ބޭރު ކުޅިވަރު

ސަޕޯޓަރުން އިހްތިރާމް ނުކުރާނަމަ ނޭމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ!

ސަޕޯޓަރުންގެ އޭނާ އަށް އިހްތިރާމް ނުކުރާނަމަ ބްރެޒިލްގެ ކެޕްޓަން ނޭމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އެގައުމުގެ ކޯޗު ބުނެފި އެވެ.

ބްރެޒިލްގެ ކޮޗު ރޮގޭރިއޯ މިކޭލް މިހެން ބުނީ އަމިއްލަ ގައުމުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ފުޓްބޯޅަ މުބާރާތުގައި ނޭމާ އަށް ރަނގަޅު ކުޅުމެއް ނުދެއްވި ޓީމަށް ކާމިޔާބު ނުލިބިދާން ފެށުމުން ސަޕޯޓަރުން ހޯއްގޮވަން ފެށުމުންނެވެ.

"އަހަރެން އެދެނީ ސަޕޯޓަރުން އޭނާ އަށް އިހްތިރާމް ކުރުމަށް. ބައެއް ފަހަރު އޭނާގެ އަމަލުތައް އަހަރުމެންނަށް ގަބޫލު ނުކުރެވިދާނެ. އެކަމަކު އެހެން އެވަނީ އޭނާ މާޅަވީމަ. އަހަރުމެން ހަނދާން ކުރަންޖެހޭނެ ނޭމާ އަކީ ކުރިއަށް އޮތްތަނުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާނެ މީހެއްކަން،" ރޮގޭރިއޯ ބުންޏެވެ.

އޮލިމްޕިކްސްގައި ސައުތުއެފްރިކާ އާއި އިރާގާކުޅެ ލަނޑެއް ނުޖެހި އެއްވަރުވުމުން މުބާރާތުގެ ގްރޫޕް ސްޓޭޖުން ބްރެޒިލް ކެޓުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. ސަޕޯޓަރުން ހިތްހަމަނުޖެހުނީ މިހެންވެ އެވެ.

ނަމަވެސް ކޯޗު ބުނީ ނޭމާ އަކީ އުމުރުން 17 އަހަރުން ފެށިގެން ލީޑްކުރަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި އޭނާގެ އުމުރާ ނުގުޅޭ ޕްރެޝަރު ނަގަން ޖެހިފައިވާ ކަމަށެވެ.

"އާއްމުކޮށް މިފަދަ ޕްރެޝަރު ނަގަން ޖެހިފައިވަނީ 27 ނުވަތަ 28 އަހަރުގައި. އޭނާގެ އުމުރުން އަދި އެންމެ 24 އަހަރު. މިހެންވީމަ އަހަރުމެން އެންމެނަށް ގަބޫލުނުކުރެވޭ ގޮތަށް ބައެއް ކަންތައްތައް ހުންނަނީ ވެސް. އެކަމަކު އަދި ދުވަސްވީމަ މެޗުއާ ވާނެ. އޭނާއަށް އިހްތިރާމް ކުރުމަކީ އެންމެ ރަނގަޅުގޮތް،" ބާސެލޯނާގެ ފޯވަޑާ ބެހޭ ގޮތުން ކޯޗު ބުންޏެވެ.