ރާއްޖެ ކުޅިވަރު

ތަށި ހޯދި ޓީމުގައި ޓޫކިލޯ ކުޅޭނެތަ؟

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2008ގައި ކާމިޔާބުކުރި ޓީމާއި ގައުމީ ޓީމު އަންނަ ހަފުތާގެ ހޯމަ ދުވަހު ކުޅޭ ދައްކާލުމުގެ މެޗުގައި ކުޅުމާމެދު އަދި ސުވާލު އުފެދިފައިވާ ކަމަށް މުހުތާރު ނަސީރު (ޓޫކިލޯ) ބުނެފި އެވެ.

ރާއްޖެ އަށް ފުޓްބޯޅައިން ތައްޓެއް ހޯދައިދިން ލަނޑު އިންޑިޔާކޮޅަށް ފައިނަލް މެޗުގައި ޖެހި އއ. ތޮއްޑުއަށް އުފަން ކުޅުންތެރިޔާ ބުނީ އޭނާ މިވަގުތު ހުރީ އެފްއޭއެމުން ދީފައިވާ ސަސްޕެންޝަނެއްގައި ކަމަށެވެ.

"މިވެސް އެފްއޭއެމުން ރާވާ މެޗެއް. އެހެންވީމާ ކިހިނެތް ކުޅޭނީ. އެކަމަކު މަޝްވަރާކުރަން އަންނަ ބުނެފައި އޮތީ،" ޓޫކިލޯ ބުންޏެވެ.

ވެލެންސިއާގެ ފުޓްބޯޅަ ޓީމުން ވިދާލައި ފަހުން ވިކްޓަރީ އާއި ނިއުރޭޑިއަންޓް އަދި އީގަލްސް އާއި އައިއެފްސީ އަށް ވެސް ކުޅުނު ޓޫކިލޯ 10 މެޗަށް ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ރެފްރީ އަށް ހަމަލާދިނުމުންނެވެ. އޭނާ އަށް ރަތްކާޑު ދެއްކީ މުބާރާތުގައި ތޮއްޑޫ އާއި ފެރިދޫ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުޅުނު މެޗުގައި ފެރިދޫ ކުޅުންތެރިއަކު ބޯޅައިގައި އަތްލި ކަމަށް ބުނެ މައްސަލަ ޖެއްސުމުން ރެފްރީ އެކަމާ އަޅާނުލުމުން ރޮނގު ބަލަހައްޓަން ހުރި އެސިސްޓެންޓް ރެފްރީ އަށް ހުތުރު ބަހުން މުއާމަލާތް ކުރުމުންނެވެ. ސަސްޕެންޝަނާއެކު ޓޫކިލޯ ވަނީ 15000ރ. އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

އޭނާ ސަސްޕެންޑްކުރުމަށްފަހު އެފްއޭއެމުން ބުނީ ޓޫކިލޯއަކީ ދިވެހި ފުޓްބޯޅައިގެ ބްރޭންޑެއް ކަމަށާއި އެފަދަ ކުޅުންތެރިއަކަށްވެ ހުރެ އޭނާ ކުރި ކުށަކީ ބަލައިގެނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި 10 މެޗަށް ސަސްޕެންޑްކުރީ އެކަމުގެ އަދަބެއްގެ ގޮތުން ކަމަށެވެ.

މިނިވަން ފަންސާސް މުބާރާތުގައި ޓޫކިލޯ ކުޅުނީ ފުޓްބޯޅަ ކުޅުން ހުއްޓާލައިގެން އަހަރެއްހާ ދުވަހު ހުރުމަށްފަހު އެވެ. މިދިޔަ އަހަރުނޫން ކުރީ އަހަރުގެ ރޯދަ މަހު ބޭއްވި ކުރީގެ ކުޅުންތެރިން ވާދަކުރާ ވެޓަރަންސް މުބާރާތުގައި ވެލެންސިއާ އަށް ކުޅެ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ހޯދި އެވެ. ޓޫކިލޯ އަކީ އޭނާގެ އަގުވަޒަން ކުރުމުގެ ގޮތުން އެފްއޭއެމުގެ އެންމެ މަތީ ޝަރަފްދީފައިވާ ކުޅުންތެރިއެކެވެ. އަދި އޭނާ 2008ގެ ސާފް ޗެމްޕިއަންޝިޕުގައި ބޭނުންކުރި 23 ނަންބަރު ޖާޒީ ވެސް ވަނީ ތާރީހަށްޓަކައި އާސާރުކޮށްފަ އެވެ.