- މަޝްރޫއުގެ އަގަކީ 300 މިލިއަން ޑޮލަރު
- ޓާމިނަލް ނިންމާނީ 2018 ގައި
- ލޯނު ދައްކަން 20 އަހަރު ލިބޭނެ
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ އާ ޕެސެންޖަރު ޓާމިނަލް އަޅަން ކުވޭތު ފަންޑު ފޯ އެރަބް އިކްނޮމިކް ޑިވެލޮޕްމެންޓުން 50 މިލިޔަން އެމެރިކާ ޑޮލަރުގެ (ގާތްގަނޑަކަށް 771 މިލިޔަން ދިވެހި ރުފިޔާ) ލޯނެއް ދީފި އެވެ. މިއީ އާ ޓާމިނަލް އަޅަން އެއްބަސްވުމުގައި ސޮއި ކުރި ފުރަތަމަ ލޯނެވެ.
ސްޓެލްކޯގައި ބައްދަލުވުންތައް ބާއްވާ ކޮޓަރީގައި މިއަދު ބޭއްވި ލޯނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ހަފްލާއެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. އަދި ކުވޭތު ފަންޑު ފޯ އެރަބް އިކްނޮމިކް ޑިވެލޮޕްމެންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑިރެކްޓަރު ފޯ އިކޮނޮމިކް ޑިވްލޮޕްމަންޓް ހިޝާމް އަލްއަހްޔާން އެވެ.
އައިއެންއައިއޭ ތަރައްގީ ކުރުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއުގެ ދަށުން އަޅާ މުޅިން އާ ޕެސެންޖަރު ޓާމިނަލް ތަަރައްގީކުރަނީ ސައޫދީ ބިލްދާލިން ގްރޫޕުންނެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 300 މިލިއަން ޑޮލަރެވެ. މި ޓާމިނަލްގެ މަސައްކަތް ވެސް 2018 ވަނަ އަހަރު ނިންމޭނެ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ މި ލޯނު ދެއްކުމަށް 20 އަހަރު ލިބޭނެ ކަމަށެވެ.
"މީއީ މިގޮތަށް ދޭ ފުރަތަމަ ލޯނު. އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަކީ 800 މިލިއަން ޑޮލަރަށްވުރެ ބޮޑު ޕްރޮޖެކްޓެއް. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު. މި މަޝްރޫގެ މުހިންމުކަން ބޮޑުވަނީ އިގްތިސޯދުގެ ހުރިހާ ހަރަކާތް ތަކެއް ސީދާ ގުޅިފައިވަނީ މި މަޝްރޫއަށް،" މުނައްވަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުވޭތު ފަންޑަކީ ރާއްޖޭގެ ގިނަ މަޝްރޫއުތަކަށް މާލީއެހީތެރިކަން ދެމުން ގެންދާ ޖަމިއްޔާއެއް ކަމަށެވެ.
"ވޭތުވެދިޔަ 40 އަހަރު ތެރޭގައި ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވޭ. ކުވޭތު ފަންޑުން ރާއްޖެއަށް ވެދެމުން އަންނަ އެހީތަކަށް ޝުކުރު ދަންނަވަން،" މުނައްވަރު ވިދާޅުވި އެވެ.
އާ އިންޓަނޭޝަނަލް ޓާމިނަލް
- 78،000 ސްކޮޔާ މީޓަރު ބޮޑު
- 40 ޑީޕާޗާ ގޭޓް
- 38 އިމިގްރޭޝަން ކައުންޓަރު
- ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
- ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
- ޒަމާނީ ބެގެޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
- ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
- ފިއުލް ހައިޑްރެންޓް ސިސްޓަމް
މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު އަދި އެއާޕޯޓް ޑިވްލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ ޗެއާ، މުހައްމަދު ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ ކުރިއަރައިގެންދާ ވަރު ދައްކުވައިދޭ ކަމަށެވެ.
"މީގެން އެނގެނީ ވިޔަފާރީގެ ވެށި ޓްރާންސްފޯމްގެ އެހެން ލެވަލްއަކަށް ދާތަން،" ސައީދު ވިދާޅުވި އެވެ.
އެއާޕޯޓް ތަރައްގީ ކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފައިވާ ގޮތުގައި އާ ޕެސެންޖަރު ޓާމިނަލް ނިމުމުން މިހާރު ބޭނުންކުރަމުން ގެންދާ ޓާމިނަލް ވެގެންދާނީ ޑޮމެސްޓިކް ޓާމިންލަ އަށް ކަމަށެވެ.