ނިއުރޭޑިއަންޓްގެ ކޯޗުކަމުން އިސްތިއުފާދިން ކަމަށް ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް ބުނަމުންދިޔަ ނަމަވެސް އޭނާގެ ވާހަކަތައް ނިއުއިން ދޮގުކޮށްފި އެވެ.
އެކުލަބުގެ އިސްއޮފިޝަލަކު ބުނީ ކޯޗު އިސްތިއުފާދިން ވާހަކަ އަކީ ދޮގެއް ކަމަށާއި އިސްތިއުފާދޭން ކޯޗަށް އަންގާފައިވާނެ ކަމަށެވެ.
"ބީޖީ (އަތުން ނިއު ބަލިވި މެޗަށް) ދިޔައިރު ވެސް އިސްތިއުފާދޭން އަންގާފައިވާނީ،" އޭނާ ބުންޏެވެ.
މީގެ އިތުރުން ކުޅުންތެރިންގެ ފަރާތުން ކޯޗާ ބެހޭ ޝަކުވާތައް ވެސް ލިބިފައިވާ ކަމަށާއި ޕްރެކްޓިހަށް ތައްޔާރުނުވުމާއި އެނޫން މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް ވެސް ނިއުއިން ބުނެ އެވެ.
ނަމަވެސް ދެ ފަހަރެއްގެ މަތީން ނިއުރޭޑިއަންޓަށް ކޯޗުކޮށްދިން ސްޓޮއިކޯފް މިއަދު ބުނީ އޭނާ އިސްތިއުފާދިން މައިގަނޑު ސަބަބަކީ މެނޭޖްމަންޓުގެ އެއްބާރުލުން ނުލިބުން ކަމަށެވެ.
"މި ޓީމު ދަށް މިދިޔަ އަހަރުގެ މަހިބަދޫ ޓީމަށްވުރެ. ކޮންމެ ކޯޗަކު ހުއްޓަސް ނަތީޖާ ނުނެރެވޭނެ މިފެންވަރުގެ ޓީމެއްގައި. މިތިބި ކުޅުންތެރިންނާއެކު. އަހަރެން ބުނާގޮތަކަށް މެނޭޖްމަންޓުން ހަދާކަށް ބޭނުމެއްނޫން. ވިއެޓްނާމުން ރަނގަޅު ކުޅުންތެރިއަކު ވެސް ޓްރާންސްފާގައި ގެންނަން ހޯދީމަ އެމީހުން ގެނައީ އެމީހުންނަށް ފެންނަ ކުޅުންތެރިއެއް. އޭނާގެ ފެންވަރުދަށް ޓީމުގައި ތިބި ކުޅުންތެރިންނަށްވުރެ. ޓީމު ކުރިއަރުވަން ނޫޅޭތީވެ އަހަރެން އިސްތިއުފާދިނީ،" ކުރީގެ ގައުމީ ކޯޗު ބުންޏެވެ.
އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިހާތަނަށް 13 މެޗު ކުޅެގެން ނިއު އޮތީ 13 ޕޮއިންޓާއެކު ހަ ވަނާގަ އެވެ.
މިދިޔަ އަހަރު މަހިބަދޫ އަށް ކޯޗުކޮށްދިނުމަށްފަހު ވަކި ހިސާބުން އިސްތިއުފާދީފައި ފުރައިގެންދިޔަ ސްޓޮއިކޯފް ވަނީ 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕަށް ނިއު ގެންގޮސްދީފަ އެވެ. އޭނާ އެންމެ ފުރަތަމަ ނިއު އަށް ކޯޗުކޮށްދިނީ 2004 ވަނަ އަހަރު އެވެ. އަދި 2011 ވަނަ އަހަރު ވެސް ނިއު އަށް ކޯޗަކަށް ގެނައި ނަމަވެސް ވަކި ހިސާބަކުން އޭނާ މަގާމުން ވަކިކުރީ އެވެ.
ނިއުރޭޑިއަންޓުން މިއަދު ބުނީ އާ ކޯޗަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ނިއު އަށް ދެން އޮތީ އާދިއްތަ ދުވަހު ވެލެންސިއާއާ ވާދަކުރާ މެޗެވެ. މި މެޗުގައި ޓީމަށް އިރުޝާދުދޭނީ އެސިސްޓެންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ.