ވިޔަފާރި

އީދަށް މޯލްޑިވިއަނުން އައްޑޫ-ކޮލަމްބޯ ޓިކެޓް 199 ޑޮލަރަށް!

  • މާލެ-ކޮލަމްބޯ ދެކޮޅަށް 280 ޑޮލަރު
  • މި ފްލައިޓްގެ ޓިކެޓް މިއަދު ވިއްކަން ފަށާނެ
  • ބާއްވަނީ އެންމެ ފްލައިޓެއް

އައްޑޫ ރައްޔިތުން މާލެ އައިސް ޓިކެޓް ނަގައިގެން ސްރީލަންކާ އަށް ދިއުން ގިނަ ފަހަރު އޮންނަނީ ދަތިކަމަށްވެފަ އެވެ. އީދު ޗުއްޓީ އަށް ސްރީލަންކާ އަށް ދާން ބޭނުންވާ އައްޑޫ ރައްޔިތުންނަށް ފަސޭހައެއް މިފަހަރު މި ގެނެސްދެނީ މޯލްޑިވިއަންއިންނެވެ. އެ އެއާލައިނުން މިވަނީ އަންނަ އީދު ޗުއްޓީގައި ކޮލަމްބޯ އަށް ސ. ގަމުން 199 ޑޮލަރު (ގާތްގަނޑަކަށް 3،068ރ.) އަށް ދެކޮޅު ޓިކެޓް ވިއްކައިގެން ފްލައިޓެއް ބާއްވަން ނިންމާފަ އެވެ.

"މި ދަތުރު ބޭއްވުމުގެ ބޭނުމަކީ އައްޑޫ ރައްޔިތުންނަށް ފަސޭހަކަމާއެކު ކޮލަމްބޯ އަށް ދަތުރު ކުރުމަށް ފުރުސަތު ހުޅުވާލުން،" މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވި އެވެ.

އީދު ޗުއްޓީގައި ބާއްވާ މި ހާއްސަ ފްލައިޓް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ. އަދި އައްޑޫ އަށް އެނބުރި އަންނާނީ 17 ވަނަ ދުވަހު އެވެ.

މާލެ އިން ކޮލަމްބޯ އަށް އަގު ހެޔޮ ފެއާއެއް!

އީދު ޗުއްޓީގައި ސްރީލަންކާއަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް މޯލްޑިވިއަންއިން އިތުރު ފްލައިޓެއް ވެސް ބާއްވާނެ އެވެ. މި ފްލައިޓުގައި ކޮލަމްބޯ-މާލެ ދެކޮޓު ޓިކެޓު ވިއްކަކީ 280 ޑޮލަރު ( ގާތްގަނޑަކަށް 4،317ރ.) އަށެވެ. އަދި އެއް ކޮޅު ޓިކެޓު ވިއްކަނި 99 ޑޮލަރު ( ގާތްގަނޑަކަށް 1،526ރ.) އަށެވެ. މި ފްލައިޓު ވެސް އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހު އެވެ. އަދި އެނބުރި އަންނާނީ 17 ވަނަ ދުވަހު އެވެ.

މޯލްޑިވިއަންއިން މި ފްލައިޓް ބާއްވަނީ އެ ކުންފުނިން ގެނެސްފައިވާ އެއާބަސް މަރުކާގެ ފްލައިޓެއްގަ އެވެ.