ރާއްޖެ ކުޅިވަރު

އެންޗެލޯޓީއާއެކު މަސައްކަތް ކުރި ބެންގްސްބޯ އެފްއޭއެމުން ރާއްޖެ އަންނަނީ

ރެެއާލް މެޑްރިޑާއި ޗެލްސީގެ ކުރީގެ ކޯޗު ކާލޯ އެންޗެލޯޓީއާއެކު މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ޕްރޮފެސަރ ޖެންސް ބެންގްސްބޯ ރާއްޖެ ގެނައުމަށް އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ޑެންމާކުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި ބެންގްސްބޯ ރާއްޖެ އަންނަނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަތުމަށާއި ލާއޯސްއާއެކު އޭޝިއަން ކަޕް ޕްރިލިމިނަރީގައި ގައުމީ ޓީމު ކުޅޭ ދެ މެޗު އެނަލައިޒް ކުރުމަށް ކަމަށެވެ.

ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރެއް ކަމަށްވާ ބެންގްސްބޯ ރާއްހެ މިގެންނަނީ ދިވެހި ފުޓްބޯޅައިގެ ހާލަތު ބަދަލު ކުރުމަށް އެފްއޭއެމުން ފަށާފައިވާ ޕްރޮގްރާމުގެ ދަށުންނެވެ. އޭނާ ރާއްޖޭގައި މަސައްކަތް ކުރާ ދުވަސްވަރު ފުޓްބޯޅައިގެ ތަފާތު މައުލޫމާތުތައް ހޯދައި، ދިވެހި ފުޓްބޯޅައިގެ އާއޮނިގަނޑު ކުރަހައިދިނުމަށް އެފްއޭއެމަށް އެހީތެރިވެދޭނެ އެވެ.

ނައިކް ކުންފުންޏާ ގުޅިގެން ކުޅުންތެރިންގެ ބޫޓު ތަހުލީލު ކުރުމުގެ ޕްރޮގްރާމް ވެސް ހިންގި ބެންގްސްބޯ އަކީ ފީފާގެ އިންޓަނޭޝަނަލް ސްޕޯޓްސް އެންޑް ސައިންސްގެ ސްޓިއަރިން ކޮމިޓީގެ ވެސް މެމްބަރެކެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އެކްސްޕާޓުންގެ އިރުޝާދުގެ ދަށުން ފުޓްބޯޅައިގެ މުސްތަގްބަލް ކަނޑައެޅުން. އަދި މައްސަލަ ދެނެގަނެ، އެކަންކަން ހައްލުކޮށް، ދިވެހި ފުޓްބޯޅަ އެހެން ލެވެލް އަކަށް ގެންދިއުން،" އެފްއޭއެމުގެ ރައީސް އަދި ކުރީގެ ގައުމީ ފޯވަޑް ޓޮމް ވިދާޅުވި އެވެ.

ލާއޯސްއާ އެކު ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ އެކެއްގަ އެވެ. ދެ ވަނަ މެޗު ކުޅޭނީ އޮންޓޫބަރު މަހު އެވެ.