މެންޗެސްޓާ ސިޓީގެ ކީޕަރު ޖޯހާޓަށް ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް ޓީމަށް އަރާނީ އެކަން ސާބިތުކޮށްދިނުމަށްފަހު ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސްޕޭނުގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކުގައި ކާމިޔާބު ހޯދި ކޯޗު މިހެން ބުނީ ފުރަތަމަ 11 އަށް ނާރާތީވެ ހާޓް ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވިފައިވަނިކޮށެވެ.
"ހުންނަން ބޭނުން ނުވާ ކުޅުންތެރިއަކު އަހަރެން ނުބަހައްޓާނަން. އޭނާ އެދެފިއްޔާ (އެހެން ކުލަބަކަށްދާން) ދޫކޮށްދޭނަން. ކުލަބުގައި މަޑުކުރުމުގެ ފުރުސަތު ވެސް އެބައޮތް. އެކަމަކު ޓީމަށް އަރަން މަސައްކަތް ކުރަންޖެހޭނެ. މަސައްކަތުން ސާބިތުކޮށްދޭންވާނެ ޓީމަށް އަރަންޖެހޭކަން،" ހާޓް ބުންޏެވެ.
އިނގިރޭސި ގައުމީ ކީޕަރުކަން ވެސް ކުރަމުން އަންނަ ހާޓްގެ ބަދަލުގައި ގާޑިއޯލާ ފުރަތަމަ 11އިން ފުރުސަތު ދީފައިވަނީ ކަބަޔޭރޯ އަށެވެ. އަދި އޭނާ ދަނީ ބާސެލޯނާގެ ދެ ކީޕަރުން ކަމަށްވާ ކްލައުޑިއޯ ބްރާވޯ އާއި މާކް އަންދްރޭ ޓާސްޓެގަންކުރެ ކީޕަރަކު ގަތުމަށް ވެސް މަސައްކަތް ކުރަމުންނެވެ.
"ހާޓް މަޑުކޮށްފިއްޔާ އޭނާ މޮޅުވާނެ. އަހަރެން އޭނާ އަށް އިހްތިރާމްކުރަން. އޭނާގެ އަގާއި އިހްތިރާމް އަހަންނަށް އެނގޭ. އެކަމަކު ކީޕަރަކު ފުރަތަމަ ކުރަންޖެހޭ ކަމަކީ ސޭވްކުރުން. ބޯޅަ ކުޅެންޖެހޭނީ އޭގެ ފަހުން. އަހަރެން ހާޓްއާ ފުރަތަމަ ބައްދަލުވި ދުވަހު ޗައިނާގައި ވެސް އޭނާ ގާތުގައި އަހަރެން ބޭނުންވާ ކަންތައްތައް ކިޔާދިނިން. ޓީމު ބައްޓަންވާނީ އަހަރެން ބޭނުންވާ ގޮތަށް. އޭނާ ޖެހޭ އަހަރުމެން ރަނގަޅު ޓީމެއް ބިލްޑްކުރަން އެހީވާން،" ގާޑިއޯލާ ބުންޏެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގިނަ މިސްޓޭކްތަކެއް ހެދި ހާޓް ގެންދިއުމަށް އިނގިރޭސި ބައެއް ކުލަބުތަކުން ދަނީ ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައ އެވަޓަން ހިމެނެ އެވެ. އަދި ސްޕޭނުގެ ސެވިއްޔާ ވެސް އޭނާ އަށް ޝައުގުވެރިވެ އެވެ.
ގާޑިއޯލާ ބުނީ ގޮތެއް ނިންމާނީ ހާޓް ކަމަށާއި އޭނާ ބޭނުންވާ ގޮތަށް ކުޅޭ ކުޅުންތެރިންނަށް ޓީމުން ފުރުސަތު އެބައޮތް ކަމަށެވެ. އަދި ސިޓީ އަކީ މީހުން ތަމްރީނުކުރާ އެކަޑަމީއެއްނޫން ކަމަށާއި އެއީ ނަތީޖާ ނެރެންޖެހޭ ޓީމެއް ކަމަށެވެ.
ސިޓީގެ ތަޖުރިބާކާރު މިޑްފީލްޑަރު ޔާޔާ ޓޯރޭގެ ކުރިމަގު ވެސް އަދި އޮތީ ސުވާލެއްގެ ތެރޭގަ އެވެ. ނަމަވެސް ގާޑިއޯލާ ބުނީ ބާސެލޯނާގައި އޭނާ ހުރިއިރު ވިއްކާލި ކުޅުންތެރިޔާ ޓީމަށް އަރަން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށާއި ޔާޔާޓޯރޭގެ މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށެވެ.