އޮފްބީޓް

ސަޝާ އޮބާމާ: ވައިޓް ހައުސްގެ އަރާމު ދޫކޮށް ވެއިޓަރަކަށް!

އެމެރިކާގެ ރައީސް ބަރަކް އޮބާމާއަކީ އެހެން ރައީސުންނާ ތަފާތުކޮށް، ރައްޔިތުންނާ ގުޅިގެން ރައްޔިތުންނާ އެއް ފެންވަރެއްގައި ދިރިއުޅުއްވުމަށް އަބަދުވެސް ލޯބިކުރައްވާ ރައީސެކެވެ. އޮބާމާގެ ދެ ދަރިކަނބަލުންނަށް ވެސް ދެއްވާ ތަރުބިއްޔަތަކީ އެއީ އެވެ. މީހުންނާ ގުޅިގެން އުޅުއްވުމަށެވެ. އެގޮތުން ސަޝާ އޮބާމާ މިވަނީ ބައްޕާފުޅުގެ އަޑުއައްސަވާ ބައްޕާފުޅު ދެއްކި މަގުން ހިންގަވަން ފައްޓަވާފަ އެވެ.

ހޫނު މޫސުމުގެ ޗުއްޓީއަށް ސަޝާ އިހުތިޔާރުކުރީ ހިތްގައިމު ގޮނޑުދޮށަކަށް ގޮސް ޗުއްޓީ ހޭދަކުރައްވާކަށް ނޫނެވެ. ވަޒީފާއެއް އަދާކުރައްވާށެވެ. އެގޮތުން ސަޝާގެ ޗުއްޓީގައި އޭނާ ވަނީ ސީފުޑް ރެސްޓޯރެންޓެއްގެ ވެއިޓަރުގެ ވަޒީފާ އަދާކުރަން ފައްޓަވާފަ އެވެ. މެސެޗޫސެޓްސްގައި ހުންން މި ރެސްޓޯރެންޓަކީ ބަރަކް އޮބާމާ އާއި އަނބިކަނބަލުން ވަރަށް ގިނައިން ފަރިއްކުޅުއްވަން ވަޑައިގަންނަވާ ރެސްޓޯރެންޓެކެވެ.

ރެސްޓޯރެންޓްގައި ސަޝާގެ މަސައްކަތަކީ ކައުންޓަރު ބެލެހެއްޓުމާއި ޓޭކްއަވޭތައް ދިނުމާއި މޭޒުމަތި ސާފުކުރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސަޝާ އެ ރެސްޓޯރެންޓްގައި މަސައްކަތްކުރައްވާ ވަގުތުތަކުގައި އެތަނުގައި ސީކްރެޓް ސާވިސްގެ ހަ އޭޖެންޓުން ހަރަކާތްތެރިވެ އެވެ.

ސަޝާ މަސައްކަތްކުރައްވަނީ ރެސްޓޯރެންޓްގައި އެހެން މުވައްޒަފުން ވެސް ލައިގެން އުޅޭ ނޫކުލައިގެ ޓީޝާޓާއި ތޮފި އަޅުއްވައިގެންނެވެ.

"އޭނާ މަސައްކަތްކުރާއިރު ހަ މީހުން އޭނާއަށް އެހީވޭ، އެއީ ކީއްވެބާއޭ ހިތަށް އެރި، ފަހުން އެނގުނީ އެއީ ކާކުކަން، އެއީ ސަޝާ އޮބާމާކަން،" އެ ތަނުގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.

މީޑިއާތަކުގައި މި ވާހަކަ ރިޕޯޓްކޮށްފައިވީ ނަމަވެސް މިހާތަނަށް މިކަމާ ގުޅިގެން މިހާތަނަށް ވައިޓް ހައުސްއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް މިޝޭލް އޮބާމާ ވަނީ ދެ ދަރިކަނބަލުން ވެސް ބޮޑުކުރަން ބޭނުން ވަނީ ވީހާވެސް އާދައިގެ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަޝާ މަސައްކަތް ކުރައްވާ އިރު ސަޝާގެ ސެކިއުރިޓީ ޓީމް އެ ރެސްޓޯރެންޓް ކައިރީގައި ކާރެއްގައި ނުވަތަ އެތާގެ ބެންޗުގައި އިށީނދެ ތިބެ އެވެ.