އޮފްބީޓް

ހަލީލުގެ ލޮލުން ގައްޒާ: އަސަރުގަދަ ފޮޓޯތަކެއް!

އޭޕީގެ ފޮޓޯ ގްރާފަރެއް ކަމަށްވާ ހަލީލު ހަމްރާގެ ފޮޓޯތަކަކީ އެ ފޮޓޯތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާ ފޮޓޯތަކެވެ. އޭނާއަކީ ތަފާތު ފޮޓޯތަކެއް ނަގައި އެވޯޑްތައް ވެސް ހޯދާފައިވާ މީހެކެވެ. އަދި އޭނާ ހާއްސަވެފައިވަނީ ފަލަސްތީނުގައި ވީރާނާވެފައިވާ ގައްޒާގެ ފޮޓޯތައް ނަގާ ފޮޓޯ ގްރާފަރެއްގެ ގޮތުގަ އެވެ. ގައްޒާގައި އެންމެ ވަރުގަދައަށް ހަމަލާތައް ދިން އިރު ވެސް ހަލީލު ވަނީ ގައްޒާގެ ހާލަތު ފޮޓޯތަކުން ދުނިޔެއަށް ބަޔާންކޮށްދީފަ އެވެ. މިހާރު ވެސް ދަނީ ގައްޒާގެ ދިރިއުޅުން ފޮޓޯތަކުން ދައްކައިދެމުންނެވެ.

އޭނާގެ ފޮޓޯތަކަށް ބަލާލުމުން ގައްޒާގެ ހާލަތު ވަރަށް ސާފުކޮށް އެނގިގެންދެ އެވެ. އަދި އެ ރައްޔިތުން ދިރިއުޅުމުންދާ ގޮތާއި ދިރިއުޅުމުގެ ވައްޓަފާޅި ވެސް ފެނިގެންދެ އެވެ. ބައެއް ފޮޓޯތަކަށް ބަލާލަމާ ހެއްޔެވެ؟

މި ފޮޓޯއިން ފެނިގެން މިދަނީ އިޒްރޭލް އާއި ފަލަސްތީނާ ގުޅޭ ބޯޑަރު ސަރަހައްދުގައި އިޒްރޭލްގެ ސިފައިން ދިން ހަމަލާއެއްގައި ޝަހީދުވި އަހުމަދު އަލް ސާހީގެ ޖަނާޒާގެ މަންޒަރެކެވެ. ފޮޓޯއިން ފެންނަނީ އޭނާގެ މޫނު ދެއްކުމުގެ ތެރެއިން އާއިލާ މެންބަރަކު ހިތާމާ ފާހަގަކުރާ މަންޒަރެވެ.

މި ފޮޓޯއަކީ ގައްޒާގެ ރައްޔިތުންނަށް މިސްރުގެ ބޯޑަރު ހުޅުވާލާފައިވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯއިން ފެންނަނީ މިސްރަށް ވަނުމަށް ފުރުސަތު ލިބެންދެން ގައްޒާގެ ކުޑަ ފިރިހެން ކުއްޖެއް ބެންޗެއްގައި ނިދާފައި އޮތްވަ އެވެ.

މި ފޮޓޯއިން ފެނިގެން ދަނީ އިޒްރޭލްގެ ހަމަލާއެއްގައި ގެ އެއްކޮށް ސުންނާފަތިވުމުގެ ސަބަބުން ރެފިއުޖީ ކޭމްޕެއްގައި ހިޔާވަހިކަން ހޯދާފައިވާ ކުއްޖަކު ކޭމްޕް ސަރަހައްދުގައި އޮތް ފޮށިގަނޑެއް ތެރޭގައި އިނދެ ކާ މަންޒަރެވެ.

ހަލީލުގެ މޮޅު ފޮޓޯތަކުގެ ތެރެއިން މިއީ ވަރަށް ތަފާތު ފޮޓޯއެކެވެ. ގޮތް ހުސްވެ، އުފާވެރި ދިރިއުޅުމުން އެއްކޮށް މަހުރޫމުވެފައިވާ ފަލަސްތީނުގެ ދެ ފިރިހެން ކުއްޖެއް ފެން ބަޑިއަކުން ކުޅޭ މަންޒަރު މި ފޮޓޯއިން ފެނެ އެވެ. ދެ ކުދިން އުފަލުގައި ކުޅެމުންދާއިރު އެ ކުދިންގެ ވަށައިގެންވާ މާހުލުން ފެނިގެންދަނީ ވީރާނާ ކަމެވެ.

މި ފޮޓޯއިން ފެނިގެންދަނީ ކުޅޭ ބަޑިތަކެއް ހިފައިގެން ގައްޒާގެ ކުޑަ ކުދިންތަކެއް ކުޅެމުންދާ މަންޒަރެވެ. މިއީ އެ ކުދިންނަށް އަބަދު ފެންނަ މަންޒަރެކެވެ. ގައްޒާގެ މަގުމަތީ އިސްރާއިލްގެ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާ މަންޒަރު އެ ކުދިންނަށް ފެނެ އެވެ.

ފިތުރު އީދުގެ އުފާ ގައްޒާގެ ކުޑަކުދިން ފާހަގަކުރަމުންދާ މި ފޮޓޯއަކީ ވެސް ހަލީލުގެ ތަފާތު ފޮޓޯއެކެވެ. މި ފޮޓޯއިން ފެނިގެން ދަނީ އީދުގެ އުފަލުގައި ގައްޒާގެ މަގުމަތީ ކުޑަ ކުދިންތަކެއް މަޖާކޮށް، އުނދޯލި އަނބުރާ މަންޒަރެވެ.

މީގެއިތުރަށް ވެސް ހަލީލުގެ ރީތި ގިނަ ފޮޓޯތަކެއް އެބަ ހުއްޓެވެ. ބައެއް ފޮޓޯތައް ތިރީގައި މިވަނީ އެވެ.