ލައިފްސްޓައިލް

އެ އުޅެނީ ލޯބިވާ ވާހަކަ ބުނަން!

ލޯތްބަކީ ވަރަށް އެހެން ކަހަލަ އެއްޗެކެވެ. ގިނަ ފަހަރަށް ލޯބި ވިޔަސް އެކަން ދައްކަން ނުވަތަ އޭގެ ވާހަކަ ދައްކަން މީހުން ޖެހިލުންވެ އެވެ. މީހަކު ދެކެ އިޝްގީ ލޯބިވާ ވާހަކަ ބުނުމަކީ އެހާ އުނދަގޫ ކަމެކެވެ. ޖެހިލުންވާ ކަމެކެވެ. އެކުގައި އުޅުނަސް ގިނަ ފަހަރަށް އޮންނަނީ ބުނަން ނުކުރެވިފަ އެވެ. ދެ މީހުން ލޯބިވިޔަސް، އަނެއްކާ ބުނޭތޯ އިންތިޒާރުގައި ހުންނަނީ އެވެ.

ތިމާ ގަޔާވާ، މީހާ ވެސް ތިމާ ދެކެ ލޯބިވޭތޯ ބަލަން ގިނަ މީހުން ބޭނުންވެ އެވެ. ތިމާ ލޯބިވެ، އޭނާ ލޯބި ނުވާނަމަ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުމަށް ވެސް ބުރު އަރަ އެވެ. އެހެންކަމަށްވާނަމަ މި ނިޝާންތަކަކީ އެމީހަކަށް މުހިންމު ނިޝާންތަކަށްވާނެ އެވެ. ބައިވެރިޔާ ތިމާ ދެކެ ލޯބިވެ، ލޯބިވާ ވާހަކަ ބުނަން އުޅޭނަމަ މި ނިޝާންތައް އެ މީހެއްގެ ފަރާތުން ފެންނާނެ އެވެ.

ދުރުދުރުން ލޯބީގެ ވާހަކަ ދެއްކުން

ތިމާ ލޯތްބާމެދު ދެކޭ ގޮތް އޮޅުން ފިލުވަން މަސައްކަތްކުރާނެ އެވެ. އަދި އަބަދުވެސް ލޯބީގެ ވާހަކަ ދެއްކުމަށް އުޅޭނެ އެވެ. ލޯބީގެ މައުލޫގައި ތަފާތު ވާހަކަތައް ކިޔައިދީ، ދުރުދުރުން މީހުންނަށް ދިމާވެފައިވާ ލޯބީގެ ހާދިސާތަކާއި ތިމާގެ ދިރިއުޅުމާ ގުޅުވަން ލޯބިވާ ވާހަކަ ބުނަން އުޅޭ މީހަކު މަސައްކަތްކުރާނެ އެވެ.

"ވަރަށް ލޯބިވެޔޭ!" އޭ ބުނުމަކީ އުނދަގޫ ކަމަކަށް ގިނަ މީހުންނަށްވާއިރު، ފުރަތަމަ ބަލާނީ ލޯބީގެ ވާހަކަތައް ދުރުދުރުން ދައްކައި އެ ހިސާބަށް ދެވޭތޯ އެވެ.

ތިމާއަށް ކަމުދާ ގޮތްތަކަށް ލޯބިކުރުން

އެމީހަކު ތިމާދެކެ ލޯބިވާނަމަ، ތިމާ ގަޔާވާ ކަންކަން ކުރުމަށް އިސްކަންދޭނެ އެވެ. ތިމާ ގަޔާވާ ގޮތަށް އުޅޭނެ އެވެ. ކަމުދާ ކަންކަން ކުރާނެ އެވެ. ކަމުދާ ގޮތަށް ހެދުން އަޅާނެ އެވެ. ކަމުދާ ކަންކަން އޮޅުން ވެސް ފިލުވާނެ އެވެ.

ތިމާއަށް އުފާ ލިބޭ ކަންކަން އެމީހަކު ތިމާއަށް ކޮށްދޭނެއިރު އެފަދަ ތަންތަނަށް އެކުގައި ގޮސް މަޖާކުރުމަށް ވެސް މަސައްކަތްކުރާނެ އެވެ. އެންމެ މުހިންމު ކަމަކަށް ތިމާއަށް ކަމުދާ ގޮތަށް ރީތިވެ، ހެދުން އެޅުމަށް އެމީހަކު ވަރަށް މަސައްކަތް ކުރާނެ އެވެ. އެކީގައި ފިހާރައަށް ހެދުން ގަންނަން ދިޔުން ވެސް އިތުރުވާނެ އެވެ. ތިމާއަށް ކަމުދާ އެއްޗެއްސަށް އެމީހަކު ވެސް ލޯބިކުރަން ފަށާނެ އެވެ.

މިފަދަ އަމަލުތައް ފެންނަނަމަ އެމީހަކު އެހުރީ ތިމާ ދެކެ ލޯބިވެފަ އެވެ. ނަމަވެސް ބުނަން އަދި ޖެހިލުންވެފަ އެވެ.

ކުދިކުދި ކަންކަމުން "ލޯބި" ހާމަކުރުން

ހެނދުނު ނިދައިގެން ހޭލާއިރު، މާބޮނޑިއެއް ފޮނުވާފައި އޮވެދާނެ އެވެ. ނޫނީ އެންމެ ކަމުދާ ކޭކެއް ނުވަތަ އެހެން ވެސް ކާ އެއްޗެއް ފޮނުވަދާނެ އެވެ. މިކަހަލަ ކުދިކުދި ކަންތަކުން ތިމާ އުފާކޮށްފައި ބަހައްޓަން ލޯބިވާ މީހަކު ނަމަ މަސައްކަތްކުރާނެ އެވެ.

ގޮތަކަށް ބުނާނަމަ "ރިޝްވަތު" ދީގެން ތިމާގެ ހިތް އަތުލަން އަތުކުރި އޮޅައިގެން ހޭވައްޓާލާފައި މަސައްކަތްކުރާނެ އެވެ. ކުދިކުދިން ކަންތައްތައް ކޮށްދީ، ތިމާއަށް ލޯބި އިހުސާސްކޮށްދީފައި ބަހައްޓާނީ ތިމާގެ ހިތް އަތުލަން މަސައްކަތްކުރާ މީހެކެވެ. ކުދި ހަދިޔާތައް ދެމުން ގޮސް، ދެން ދޭނީ ބޮޑު ހަދިޔާ އެވެ. ލޯބިވާ ވާހަކަ ބުނާނީ އެވެ.

ގެ ވެސް ތިމާއަށް ހާއްސަކޮށްލުން

ދިރިއުޅޭ ކޮޓަރި ނުވަތަ އެޕާޓްމެންޓްގެ ފަރުނީޗަރުތައް ވެސް ތިމާއަށް ކަމުދާ ގޮތަށް ބަދަލުކޮށްލާނެ އެވެ. ފަރުނީޗަރު އެކަންޏެއް ވެސް ނޫނެވެ. ގޭގެ އެންމެ ކުދިކުދި އެއްޗެހި ވެސް ތިމާއަށް ކަމުދާ ގޮތަށް ބަދަލުކޮށްލާނެ އެވެ. އެޕާޓްމެންޓްގެ ކުލައާއި އެހެން ވެސް ކަންކަން ތިމާ ގަޔަވާ ގޮތަށް ބަދަލުކޮށްލާނެ އެވެ.

ލޯބިވާ މީހަކު އެންމެ ބޮޑަށް މަސައްކަތްކުރާނީ ތިމާ އުފަލުގައި ބަހައްޓާށެވެ. އަދި އެމީހަކު ދެކެ ތިމާ ވެސް ލޯބިވާ ގޮތަށް އުޅުމަށެވެ. އޭނާއަށް ވެސް ރީތިވެ ގަޔާވަނީ ތިމާއަށް ކަމުދާ ގޮތްތަކެވެ.

އެކުގައި ބޭރަށް ދިޔުން ގިނަވުން

އަބަދުވެސް އެކިއެކި ތަންތަނަށް ތިމާއެކު ދާން ބޭނުންވާނެ އެވެ. އެކީގައި ރޭގަނޑު ކާން ދިޔުމަށް ވެސް ބޭނުންވާނެ އެވެ. މިގޮތަށް ދާއިރު، އެކި ތަންތަނަށް ދިޔުމަށް ވެސް އިސްކަންދޭނެ އެވެ.

ގިނައިން ޑޭޓްތަކަށް ދާން ބޭނުންވެފައި ލޯބިވާ މީހަކު ނަމަ ހުންނާނެއިރު، އެހެން ޑޭޓަކަށް ގެންގޮސް ތިމާއަށް ކޮންމެފަދަ ސަޕްރައިޒެއް ދިނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ތައްޔާރުވެ ހުންނާށެވެ. މިހެން އުޅޭނަމަ މިއީ އެމީހަކު ތިމާދެކެ ލޯބިވާ ކަމުގެ ވަރަށް ބޮޑު ނިޝާނެކެވެ.