ސިވިލް ކޯޓް

ހައްލެއް ނުލިބުމުން ޕީޕީއެމް މައްސަލައިގެ ޝަރީއަތް ހިންގައިދޭން އެދެފި

މިހާރު ސިވިލް ކޯޓަށް ވައްދާފައިވާ ޕީޕީއެމްއާ ގުޅޭ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދީފައިނުވާތީ އެ މައްސަލަ ޝަރީއަތަށް ފޮނުވައިދިނުމަށް ޕީޕީއެމްއިން އެދެފި އެވެ. މިގޮތަށް އެދިފައިވަނީ މިއަދު މި މައްސަލާގައި އޮތް ޑިސްޕިއުޓް މަރުހަލާގެ ބައްދަލުވުމުގަ އެވެ.

މި މައްސަލައަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ އެންމެހާ ގުނަވަންތައް ސަސްޕެންޑް ކުރައްވައި ޕާޓީގެ ކައުންސިލްގެ ބޭރުން މަޝްވަރާ އާއި ލަފާ ހޯދުމަށް އެކުލަވާލާފައިވާ މަޖިލީހަކީ ޕާޓީގެ ކައުންސިލްގެ ރުހުމާއެކު ޕާޓީގެ ރައީސް އެކުލަވާލަންޖެހޭ މަޖިލީހެެއް ކަމަށް އަސާސީ ގަވައިދުގައި ބަޔާންކޮށްފައި އޮތްވާ އެ މަޖިލިސް އުފައްދާފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ ކޯޓަށް ވެއްދި މައްސަލައެކެވެ.

މީގެ އިތުރުން ކައުންސިލްގެ ޖަލްސާ ބާއްވާފައިނުވާތީ ޕާޓީގެ ހިންގާ ގަވައިދާ އެއްގޮތަށް ޖަލްސާތައް ބާއްވައި ދެއްވުމަށާއި އަސާސީ ގަވައިދާ ހިލާފަށް ކުރައްވާފައިވާ ކަންތައްތައް ހުއްޓުވައި ދެއްވުމަށް ވެސް މި މައްސަލާގައި އެދިފައިވެ އެވެ.

މި މައްސަލަ ކޯޓަށް ވެއްދީ، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. މައްސަލަ އަލުން ކުރިއަށް ގެންގޮސްފައި މިވަނީ މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން އެ މައްސަލަ ބާތިލުކުރުމާ ގުޅިގެން އަލުން އެ މައްސަލަ މިއަދު ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ. މައްސަލަ ބާތިލުކުރީ ދެ މެންބަރުންގެ ވަކީލުން ހާޒިރު ނުވެގެންނެވެ.

މި މައްސަލާގައި ޕީޕީއެމްގެ ފަރާތުން ކޯޓަށް ހާޒިރުވެ ވަޑައިގަންނަވާ އެ ޕާޓީގެ ޑީއެސްޖީ އަބްދުލް އަލީމް މިއަދު ވިދާޅުވީ މައްސަލައަށް ސުލްހަވެރި ހައްލެއް ލިބިފައިނުވާތީ ދައުވާކުރާ ފަރާތުން އެދޭ ގޮތަށް މައްސަލަ ޝަރީއަތަށް ފޮނުވައި ދެއްވުމަށް އެދިފަ އެވެ.

ޕާޓީގެ މަސައްކަތް މައުމޫން ހުއްޓުވާލި، މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހު މައުމޫން ވަނީ ކައުންސިލްގެ އެއްވެސް ބައްދަލުވުމެއް ނުބޭއްވުމަށް އަންގަވައި ނުރަސްމީ ދަތުރު ފުޅެއްގައި ބޭރަށް ފުރައިވަޑައިގަންފަ އެވެ. މައުމޫން ވިދާޅުވެފައިވަނީ ޕާޓީގެ ހިންގުމުގެ ކަންކަން ގެންދަންވާނީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި ޕާޓީގެ ރައީސް ރަށުގައި ވަޑައިގެން ނޫޅުއްވާ ދުވަސްތަކުގައި ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށެވެ.