ފިނިޕޭޖް

ހަތަރުވަނަ އެމްއެފްއޭ އެވޯޑްސް ލޯންޗުކޮށްފި

ފިލްމީ ދާއިރާގެ ފަންނާނުންގެ އަގު ވަޒަންކުރުމުގެ ގޮތުން ފިލްމް އެސޯސިއޭޝަނުން ބާއްވާ މޯލްޑިވްސް ފިލްމް އެވޯޑްސް މިރޭ ލޯންޗުކޮށްފި އެވެ. މިއީ މި އެވޯޑްސް ބާއްވާ ހަތަރުވަނަ އަހަރެވެ. މި އަހަރު މި އެވޯޑް ބާއްވަނީ ޕީއެސްއެމްއިންނެވެ.

ދިވެހިރާއްޖޭގެ އަޑުގައި މިރޭ މި އެވޯޑްސް ލޯންޗް ކުރުމަށް ބޭއްވި ހަފުލާގައި އެވޯޑް ލޯންޗް ކޮށްދެއްވީ، ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް އުމަރު މަނިކެވެ. ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މަނިކު ވަނީ މޯލްޑިއަން އައިޑޮލް ޕީއެސްއެމް ގެނައި ފެންވަރުގައި އެމްއެފްއޭ އެވޯޑްސް ވެސް ގެނެސްދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މި ހަފުލާގައި މަނިކު ވަނީ ފިލްމީ ފަންނާނުންނަށް އުފާވެރި ހަބަރުތަކެއް ވެސް ދެއްވާފަ އެވެ. އެގޮތުން ފަންނާނުންނަށް ހާއްސަ ކޯސްތަކެއް ޕީއެސްއެމް ހިންގާނެ ކަމަށް ވިދާޅުވިއިރު ފަންނާނުންނަށް ހާއްސަ ލޯނެއް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ލޯންޗު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި ފިލްމް އެސޯސިއޭޝަންގެ ޗެއާމަން މުހައްމަދު އަބްދުﷲ (މުހަންމާ) ވިދާޅުވީ، ޕީއެސްއެމް މި އެވޯޑް ބޭއްވުމަކީ ފިލްމީ ފަންނާނުން ވަރަށް އުފާވާ ކަމެއް ކަމަށާއި ޕީއެސްއެމްއިން މި އެވޯޑް ހަފުލާ ވަރަށް ފެންވަރު ރަނގަޅުކޮށް ބާއްވައިދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. މި އެވޯޑް ވެގެންދާނީ މީގެކުރިން ބޭއްވި ތިން އެވޯޑު ހަފުލާ ފުރިހަމަވާނެ ކަމަށް މުހަންމާ ވިދާޅުވި އެވެ.

މީގެކުރިން އައުޓް ސޯސްކޮށްގެން ބޭއްވި މި އެވޯޑް ހަފުލާ މިފަހަރު ޕީއެސްއެމްއިން ބާއްވާއިރު މި އެވޯޑް ހަފުލާ އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މިރޭ އަޑުގައި ބޭއްވި ހަފުލާގައި ގިނަ އަދަދެއްގެ ފިލްމީ ތަރިން ވަނީ ބައިވެރިވެފަ އެވެ.