ވިޔަފާރި

ތިލަފުށިން ވިޔަފާރިއަށް އިތުރު ބިންތަކެއް ކުއްޔަށް ދޫކުރަނީ

  • ސާޅީސް ޕްލޮޓް ކުއްޔަށް ދޭނެ
  • އަގު އުޅެނީ އަކަފޫޓެއް ފަސް ރުފިޔާއިން މަތީގައި
  • ސައިޒަކީ 3،000-20،000 އަކަފޫޓުގެ

ތިލަފުށިން ވިޔަފާރި އަށް އިތުރު ބިންތަކެއް ކުއްޔަށް ދޫކުރަން އެ ރަށް މެނޭޖް ކުރާ، ތިލަފުށީ ކޯޕަރޭޝަން ޓީސީއެލްއިން ތައްޔާރުވާން ފަށައިފި އެވެ.

"އަވަސް" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ތިލަފުށީ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފު ވިދާޅުވީ ތިލަފުށީގައި އަލަށް ހިއްކި ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ވަރަށް އަވަހަށް ޓެންޑަރަށް ހުޅުވާލާނެ ކަމަށެވެ.

"ހިއްކާފައި އޮތް ސަރަހައްދުގައި ކުރިން ވަނީ ބިން ދޫކޮށްފައި. އެތަނުގައި އިތުރަށް ބިން އެބަހުރި ދޫކުރަން. އެކަން ކުރުމަށް މިދަނީ ތައްޔާރުވަމުން،" ނާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިއްކާފައިވާ ސަރަހައްދުން އިތުރު 40 ޕްލޮޓެއް ދޫކުރަން ހަމަޖެހިފައިވާ ކަމަށާއި، އެތަންތަން އޮގަސްޓް މަހު ދޫކުރަން ފެށޭނެ ކަމަށެވެ.

"ސާޅީސް ޕްލޮޓް ދޫކުރާނީ އަކަފޫޓެއް ފަސް ރުފިޔާއިން ސްޓާޓް ކުރާ ގޮތައް. ސައިޒުތައް އުޅޭނީ 3،000-20000 ސައިޒުގެ ޕްލޮޓްތަކެއް،"

އޭނާ ވިދާޅުވީ ތިލަފުށިން ވިޔަފާރިއަށް ދޫކުރާ ބިންތަކުގެ އަގުތައް ހެދިފައިވަނީ ވިޔަފާރިވެރިންނަށް ތަކުލީފަކަށް ނުވާނެ އަގެއްގައި ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ ކޮސްޓް އިފެކްޓިވް ގޮތަކަށް ލޭންޑް ޕްރޮވައިޑް ކޮށްދިނުން. މާލޭގައި މި އުޅެނީ އަކަފޫޓެއް 40-60ރ. އަށް. ނަމަވެސް ތިލަފުށީގައި ބިން ކުއްޔަށް 1-5ރ. ވަރަށް އަކަފޫޓެއް. އަޅުގަނޑުމެންނަށް ވެސް ފެންވަރު ރަނގަޅުކޮށް ހިދުމަތް ދެވޭނީ އެކަށީގެންވާ ލޭންޑް ރެންޓެއް ދެވިގެން،" ނާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް ދޫކުރާ ބިންތައް ކުޔަށް ދެނީ އަކަފޫޓެއް ފަސް ރުފިޔާ އަށް ކަމަށާއި، ނަމަވެސް މިއީ މާލޭގައި ވިޔަފާރީގެ ބިންތައް ދޭ އަގުތަކާ ބަލާއިރު ހަތް ޕަސެންޓް ދަށް އަދަދެއް ކަމަށެވެ.

"މީގެ ސަބަބުން ބަދަލުވާން ބޭނުންވާ ވިޔަފާރިތަކަށް އިތުރު އެންކަރޭޖްމަންޓަކަށް ވާނެ،" ނާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިލަފުށިން ބިން ކުއްޔަށް ހިފާފައިވާ ގިނަ މީހުން އެކަށީގެންވާ ގޮތެއްގައި ބިން ބޭނުންކުރާ ކަމަށެވެ. އެހެން ނަމަވެސް ބައެއް ބިންތައް ކުއްޔަށް ނަގާފައި ،މަސައްކަތް ނުކޮށް އެބަ ހުރި ކަމަށާއި އެ ވިޔަފާރިވެރިންނާ ވަހަކަ ދައްކައިގެން ހައްލުތަކެއް ހޯދަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިލަފުށި ފެންނާނީ ވަރަށް އެކްޓިވްކޮށް. ގާތްގަނޑަކަށް 95 ޕަސެންޓް މަސައްކަތް ކުރޭ. ނަމަވެސް ނުހެދި ހުރި ފަރާތްތަކަށް ބާރު އަޅަނީ ހަރުދަނާ މަސައްކަތް ތަކެއް ކުރަން،" ނާސިފު ވިދާޅުވި އެވެ.