ބޭރު ކުޅިވަރު

ބާސެލޯނާ އަށް ބްރާވޯ ނުހިފެހެއްޓުނީތަ؟

ޔޫރަޕުގެ ޓްރާންސްފާ މާކެޓުގައި މި ހަފުތާގައި އެންމެ އެންމެ ފާހަގަކުރެވިދިޔަ ކަމަކީ ބާސެލޯނާގެ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ މެންޗެސްޓާ ސިޓީ އަށް ބަދަލުވާން ނިންމުމެވެ. މިވީ ކިހިނެތް ހެއްޔެވެ؟

އުމުރުން މިހާރު 33 އަހަރުގެ ބްރާވޯ އަކީ ބާސެލޯނާގެ އެއްވަނަ ކީޕަރެވެ. މިދިޔަ ދެ އަހަރު ސްޕެނިޝް ލީގު ކާމިޔާބުކުރި ޓީމުގެ އެންމެ އިސްއެއް ކުޅުންތެރިޔާ އެވެ. ސައުތު އެމެރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިދިޔަ ދެ އަހަރު ޗިލީ އަށް ކާމިޔާބުކޮށްދިނީ ފައިނަލްގައި އޭނާ ދިފާއުކުރި ޕެނަލްޓީތަކުންނެވެ. މިދިޔަ ދެ އަހަރު އެސަރަހައްދުގެ އެންމެ މޮޅު ކީޕަރަކީ ވެސް އޭނާ އެވެ. ސްޕެނިޝް ލީގުގައި ވެސް އޭނާގެ ވިދުން ގަދަ އެވެ. އެހެންވިއްޔާ އޭނާ ވިއްކާލަންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟

ސްޕޭނުގެ ނޫސްތަކުން ބުނާގޮތުގައި އެންމެ ފަހުވަގުތާ ހަމައަށް ބްރާވޯ ހިފަހައްޓަން ބާސެލޯނާއިން ބޭނުންވި އެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކަޕު މެޗުތަކުގައި ގޯލު ބަލަހައްޓަމުން އަންނަ ޖަރުމަނު ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އަނިޔާގައި ހުރުމުން ބްރާވޯ ކުލަބުގައި މަޑުކުރަން ކޯޗު ލުއިސް އެންރީކޭ ވަރަށް ބޭނުންވި އެވެ.

ނަމަވެސް ސްޕޭނުގެ ނޫސްތަކުން ބުނާގޮތުގައި އެންމެ ފަހު ވަގުތު މުސާރަބޮޑުކޮށް އާކޮންޓްރެކްޓެއް ބާސެލޯނާއިން ހުށަހެޅި ނަމަވެސް ބްރާވޯ އެކަން ގަބޫލުނުކުރީ އެވެ. އޭނާގެ ބާސެލޯނާއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮތްއިރު ބާސެލޯނާ އަށް ކުޅެގެން އަހަރަކު ލިބޭ 3.5 މިލިއަން ޔޫރޯއަށްވުރެ ސިޓީން ކިޔާ އަގު މާބޮޑެވެ. މިހެންވެ އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށް ބްރާވޯ ނިންމީ އެވެ. އަދި ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާއާއެކު މަސައްކަތްކުރަން ބްރާވޯ ބޭނުންވުމަކީ ވެސް އޭނާ ކުލަބު ދޫކޮށްލި ސަބަބެވެ.

އެއްވަނަ ކީޕަރުކަން ޔަގީންވެހުރެ ބްރާވޯ ސިޓީ އަށް ދޫކޮށްލަން ބާސެލޯނާއިން ނިންމީ 17 މިލިއަން ޕައުންޑަށެވެ. އޭނާގެ ބަދަލުގައި ގެންނަނީ ނެދަލޭންޑްސްގެ ގައުމީ ކީޕަރު ޔެސްޕާ ސިލެސަން އެވެ. އޭނާ ގަންނަނީ 12 މިލިއަން ޕައުންޑަށެވެ. އަނެއްކޮޅުން ސިޓީގައި ކުޅެމުންދިޔަ އިނގިރޭސި ގައުމީ ކީޕަރު ޖޯހާޓް އާއި ގާޑިއޯލާއާ ދެމެދު ވަނީ ވަރަށް ބޮޑަށް މައްސަަލަޖެހިފަ އެވެ.