ވިޔަފާރި

ވިޔަފާރި ބަނދަރަށް 9.1 މިލިއަން ޑޮލަރުގެ ސާމާނު ގެންނަން ތައްޔާރުވެއްޖެ

  • 22 އުޅަނދެއް ގެންނާނެ
  • ސާމާނު ލިބުމުން މަސައްކަތް ބޮޑުތަން އަވަސްވާނެ
  • ރާއްޖެއަށް މުޅިން އާ އުޅަނދުތައް ވެސް ގެނޭ

މާލެ ވިޔަފާރި ބަނދަރުގެ މަސައްކަތް ހަލުވި ކުރުމަށް ގެންނަ 9.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 140 މިލިއަން ދިވެހި ރުފިޔާ) ގެ ސާމާނު ރާއްޖެ ގެންނަން ތައްޔާރު ވެފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ބުނެފި އެވެ.

މާލެ ވިޔަފާރި ބަނދަރު ސަރަހައްދުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ބަނދަރަށް ގެންނަ ސާމާނު ޗައިނާގައި މިހާރު ހުރީ ތައްޔާރު ވެފައިވާ ކަމަށާއި، ސަރުކާރުން ޑޮލަރު ހަމަޖެހުމާއެކު ސާމާނު ރާއްޖެ ގެންނާނެ ކަމަށެވެ.

"އުންމީދު ކުރަނީ އަންނަ ހަފުތާ ހިސާބު އެކަންތައް [ޑޮލަރު] ހަމަ ޖެހޭނެ ކަމަށް. ހަމަޖެހުނުހާ ވަރަަށް އެ ސާމާނު ރާއްޖެ ގެނެވޭނެ،" ޖުނައިދު ވިދާޅުވި އެވެ.

ވިޔަފާރި ބަނދަރުގެ ހިދުމަތް ރަނގަޅުކުރަން އެމްޕީއެލްއިން ގެންނަ 22 އުޅަނދެއް ހޯދަން ހަވާލުކޮށްފައިވަނީ ދުނިޔޭގައި މި ބާވަތުގެ އުޅަނދުތައް އުފެއްދުމަށް މަޝްހޫރު ޗައިނާގެ "ސަނީ ހެވީ އިންޑަސްޓްރީއާ" ކުންފުންޏާ އެވެ.

މި އުޅަނދުތައް ގެންނައުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސީއީއޯ ޖުނައިދު ވިދާޅުވެފައިވަނީ ސެނީ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ އެމްޕީއެލް އިން ސީދާ އެ ކުންފުންޏާ ވާހަކަ ދައްކައިގެން ކަމަށާއި، މީގެ ސަބަބުން ސަރުކާރަށް 100 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށެވެ. އަދި މި އުޅަނދުތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އުޅަނދުތައް ރާއްޖެ އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އުޅަނދު ފަހަރު ގެނައުމުން ބަނދަރުގެ މަސައްކަތް ހަލުވި ވެގެންދާނެ. ކުރިންވެސް އެކި ފަހަރު މަތިން ބުނެފައިވާ ގޮތަށް ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ބަނދަރުގެ ހިދުމަތް ވަރަށް ބޮޑުތަން ރަނގަޅު ވެގެން ދާނެ،" ޖުނައިދު ވިދާޅުވި އެވެ.

އަދި މި އުޅަނދުތަކުގެ ސަބަބުން ބަނދަރުގެ މަސައްކަތް ހަލުވިވެ، ވިޔަފާރިވެރިންގެ ޝަކުވާ މަދުވެގެންދާނެ ކަމަށް ޖުނައިދު ވިދާޅުވެފައިވެ އެވެ.

އެމްޕީއެލްއަށް އަލަށް ގެންނަ 22 އުޅަނދު

  • ރިޗް ސްޓިކާ 6 އުޅަނދު
  • ޓްރެއިން ކްރޭން 10
  • ފޯކްލިފްޓް ޓްރަކް 2
  • އެމްޓީ ކޮންޓެއިނާ ހޭންޑްލާ 4

ސީއީއޯ ޖުނަދު ވިދާޅުވެފައިވާ ގޮތުގައި މި އުޅަނދުތަކުގެ ތެރޭގައި ހިމެނޭ "އެމްޓީ ކޮންޓެއިނާ ހޭންޑްލާ" ހަތަރު އުޅަނދަކީ ބަނދަރަށް މުޅިން އަލަށް ގެންނަ އުޅަނދުތައް ކަމަށް އޭނާ ވިދާޅުވި އެވެ."އެމްޓީ ކޮންޓެއިނާ އަށް ހައިއަށް ނެގޭނެ. އެއްފަހަރާ 40 ފޫޅުގެ ދެ ކޮންޓެއިނާ. އަޅުގަނޑުމެންނަށް އަބަދުވެސް ޖާގައިގެ ދަތިކަަން. އޮވޭ،" ޖުނައިދު ވިދާޅުވެފައިވެ އެވެ.