ބޭރު ކުޅިވަރު

ޕްރެމިއާ ލީގު: މިފަހަރަކީ ކޯޗުންގެ ފަހަރެއް

އިނގިރޭސި ޕްރެމިއާ ލީގުގެ އާ ސީޒަން މާދަމާ ފަށާނެ އެވެ. މިފަހަރު އެހެން އަހަރުތަކާ ހިލާފަށް ޓީމުތައް ވަނީ މާބޮޑަށް ވެސް ވަރުގަދަކޮށްފަ އެވެ. ތައްޓަށް ވާދެކުރާނެ ކަމަށް ބެލެވޭ ހަތް ޓީމު އެބައޮތެވެ. އެކަމަކު މޮޅު ކޯޗުންނާއެކު މިއިން ކޮންމެ ޓީމަކަށް ކުރިމަތިވާނެ ސުވާލެއް އެބައޮތެވެ.

މެންޗެސްޓާ ސިޓީ

ސިޓީގެ އާ ކޯޗަކީ ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ. އޭނާ އެންމެ ފަހުން ހުރި ބަޔާން މިއުނިކްގައި ގާޑިއޯލާ އިސްކަންދީފައިވަނީ ދެ އަރިމަތިން ކުޅުނު ހަލުވި ކުޅުންތެރިންގެ ބޭނުން ހިފާށެވެ. ޓީމުގެ ކުރި ބައްޓަންކުރީ ކުޅުނީ ވަރުގަދަ އެންމެ ފޯވަޑަކަށެވެ.

މިއާ ހިލާފަށް ސިޓީގައި ގާޑިއޯލާ ބޭނުން ގޮތަކަށް ކުޅިބައި އަތުލާރަން ހުނަރުވެރި ކުޅުންތެރިން އެބަތިއްބެވެ. ޑޭވިޑް ސިލްވާ އަކީ ޕާސިން ރަނގަޅު މޮޅު ކުޅުންތެރިއެކެވެ. ފޯވަޑް ސާޖިއޯ އަގުއެރޯ އަކީ ޕްރެމިއާ ލީގުގައި ހުރި އެންމެ ހަލުވި ފޯވަޑެވެ. ކެވިން ޑެބްރޫނޭ އަކީ ކައުންޓަ އެޓޭކިންގައި ފޯވަޑެއްގެ ފަހަތުން ކުޅެން އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ޖީސަސް ނަވާސް އާއި ރަހީމް ސްޓާލިން އަދި ލެރޯއީ ސާނޭ ޓީމުގެ ސްޕީޑް އިތުރަށް ބާރުކޮށްދޭނެ އެވެ.

މެދުތެރެއިން ގުންޑޮގަން އަކީ ދުނިޔެ ދެކެފައިވާ މޮޅު ކުޅުންތެރިއެެއް ނޫނެވެ. މިހެންވެ ސިޓީ ކުޅޭނެ ކަމަށް ބެލެވެނީ ކައުންޓަ އެޓޭކިން ގޭމެކެވެ.

ޔުނައިޓެޑްގެ ސްޓައިލާއި ޕޮގްބާ

މެންޗެސްޓާ ޔުނައިޓެޑް ކޮމިއުނިޓީ ޝީލްޑް މެޗުގައި ކުޅުނީ 4-2-3-1 ފޯމޭޝަނަށެވެ. ނަމަވެސް މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕައުލް ޕޮގްބާ އަށް މާކަމުދާ ސްޓައިލެއް ނޫނެވެ. އޭނާ އަކީ މެދުތެރޭގައި މުޅި ދަނޑުގައި ވަރުބަލިވުމެއްނެތި ދުވާ ކުޅުންތެރިއެކެވެ. ވީހާ ބޮަޑަށް ފްރީރޯލެއް ބޭނުންވާ އަދި އެޓޭކް ކުރަން ބޭނުންވާ ކުޅުންތެރިއެކެވެ. ޔުވެންޓަސްގައި ޕޮގްބާ މޮޅު ކުޅުމެއް ދައްކަނީ 3-5-2 ސިސްޓަމުގައި އޭނާ އަށް މިޖާގަ ލިބޭތީ އެވެ.

ޔޫރޯގައި ފްރާންސް ކުޅުނީ ވެސް ޕޮގްބާ އެދޭ ސްޓައިލަކަށް ނޫނެވެ. ކޯޗު ޑިޑިއޭ ޑެޝޯން 4-2-3-1 ކުޅުވީ އެންޓޯނިއޯ ގްރިއެޒްމަން އަށް ޓީމުން ޖާގައެއް ހޯދައިދޭށެވެ. ނަމަވެސް މީގެ ސަބަބުން ޕޮގްބާ ފެނުނީ ވަރަށް ބޮޑަށް ގެއްލިފައިހުރިތަނެވެ.

ކުރިއަށް ބަލާއިރު އިބްރަހިމޮވިޗްގެ މޮޅު ކުޅުން ފެންނާނީ އެންމެ ކުރިއަށް ލައިގެންނެވެ. އެހެންނޫނީ އޭނާގެ ފަރާތުން މައްސަލަތަކެއް ފެނުން އެކަށީގެންވެ އެވެ. ހެންރިކް މިކަތަރްޔާން އާއި އެންތަނީ މާޝިއަލް ދެ އަރިމަތިން މޮޅަށް ކުޅޭއިރު ކޯޗު ހޯސޭ މޮރީނިއޯ އަށް އެންމެ އުނދަގޫވާނީ ކެޕްޓަން ވޭންރޫނީ އަށް ޖާގަ ހޯދައިދޭށެވެ. މޮރީނިއޯ ބުނެފައިވަނީ ރޫނީ ކުޅޭނީ ކުރިއަށް ކަމަށެވެ. އެހެންވިއްޔާ ކުރީގެ ވާދަވެރިކަން ބޮޑުވެފައި ކުޅުންތެރިން އެދޭ ޕޮޒިޝަންތައް ނުލިބުން ގާތެވެ.

ޓޮޓެންހަމްގެ މައްސަލައަކީ ސްކޮޑް ބަލިކަށިވުން

ހުސްވި ސީޒަނަށް ބަލާއިރު ޓޮޓެންހަމަށް އެންމެ ފަހު ހަތަރު ހަފުތާގައި ތައްޓަށް ވާދަނުކުރެވުނީ ސްކޮޑްގައިއެހާ ވަރު ނެތުމުންނެވެ. ބޯޅަ ނެތީސް އެ ޓީމުގެ އެތުރުން ބަރާބަރުވެފައި މަސައްކަތުގެ ރޭޓް ރަނގަޅެވެ. ނަމަވެސް ފައިނަލް ތާޑްގައި ޓޮޓެންހަމަށް މައްސަަލަތައް ކުރިމަތިވި އެވެ.
މިކަމަށް ހައްލު ހޯދަން ކޯޗު މައުރީސިއޯ ޕޮޗެޓީނީ ވަނީ އާ ކުޅުންތެރިން ޓީމަށް ގެނެސްފަ އެވެ. ވިކްޓަ ވަންޔާމާ އާއި ވިންސެންޓް ޖެންސެން ފަދަ ކުޅުންތެރިން ލިބުމުން މުހިންމު ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތުދެވި ޓީމު ރަނގަޅު ފެންވަރެއްގައި ދާއިމަށް ބާއްވަން ފުރުސަތު ލިބިގެންދާނެ އެވެ.

ކްލޮޕްގެ ވިޔަފާރި ކިހިނެތް؟

ލިވަޕޫލް ޓީމު ވަރުގަދަ ކުރުމަށް ގެނައި އެންމެ މުހިންމު ކުޅުންތެރިއަކީ ސައީދޯ މާނޭ އެވެ. މީގެ ސަބަބުން ލިވަޕޫލްގެ އެޓޭކް ވަރުގަދަވާނެ އެވެ. މެދުތެރޭގައި ގިނައިން ތިބީ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކުޅުންތެރިންނެވެ. ޑޯޓްމުންޑްގައި ހުރިއިރާ ހިލާފަށް ކްލޮޕް ޑިފެންސިވް މިޑްފީލްޑަރުންނަށް އިސްކަންނުދެ އެވެ. އޭގެ ބަދަލުގައި އޭނާ އިސްކަންދެނީ ގިނަ މަގާމުތަކަށް ކުޅެވޭ ކުޅުންތެރިންނަށެވެ. އެމްރޭ ކޭން އާއި ފިލިޕް ކޫޓީނިއޯ އަދި ޖޭމްސް މިލްނާ އާއި ޖޯޑަން ހެންޑަސަން ކްލޮޕްގެ ޓީމުގައި މުހިންމު ދައުރެއް އަދާކުރަނީ މި ސަބަބުތަކާހެދި އެވެ.
ޓީމުގެ ފަހަތްވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ކޯޗު ޔާގެން ކްލޮޕްގެ "ގެގެންޕްރެސިން" ގޭމް ރަނގަޅަށް ނުކުޅެވިދާނަމަ ފަހަތުގައި ތިބޭ ކުޅުންތެރިންނަށް ގޯސްހެދޭލެއް މާލަހެއްނުވާނެ އެވެ. ކްލޮޕް އެންމެ ކަންބޮޑުވަނީ ޓީމުގައި ރަނގަޅު ވާތުބެކެއް ނެތުމުންނެވެ. އޭނާ ގެންނަން މަސައްކަތް ކުރަނީ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅޭ ޖޯނަސް ހެކްޓާ އެވެ.

އާސެނަލްގައި މާބޮޑު ބަދަލެއްނެތް

އާސެނަލް ޓީމަށްވުރެ ބޮޑު ޕްރެޝަރެއް އޮތީ ކޯޗު އާސެން ވެންގާ އަށެވެ. 21 ވަނަ ސީޒަން ޓީމުގައި ހެދަކުރާއިރު ފަހަކަށް އައިސް ކާމިޔާބު ނުލިބޭތީވެ މިއީ އޭނާގެ ކުރިމަގު ބިނާވެގެންދާނެ ސީޒަަން ކަމަށް ވެންގާވެސް ގަބޫލުކުރެ އެވެ. ޓީމުގައި މާބޮޑު ބަދަލެއްނެތެވެ. ނަމަވެސް އަނިޔާގެ ސަބަބުން މިހާރު ފަހަތަށް ކުޅުންތެރިން ހޯދަން ވަނީ ޖެހިފަ އެވެ. އަލަށް ގެނައި އެންމެ މުހިންމު ކުޅުންތެރިއަކީ ގްރަނިތް ޒަކާ އެވެ. އޭނާ އަކީ މެދުތެރެއިން ބޯލް ޕޮޒިޝަން ރަނގަޅުކޮށްދީ އެޓޭކް ވަރުގަދަކުރާނެ ކުޅުންތެރިއެކެވެ.

ވެންގާ ބިނާގޮޮތުގައި ޓީމަށް މޮޅު ކުޅުންތެރިން ބޭނުންވެ އެވެ. ނަމަވެސް ޓްރާންސްފާ މާކެޓުގައި އާސެނަލްގެ އުޅެނީ ވިޔަފާރިއާ ދުރުގަ އެވެ.

ކޮންޓޭ އަށް ޗެލްސީ ބަދަލުކުރެވިދާނެތަ؟

އޭނާ އައިސް ފުރަތަމަ ކުޅުނީ 4-4-2 އަށެވެ. ނަމަވެސް ފަހުން ސިސްޓަމް ޗޭންޖް ކުރީ 4-3-3 އަށެވެ. މިއީ އެޑެން ހަޒާޑާއި ޑިއެގޯ ކޯސްޓާ ފަދަ ކުޅުންތެރިން ބޭނުންވާ ސިސްޓަމެވެ. އަދި މިއީ ފާއިތުވެދިޔަ 10 ވަރަކަށް އަހަރުތެރޭގައި ޗެލްސީ ކުޅުނު ސިސްޓަމް ވެސްމެ އެވެ. މިހާތަނަށް ޗެލްސީއާ ހަވާލުވި ގިނަ ކޯޗުން ފެއިލްވެފައިވަނީ ކުޅުންތެރިން ބޭނުންނުވާ ސިސްޓަމަަށް ކުޅުވަން ހަދައިގެންނެވެ. ނަމަވެސް ކޮންޓޭ ވަނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާގެ ސިސްޓަމަށް ކުޅުންތެރިން ހޭނެން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ޓީމާ އަލަށް ގުޅުނު ޒުވާން ފޯވަޑް ބަޓްޝުއާއީ އާއި އެންގޯލޯ ކާންޓޭ ފަދަ ކުޅުންތެރިންގެ ބޭނުން ހިފުމަށް ޓީމުގެ ފޯމޭޝަނަށް ކޮންޓޭ ބަދަލު ގެންނާނެ އެވެ. މީހެއްގެ މޫނަކަށް ނުބަލައި އޭނާ ގެންނަ ބަދަލުތަކާއެކު ޗެލްސީ ފެންނާނީ މުޅިން އާފޭރާމަކާ އެކުގައި ކަމަށް ބެލެވެ އެވެ.

ލެސްޓާ ސިޓީ

ޗެމްޕިއަން ލެސްޓާ ސިޓީގެ ޓީމު ދޫކޮށްދިޔަ އެންމެ މުުހިންމު ކުޅުންތެރިއަކީ ކާންޓޭ އެވެ. ނަމަވެސް ކޯޗު ކްލައުޑިއޯ ރަނިއޭރޯ ގަބޫލުކުރާ ގޮތުގައި އުއްމީދާއި އަޒުމާއެކު ކުޅެފިނަމަ އިތުރު ކާމިޔާބީތައް ލިބޭނެ އެވެ. ޓީމު ވަރުގަދަ ކުރުމަށް މަޝްހޫރު ކުޅުންތެރިން ގެނެސްފައިނުވިޔަސް ރަނިއޭރީ ގަބޫލުކުރާ ގޮތުގައި މިއީ އުނދަގޫ ސީޒަނަކަށްވާނެ އެވެ. އެއީ ޗެމްްޕިއަންސް ލީގު ކުޅެން ޖެހުމާއެކު ކުރިއާ ހިލާފަށް ޝެޑިއުލް ބިޒީވުމެ އެވެ.

އޭނާ ބުނަނީ އަބަދުވެސް ގިނަ ފަހަރު ކާމިޔާބު ހޯދާނީ މުއްސަދި ކުލަބުތަކުން ކަމަށާއި ލެސްޓާ ފަދަ އާދައިގެ ޓީމެއް ތަށި އުފުލާލުމަކީ ވަރަށް މަދުން ފެންނާނެ މަންޒަރެއް ކަމަށެވެ. އަދި ވިދިވިދިގެން ދެ ވަނަ އަހަރު އެކާމިޔާބީ ހޯދޭނީ އާދަޔާހިލާފު މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.