އަންނަ ހޯމަ ދުވަހު ރާއްޖޭގެ ގައުމީ ޓީމަށް ދެކޮޅަށް ކުޅެން ބާސެލޯނާ އާއި ސްޕޭނުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހަނާންޑޭޒް މާލެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
އުމުރުން މިހާރު 36 އަހަރުގެ ކުޅުންތެރިޔާ ލައްވައި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމަށް ކުޅުވަން އެފްއޭއެމުން ދަނީ މަސައްކަތް ކުރަމުންނެވެ. މި މެޗުގައި އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ އަޔާލާ ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ މި ފެންވަރުގެ ކުޅުންތެރިއަކު ގަލޮޅު ދަނޑުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
އެފްއޭއެމުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވީ މިއީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ގައުމީ ފުޓްބޯޅަ އިދާރާއިން ފަށާފައިވާ މަސައްކަތުގެ މުހިންމު ހަރަކާތެއް ކަމަށެވެ. އަދި ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ބްރޭންޑަކަށްވެފައިވާ ކުޅުންތެރިއަކު މި މެޗަށް އައުމަކީ ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެ ކަމަށެވެ.
ގަތަރުގެ އަލްސާދަށް ކުޅެމުން އަންނަ ޒަވީ އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރި ސްޕޭނުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އަދި ބާސެލޯނާ އަށް އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކެޕްޓަނަކީ ވެސް އޭނާ އެވެ. ޒަވީ ވަނީ ސްޕޭނުގެ ގައުމީ ޓީމަށް 133 މެޗު ކުޅެދީ 13 ގޯލު ޖަހާދީފަ އެވެ. އަދި ބާސެލޯނާ އަށް 505 މެޗުން 58 ގޯލު ޖަހާދީފައިވެ އެވެ.