ބޭރު ކުޅިވަރު

ބޮލީވިއާ ކޯޗުނެގި 93 ކުޅުންތެރިންގެ ސްކޮޑުގައި ހަތް ކީޕަރުން

ގައުމީ ޓީމާ ހަވާލުވެ ފުރަތަމަ މެޗަށް ތައްޔާރުވުމަށް ބޮލީވިއާގެ ކޯޗު އެންޖެލް ގުއިލާމޯ 93 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ޕެރޫއާ ދެކޮޅަށް ނުކުތުމަށް ޓީމު އެކުލަވާލަން އޭނާ ނެގި މިބޮޑު ސްކޮޑުގައި ހަތް ކީޕަރުން ތިބެ އެވެ. އަދި 27 ޑިފެންޑަރުންނާއި 34 މިޑްފީލްޑަރުންގެ އިތުރުން ފޯވަޑުންގެ ގޮތުގައި 25 މީހުން ނަގާފައިވެ އެވެ.

މިހާތަނަށް ކުޅުނު ކޮލިފައިން މެޗުތަކުގެ ތެރެއިން ބޮލީވިއާ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. މިހެންވެ ގުއިލާމޯ ޓީމާ ހަވާލުވެ ނަތީޖާ ރަނގަޅު ކުރަން ވަނީ ޖެހިފަ އެވެ. ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިނުވެއްޖެނަމަ އޭނާގެ ވަޒީފާ ވެސް ގެއްލޭނެ އެވެ.

ޖުމުލައެކު 93 ކުޅުންތެރިންގެ ސްކޮޑެއް އޭނާ ނެގުމުން ދުނިޔޭގެ މީޑިޔާތަކުން ވަނީ އެކަން ޖޯކަކަށް ވެސް ހަދައިފަ އެވެ. އެއީ މިހާގިނަ ކުޅުންތެރިން އެސެސް ކުރަން ފަސެހަނުވާނެތީ އެވެ.