ބޭރު ކުޅިވަރު

ރަނިއޭރީ ކޮންޓްރެކްޓް އާކޮށްފި

ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ކޮންޓްރެކްޓް އާކޮށްފި އެވެ.

ހުސްވި ސީޒަނުގައި އޭނާ ޗެމްޕިއަންކަން ހޯދައިދިން ޓީމާއެކު ހެދި އާކޮންޓްރެކްޓްގެ ދަށުން ރަނިއޭރީ 2020 ވަނަ އަހަރު އަހަރުގެ ނިޔަލަށް އެކުލަބުގައި ހުންނާނެ އެވެ.

އުމުރުން މިހާރު 64 އަހަރުގެ ޗެލްސީގެ ކުރީގެ ކޯޗު ކޮންޓްރެކްޓް އާކުރިއިރު ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ޖިމީ ވާޑީ އާއި ގޯލްކީޕަރު ކެސްޕާ ޝުމައިކަލް އަދި ވެސް މޯގަން ވަނީ މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅޭ ޓީމާއެކު ކޮންޓްރެކްޓް އާކޮށްފަ އެވެ.

ރަނިއެރީ ބުނީ މިދިޔަ ސީޒަނުގައި ކުޅުންތެރިންނާއި މެނޭޖްމަންޓުން ގުޅިގެން ކުރި މަސައްކަތް މި ސީޒަނުގައި ވެސް ކޮށްފިނަމަ ކާމިޔާބީ ތަކުރާރު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ލެސްޓާ ސިޓީގެ ކުޅުންތެރިންނަށް އެކުލަބުގެ ވެރިޔާ އަދި ތައިލެންޑް މަހުޖަނު ވަނީ މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބު ކުރުމން ހަދިޔާއަކަށް ބީއެމްޑަބްލިއޔު ދެ ވަނަ ކެޓަގަރީގެ ކާރު ގަނެދީފަ އެވެ. މިއިން ކާރެއްގެ މަގުމަތީ އަގަކީ 32000 ޕައުންޑެވެ.