ރާއްޖެ ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރުގެ ޑިސެމްބަރުގައި

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރުގެ ޑިސެމްބަރުގައި ބާއްވަން ނިންމައިފި އެވެ.

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް 2017 ޑިސެމްބަރު 25 އިން ޖެނުއަރީ ފަހަކަށް ބާއްވާނީ ބަނގްލަދޭޝްގެ ވެރިރަށް ޑާކާގަ އެވެ. މިއީ ކޮންމެ ދެ އަހަކުން އެއްއަހަރު ބާއްވާ މުބާރާތް ބަނގްލަދޭޝްގައި ބާއްވާ ތިން ވަނަ ފަހަރެވެ.

ސާކުގެ ހުރިހާ ގައުމަކުން ބައިވެރިވާ މުބާރާތް ބާއްވާ ދުވަސް ކަނޑައަޅާފައިވަނީ މިއަދު ސްރީލަންކާގައި ބޭއްވި ސާފުގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވީ އެފްއޭއެމުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި ނާއިބް ރައީސް އަލީ އުމަރެވެ. މިއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބު ކޮށްދިން ދެ ފޯވަޑުންނެވެ.

ޓޮމް ވިދާޅުވީ އަންނަ އަހަރު ސާފް ކުލަބު ޗެމްޕިއަންޝިޕް ވެސް ފަށަން މަޝްވަރާކުރިކަމަށެވެ. މި މުބާރާތަކީ މި އަހަރު ބަނގްލަދޭޝްގައި ބާއްވަން 2013 ވަނަ އަހަރު ނިންމާފައި އޮތް މުބާރާތެކެވެ. ނަމަވެސް މުބާރާތް ބާއްވާނެ ތާރީހު ފައިނަލްނުވެ އަނެއްކާވެސް މިވަނީ ފަސްވެފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކޮންމެ ދެ މުބާރާތަކުން އެއްމުބާރާތް ބާއްވަނީ އިންޑިޔާގަ އެވެ. އެއީ މުބާރާތުގެ މެއިން ސްޕޮންސަރުންގެ އެދުމުގެމަތީންނެވެ. އެންމެ ފަހުން މި މުބާރާތް ބޭއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި އިންޑިޔާގެ ޓްރިވެންޑްރަމުގަ އެވެ.