވާކަން ފާހަގަކޮށްފައިވާ އެ ރިޕޯޓުގައި މާލިއްޔަތުގެ ގާނޫނުތަކާއި ހިލާފަށް އެ ކައުންސިލުން ކޮށްފައިވާ ގިނަ ހަރަދުތަކެއްގެ ތަފްސީލު ހިމަނާފައި ވެއެވެ. އެގޮތުން ތިލަފުއްޓަށް ކުނި ގެންދާ ބާޖު އުފުލަން ދުވާލަކަށް 25،300ރ. ދީގެން ތިން ދުވަހަށް ކުއްޔަށް ހިފި އިރު އެކަމާ ބެހޭ އެއްވެސް އެއްބަސްވުމެއް އެކުލަވާލާފައި ނުވާކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.