ފިނިޕޭޖް

އިންޑިއާގެ ޗެނެލަކާއެކު ދިވެހި ފިލްމީ ތަރިންނަށް ކޯސްތައް ހިންގައިދޭނެ: މަނިކު

ފިލްމީ ދާއިރާގެ ފެންނާނުންނަށް ތަމްރީނު ކޯސްތައް ހިންގުމަށް ޕީއެސްއެމް ނިންމައި، އިންޑިއާގައި އެންޓަޓައިންމެންޓްގެ މަޝްހޫރު ޗެނަލްއަކާއެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ. އެކްޓް ކުރުމާއި ކެމެރާކުރުން ފަދަ ކޯސްތައް ޕީއެސްއެމްއިން ވަރަށް އަވަހަށް ފަށާނެ އެވެ.

ހަތަރުވަނަ މޯލްޑިވްސް ފިލްމް އެވޯޑްސް (އެމްއެފްއޭ އެވޯޑްސް) ލޯންޗް ކުރުމަށް މިރޭ ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް އުމަރު މަނިކް ވިދާޅުވީ، ޕީއެސްއެމްއިން ދާދިފަހުން އިންޑިއާގެ މުންބާއީއަށް ކުރި ދަތުރުގައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް ފިލްމީ ދާއިރާގެ ފަންނާނުންނަށް އެކި ކޯސްތައް ހިންގުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެ ކޯސްތައް ހިންގާނީ ޕީއެސްއެމްގައި މިހާރު އުފައްދާފައިވާ އިންސްޓިޓިއުޓާއި އެ ފަރާތްތަކާ ގުޅިގެން ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

ފިލްމީ ފަންނާނުން އުފައްދާ އުފެއްދުންތަކަށް ފައިސާ ހޯދުމަކީ އުނދަގޫ ކަމެއް ކަމަށްވެފައިވާއިރު މަނިކު ވިދާޅުވީ، އެކަމަށް ވެސް ހައްލެއް ގެނެސް ދޭން ޕީއެސްއެމްއިން މަސައްކަތްކުރަމުން އަންނަ ކަމަށާއި ފިލްމީ ދާއިރާގެ ފަރާތްތަކަށް ހާއްސަ ލޯނެއް ތައާރަފުކުރުމަށް އިކޮނޮމިކް މިނިސްޓްރީއާ ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އެ ލޯނަކީ ޕްރޮޑަކްޝަން ހައުސްތައް އުފައްދައި އެފަދަ ތަންތަން ކޮޅަށް ޖެހުމަށް ދޫކުރާނެ ލޯނެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އަހަރު މި ދެންނެވި ފުރުސަތުތައް ތި ބޭފުޅުންނަށް ހުޅުވިގެން ދާނެ، މި ދެންނެވި ޕްރޮޑަކްޝަންތައް ހައުސްތައް ހެދުމުގެ އެއް މަގުސަދަކީ ޕީއެސްއެމްއަށް ވަރަށް ގިނަ ޕްރޮގްރާމްތަކަށް މިހާރު ބޭނުން ޖެހިފައިވުން. އަޅުގަނޑުމެންގެ އޮތީ ވަރަށް ބޮޑަށް އައުޓް ސޯސްކުރުމުގެ ވިސްނުމެއް، ވިސްނުން ހުރީ ތިޔަ ބޭފުޅުންނަށް ފައިސާ އާއި ވަސީލަތްތައް ފޯރުކޮށްދީގެން އެކަމަށް ފުރުސަތު ހުޅުވާލަން،" މަނިކު ވިދާޅުވި އެވެ.

މަނިކު ވަނީ ފިލްމީ ފަންނާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް ފަންނާނުން އެކަކު އަނެއްކަށް އިހުތިރާމްކުރުމަށް ވެސް އެދިވަޑައިގެންފަ އެެވެ. އަދި ވިދާޅުވީ މިހާރު ވެސް ދާއިރާއަށް ހާއްސަ މަސައްކަތްތައް ޕީއެސްއެމްގައި އެބަހުރި ކަމަށާއި ނަމަވެސް ޕީއެސްއެމް އާއި ފަންނާނުންނާ ދެމެދު ވެސް މިހާތަނަށް ޖެހިފައި އޮތީ އިތުބާރުގެ މައްސަލަ ކަމަށެވެ.

"ފިލްމް އެސޯސިއޭޝަން ތެރޭގައި އޮންނަން ޖެހޭ އެކަކު އަނެއްކާ އިހުތިރާމްކުރުމުގެ އުސޫލު، އެބައި އަށަގަންނަވަން އެބަޖެހޭ. މިއަދު އަބުރާ ބެހޭ ބިލެއް ގާނޫނެއްގެ ސިފައިގައި އަންނަން ޖެހިފައި މިވަނީ ވެސް އިހުތިރާމު ނުކުރުމުގެ ބައި ރާއްޖޭގައި ބޮޑުވެގެން،" މަނިކު ވިދާޅުވި އެވެ.

ޕީއެސްއެމް ގެނެސްދިން އެންމެ ކާމިޔާބު ޝޯ ކަމަށްވާ މޯލްޑިވިއަން އައިޑޮލް ފަދައިން އެމްއެފްއޭ އެވޯޑްސް ޕްރޮމޯޓްކޮށް އެ ފެންވަރުގައި މި އެވޯޑް ހަފުލާ ބާއްވައިދޭނެ ކަމުގެ ޔަގީންކަން ވެސް މަނިކު މިރޭ ދިވެހި ފިލްމީ ފަންނާނުންނަށް ދެއްވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ފިލްމް އެސޯސިއޭޝަންގެ ޗެއާމަން މުހައްމަދު އަބްދުﷲ (މުހަންމާ) ވިދާޅުވީ، ޕީއެސްއެމް މި އެވޯޑް ބާއްވައި ދިނުމަކީ ފިލްމީ ފަންނާނުން ވަރަށް އުފާވާ ކަމެއް ކަމަށާއި ޕީއެސްއެމްއިން މި އެވޯޑް ހަފުލާ ވަރަށް ފެންވަރު ރަނގަޅުކޮށް ބާއްވައިދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި މި އެވޯޑް ވެގެންދާނީ މީގެ ކުރިން ބޭއްވި ތިން އެވޯޑު ހަފުލާ އަށްވުރެ ފުރިހަމަ ހަފުލާއަކަށް ކަމަށް ވެސް މުހަންމާ ވިދާޅުވި އެވެ.

މުހަންމާ ވެސް ވަނީ މިހާރު މަޖިލީހަށް ވައްދާފައިވާ އަބުރުގެ ބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. މުހަންމާ ވިދާޅުވީ، އަބުރުގެ ބިލާ ގުޅިގެން ފިލްމް އުފެއްދުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމެޓީގައި އޭނާ ވަނީ އެބިލާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފަ އެވެ.

މީގެ ކުރިން އައުޓް ސޯސްކޮށްގެން ބޭއްވި މި އެވޯޑް ހަފުލާ މިފަހަރު ޕީއެސްއެމްއިން ބާއްވާއިރު މި އެވޯޑް ހަފުލާ އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.