- މުވައްޒަފުން ހައްޖަށް ފޮނުވާނެ
- ފިހާރަ ހުޅުވީ ވިޔަފާރި ކުރާކަށް ނޫން
- ބަނދަރުގައި، ގެސްޓް ހައުސްއަކާއި ރެސްޓޯރެންޓެއް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހުޅުވި ފިހާރަ އިން ކުންފުންޏަށް ފައިދާވުމުން، މުވައްޒަފުންނަށް އިންޓްރެސްޓަކާ ނުލާ ލޯނު ދޫކެވޭނެ ކަމަށް ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލް މުވައްޒަފުންނަށް މަންފާ ހޯދައި ދިނުމަށް އުފައްދާފައިވާ ކޯޕަރޭޓިވް ސޮސައިޓީ އިން މީރުބަހުރު ބަނދަރުގައި ފިހާރައަކާއި މިސްކިތެއް ހިމެނޭ "ދަތުރުވެރިންގެ މާލަމް" ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ޖުނައިދު ވިދާޅުވީ މި ފިހާރަ ހުޅުވުމުގެ މަގުސަދަކީ މުވައްޒަފުންނަށް އެހީވުން ކަމަށެވެ.
އޭނާ ވިދާޅުވީ މި ފިހާރަ އިން ލިބޭ ފައިސާ އިން އެ ކުންފުނީގެ ހިދުމަތުގައި ދެމިތިބި އުމުރުން ދުވަސްވީ މުވައްޒަފުންގެ ތެރެ އިން 10 މީހަކު ހައްޖަށް ފޮނުވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި ފިހާރަ އިން ކުންފުންޏަށް ފައިދާ ވުމުން މުވައްޒަފުންނަށް މާލީ ގޮތުން އެހީވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި، އެގޮތުން މުވައްޒަފުންނަށް ދިމާވާ މާލީ ދަތިތަކުގައި އިންޓްރެސްޓް ނެތް ލޯނު ދޫކުރާނެ ޖުނައިދު ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވީ އެމްޕީއެލް އިން ފިހާރައެއް ހުޅުވީ ވިޔަފާރިކުރަން ނޫން ކަމަށެވެ.
"އެމްޕީއެލް ކަހަލަ ކުންފުންޏަކުން މިފަދަ [ފިހާރަ ހުޅުވުން ފަދަ] ކަންކަން ކުރައްވާތީ އެއްވެސް ބޭފުޅަކު ހިތްހަމަ ނުޖެހޭނެ ކަމެއް ނެތް. އެމްޕީއެލްއަކީ ޒިންމާދާރުކަމާއެކު ފުރިހަމަ ގޮތުގައި ވިޔަފާރިވެރިންގެ ކަންތައްތަކުގައި ބަލާނެ ބައެއް [ކުންފުންޏެއް] ،" މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ ކުންފުނީގެ ސީއީއޯ ޖުނައިދު ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވީ މީރުބަހުރު ބަދަރުގައި ހަތަރު ބުރީގެ ގެސްޓް ހައުސްއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ތަނުގައި ހަދާ ފިހާރަތައް ވިޔަފާރިވެރިންނަށް ދޫކުރެވޭނެ ކަމަށެވެ.
"މިތާ [ދަތުރުވެރިންގެ މާލަތް] ގެ ފަހަތުގައި އަޅުގަނޑުމެންގެ ރެސްޓޯރެންޓެއް ތައްޔާރުވެގެން ދާނެ. މި އަޅުގަނޑު އުއްމީދު ކުރަނީ ކުރިއަށް އޮތް ހަފުތާ ތެރޭގައި އެ ތަން [ރެސްޓޯރެންޓް] ހުޅުވޭނެ ކަމަށް،" ސީއީއޯ ޖުނައިދު ވިދާޅުވިއެވެ.