ރާއްޖެ ކުޅިވަރު

ނިއު އިން އަނެއްކާވެސް ވެލެންސިއާ އަށް ލަނޑުދީފި

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިރޭ 2-0އިން މޮޅުވެ، ނިއުރޭޑިއަންޓް އަނެއްކާ ވެސް ވެލެންސިއާ އަށް ލަނޑުދީފި އެވެ.

މުޅި މެޗުގައި ވެސް ވެލެންސިއާ އަށް ވުރެ ރަނގަޅަށް ކުޅުނު ނިއުގެ ފުރަތަމަ ލަނޑު ޖެހީ ފަހުހާފުގައި ކުޅެން ނުކުމެ މުހައްމަދު މުސްލިހު އެވެ. އަދި މެޗު ނިމިނިމި އޮއްވައި ދެ ވަނަ ލަނޑު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭނާ މި ލަނޑު ޖެހީ ފަހު 10 މިނިޓްގައި ވެލެންސިއާގެ މުޅި ޓީމު ކުރިއަށް ޖެހިގެން ކުޅުނު ވަގުތު އުފެއްދި ކައުންޓައެޓޭކެއްގަ އެވެ.

އަގުބޮޑު ސްކޮޑެއް އޮތް ވެލެންސިއާ މި މެޗުން ބަލިވުމުން ލީގު ޗެމްޕިއަން ނުލިބޭނެކަން ގާތްގަނޑަކަށް ވަނީ ކަށަވަރުވެފަ އެވެ. އެ ޓީމަށް 14 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ.

މެނޭޖްމަންޓާ ހިޔާލުތަފާތުވުމުން ބަލްގޭރިޔާގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފް މަގާމުން ދުރުކޮށް ކުޅުނު މި މެޗުގައި ނިއު އަށް އިރުޝާދުދިނީ އެސިސްޓެންޓް ކޯޗު އަދި ކުރީގެ ކެޕްޓަން އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ. ނިއު އަށް މިހާރު ލިބިފައިވަނީ 16 ޕޮއިންޓާއެކު ފަސް ވަނަ އެވެ. ވެލެންސިއާ އޮތީ ހަތަރުވަނާގަ އެވެ.

ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބު ކުރީ ބީޖީއާ ވާދަކޮށް 3-2އިން ވިކްޓަރީ އެވެ. މި މެޗުން މޮޅުވުމުން ވިކްޓަރީ ވަނީ ނުވަ ޕޮއިންޓާއެކު ޓޭބަލުގެ ހަތަކަށް ޖެހިލައިފަ އެވެ. ބީޖީ އޮތީ ހަތް ޕޮއިންޓާއެކު އަށް ޓީމު ވާދަކުރާ ލީގުގެ ފުލުގަ އެވެ.