ބުރިޖް އެޅުމުގައި އާ ހަރުފަތަކަށް ދިޔުމަށް ޗައިނާ އަނެއްކާވެސް މިވަނީ މަސައްކަތް ފަށާފަ އެވެ. ޗައިނާގެ ކުޅަދާނަކަމުން އެންމެން ސިއްސުވާލަން ޗައިނާ މިވަނީ އަމާޒު ހިފާފަ އެވެ. ދެހާސް ބާވީސް ވަނަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގައި ބާއްވަން ތައްޔާރުވަމުންދާ ވިންޓާ އޮލިމްޕިކްސްއަށް ޗައިނާއިން ހާއްސަ ބްރިޖެއް އަޅާނެ ކަމުގެ އިޝާރާތެއް އެ ގައުމުގެ ސަރުކާރުން ވަނީ ދީފަ އެވެ.
މި ބްރިޖަކީ ބެއިޖިން އާއި އެ ގައުމުގެ ޒަންޖީކައު އަވަށާ ގުޅުވައިދޭ ބްރިޖެކެވެ. އެ އަވަށަކީ އޮލިމްޕިކްސްގެ ގިނަ އައުޓް ޑޯ ގޭމްސްތައް ބޭއްވުމަށް ހަމަޖެހިފައިވާ އަވަށެވެ.
"ދަ ސަން ޝަން" ބްރިޖްގެ ނަމުގައި އަޅާ ބްރިޖްގެ ކުރެހުމެއް އާކިޓެކްޗަރުންގެ ޓީމަކުން މިވަނީ އާންމުކޮށްފަ އެވެ. އެ ކުރެހުމުގައިވާ ގޮތުން މި ބްރިޖް ޑިޒައިންކޮށްފައިވަނީ އޮލިމްޕިކްސްގެ ލޯގޯގައިވާ ރިންގްތައް ހިމަނައިގެންނެވެ. މި ބްރިޖް ޑިޒައިންކޮށްފައިވަނީ ޕެންޑާ އާކިޓެކްޗާސްއިންނެވެ.
"ސަން ޝަން" ގެ މާނައަކީ ތިން ފަރުބަދަ އެވެ. ބްރިޖް ޑިޒައިންކުރި އާކިޓެކްޗަރުންގެ ޓީމުގައި ހިމެނޭ ކްރިސް ބުނެފައިވާ ގޮތުގައި ބްރިޖްގައި ބޭނުން ކުރާނެ ރިންގްތައް ފަރުމާކޮށްފައިވަނީ ވަރަށް ތަފާތު ގޮތަށެވެ. ބްރިޖްގެ މަތިން އެ ރިންގްތައް ސިފައިވާނީ ތިނެއްސްކަން ބައްޓަމަކަށެވެ. އަރިމަތިން އެ ރިންގްތައް ސިފަވާނީ ފަރުބަދަތަކަކާ އެއްގޮތަށެވެ. ވަށް ބުރެއްގެ ސިފަ އޭގައި ޖެހޭނީ ކުރިމަތިން ބެލުމުންނެވެ.
މި ކުރެހުން އާންމުކޮށްފައިވީ ނަމަވެސް ޗައިނާގެ ސަރުކާރުން މި ކުރެހުން ގަބޫލުކޮށް، މިގޮތަށް ބްރިޖް އަޅަން ނިންމާފައިވާ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
ކުރެހުން ތައްޔާރުކޮށްފައިވަނީ 2019 ވަނަ އަހަރު ބާއްވާ އެކްސްޕޯއަކަށެވެ. އެ ޓީމުގެ އުއްމީދަކީ އެމީހުންގެ ކުރެހުމަށް އޮލިމްޕިކްސްއަށް އަޅާނެ ކަމަށް ޗައިނާގެ ސަރުކާރުން އިޝާރާތެއް ދީފައިވާ ބްރިޖް އެޅުމެވެ.