- މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކުރި
- ބޭރުގެ 10 ބަހަކުން ތަރުޖަމާ ނެރޭނެ
- ރާއްޖޭގެ ގިނަ މައުލޫމާތުތަކެއް ހިމެނިފައިވޭ
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ބޭނުންކުރާ ރަސްމީ މަޖައްލާ ކަމަށްވާ "ޑެސްޓިނޭޝަން މޯލްޑިވްސް ގައިޑު" ޒަމާނީކޮށްލައި، މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.
ހޮޓެލް ޖެންގައި "ޑެސްޓިނޭޝަން މޯލްޑިވްސް ގައިޑު" ގެ އޮފިޝަލް ޕްރޮޖެކްޓް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މި ގައިޑް ނެރުން ބިޑް އުސޫލުން ހަވާލުކޮށްފައިވާ ފީލް އިންވެސްޓްމަންޓުގެ ޑިރެކްޓަރު އައިޝަތު އަލްމާސް ވިދާޅުވީ އެ ކުންފުނީގެ ޒުވާން ޓީމުން މި މަސައްކަތް ކުރިއަށް ގެންދާނީ އިންޑަސްޓްރީއަށް އެންމެ ފައިދާ ހުރި ގޮތް ބަލައިގެން ކަމަށެވެ.
"މި މަޖައްލާ ނެރެމުން އަންނަތާ 14 އަހަރު ވެއްޖެ. މިފަހަރު ފީލް އިންވެސްޓްމަންޓަށް ހަވާލުވުމާ ގުޅިގެން ފެންވަރު ރަނގަޅު، މަޖައްލާއެއްގެ ގޮތުގައި ނެރުމަށް މަސައްކަތް ކުރާނަން،" އަލްމާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރު ނުކުންނަ ޑެސްޓިނޭޝަން މޯލްޑިވްސް ގައިޑް" ގައި ތަފާތު ކުނީކް ކަންތައްތަކެއް ހިމެނިފައިވާނެ ކަމަށާއި، އެންމް ހާއްސަ އެއް ކަމަކީ މީގައި ހިމަނާފައިވާ "ކިޔުއާރުކޯޑް" ކަމަށެވެ.
"ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތްތަކަށް ފުރިހަމަ އެކްސްޕޯޝާ ލިބޭނެ ގޮތަށް ކުރިއަށް ގެންދާނީ،" އަލްމާސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރު ވިދާޅުވީ 1971 ވަނަ އަހަރު ޓޫރިޒަމް އިންޑަސްޓްރީން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، ނަމަވެސް މި ހުރިހާކަމެއް ހުރަސްކޮށް ދުނިޔޭގެ މަޝްހޫރު މަންޒިލަކަށް ރާއްޖެ ވެފައިވާ ކަމަށެވެ.
"ޓޫރިޒަމް ދުނިޔޭގައި 'މޯލްޑިވްސް' އޭ ބުނީމަ ނޭނގޭ މީހަކު ނުހުންނާނެ. މޯލްޑިވްސްއަށް ދާން ބޭނުންނުވާނެ މީހަކު ނުހުންނާނެ. އަޅުގަނޑުމެން އެބަޖެހޭ މި އިންޑަސްޓްރީ ކުރިއަރުން. ސަބަބުތަކެއް ނެތިއެއް ނޫން. އަޅުގަނޑުމެންގެ އިގްތިސާދު ގުޅިފައިވަނީ މި އިންޑަސްޓްރީއާ،" ލިރާރު ވިދާޅުވި އެވެ.
އަހަރަކު އެއް ފަހަރު ނެރޭ، ޑެސްޓިނޭޝަން މޯލްޑިވްސް ގައިޑު ހަދާފައިވަނީ އިނގިރޭސި ބަހުގެ އިތުރުން ބޭރުގެ 10 ބަހެއްގެ ތަރުޖަމާއާއެކުގަ އެވެ. އަދި މި ގައިޑާއެކު ފީލް ޑެސްޓިނޭޝަން މޮބައިލް އެޕްލިކޭޝަންވެސް ތައާރަފުކޮށްފައިވެ އެވެ. މި ގައިޑު ރާއްޖޭން ބައިވެރިވާ ފެއާތަކުގައި ހިލޭ ބަހާނެ އެވެ.