ހައިކޯޓް

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

ހައިކޯޓަށް ދެ ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާންކޮށްފި އެވެ. އިއުލާން ކޮށްފައި މިވަނީ ކުރިން މިކަމަށް ހުޅުވައިލި އިއުލާން ބާތިލުކުރުމަށްފަހު އެވެ.

ކުރިން ކުރި އިއުލާނާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ދެ ބޭފުޅުންނެވެ. ހޯދަން އިއުލާންކުރީ ވެސް ދެ ފަނޑިޔާރުންނެވެ. އެ އިއުލާން ބާތިލުކޮށް މިއަދު އަލުން ޖޭއެސްސީއިން ވަނީ ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އަލުން އިއުލާންކޮށްފަ އެވެ.

އެ އިއުލާނެއްގައި ބުނެފައިވަނީ، ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޝަރުތުހަމަވާ އެކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ހައިކޯޓުގައި ނުވަ ފަނޑިޔާރުން ތިއްބަވަން ޖެހޭއިރު މިހާރު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. އެއީ، ހައިކޯޓުގައި ތިއްބެވި ހަތަރު ފަނޑިޔާރުންނާއި ދެކުނު ގޮފީގައި ތިއްބެވި ތިން ތިން ފަނޑިޔާރުންނެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ، އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.

ހައިކޯޓުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި އައްބާސް ޝަރީފު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ޝަރުތަކީ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއި އުމުރުން 25 އަހަރު ފުރިފައިވުމެވެ. އަދި ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހަކީ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވުމާއި އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރި ކަމަށް ސާބިތުވެފައިނުވުމާއެކު އެފަދަ ކުށެއް ކޮށްފައިވާނަމަ ހުކުމެއް ތަންފީޒުކޮށް ނިމިފައިވާތާ ހަތް އަހަރު ވާންޖެހެ އެވެ،

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އަސާސީ މުސާރައަށް މަހަކު 36،000ރ. އެވެ. ލިވިންގް އެލެވެންސެއްގެ ގޮތުން 15،000ރ. ދެ އެވެ. ރިސްކް އެލަވަންސަކަށް 3300ރ. ދެ އެވެ. އިތުރުން ފޯނު އެލަވެންސާއި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއެވެ.