ރިޓަޔާކުރިތާ އެންމެ ދެ މަހަަށް ފަހު އަލުން ގައުމީ ޓީމަށް ކުޅެން ލަޔޮނަލް މެސީ ނިންމައި ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ޓީމު ލިސްޓުގައި އޭނާގެ ނަން ހިމަނައިފި އެވެ.
ވެނެޒުއޭލާ އާއި އުރުގުއޭއާ ދެކޮޅަށް އަންނަ މަހު ކުޅޭ ދެ މެޗަށް އޭނާ ލިސްޓުގައި ހިމެނެނީ އަލުން ގައުމީ ޓީމަށް ކުޅެން ނިންމިކަން 29 އަހަރުގެ މެސީ ހާމަކުރަން އެއްބަސްވުމުންނެވެ.
ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ކެޕްޓަން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މިދިޔަ ޖޫން މަހު ނިމުނު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ ބަލިވުމުންނެވެ. މިއީ މެސީ ހުރެ މި މުބާރާތުން އާޖެންޓީނާ ބަލިވި ތިން ފަހަރެވެ. އަދި މިއީ ޖެހިޖެހިގެން އޭނާގެ ކެޕްޓަންކަމުގެ ދަށުގައި އާޖެންޓީނާ ބޮޑު މުބާރާތެއްގައި ފައިނަލްގައި ކުޅެ ބަލިވި ތިން ފަހަރު ވެސްމެ އެވެ. ގައުމީ ޖާޒީގައި މިހާތަނަށް މެސީ އަށް ލިބުނު ހަމައެކަނި ކާމިޔާބީ އަކީ 2008ގެ އޮލިމްޕިކްސް އެވެ.
ނަމަވެސް ކޯޗު ބައުޒާ އާއި އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނާއި އެ ގައުމުގެ ރައީސާއި ކުރީގެ ކުޅުންތެރިންގެެ ވެސް އެދުމުގެ މަތީން އޭނާ އަލުން ގައުމީ ޓީމަށް ކުޅެން ނިންމީ އެވެ.
މެސީ ބުނެފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފައިވަނީ އާޖެންޓީނާގެ ފުޓްބޯޅައިގައި ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ.
"އެކަމަކު އަހަރެން ބޭނުންވަނީ އެކަންކަން އަހަރުމެންގެ ތެރޭގައި ވާހަކަ ދައްކައިގެން ރަނގަޅު ކުރަން. ފާޑުކިޔައިގެނެއްނޫން،" މެސީ ބުނެފައިވާ ކަމަށް އާޖެންޓީނާގެ މީޑިޔާއިން ބުނެފައިވެ އެވެ.
ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަމުން ބުނެފައިވަނީ "ގައުމީ ޓީމު މިހާ ހިސާބުން ނިމުނީ،" ކަމަށެވެ.
"އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް އަހަރެން ކޮށްފިން. ޗެމްޕިއަންކަން ނުލިބުމަކީ ވަރަށް ހިތްދަތި ކަމެއް،" އުމުރުން 29 އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ބުންޏެވެ.
2005 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ކުޅެ މެސީ ވަނީ ގައުމީ ޓީމަށް 112 މެޗު ކުޅެދީ 55 ގޯލު ޖަހާދީފަ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް މިފަހަރުގެ މުބާރާތުގައި މުގުރާލައިފަ އެވެ. ކުރިން މި ރެކޯޑް އޮންނަނީ ކުރީގެ ފޯވަޑް ގަބްރިއަލް ބަޓިސްޓޫޓާގެ އަތުގަ އެވެ.