ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ސްޕޭނުގެ ބާސެލޯނާ އާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އަދި ޖަރުމަނުގެ ބަޔާން މިއުނިކާއި ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑް ވާދަކުރަން ޖެހިއްޖެ އެވެ.
މިރޭ ގުރުނެގި މުބާރާތުގެ ގްރޫޕް ސީގައި މި ދެ ޓީމު ލައްވާއިރު މިއީ ވަރަށް ފޯރިގަދަ ކުރިމަތިލުމަކަށްވާނެ އެވެ. އެއީ ސިޓީ އަށް މި އަހަރުން ފެށިގެން ކޯޗުކޮށްދެމުން އަންނަނީ ބާސެލޯނާގައި ގިނަ ކާމިޔާބުތަކެއް ހޯދި އެކުލަބުގެ ކުރީގެ ކޯޗު އަދި ކެޕްޓަން ޕެޕް ގާޑިއޯލާ ކަމަށްވުމެވެ. އަދި ސިޓީގެ ޓެކްނިކަލް އެޑްވައިޒަރުންނަކީ ވެސް ކުރިން ބާސެލޯނާގައި މަސައްކަތްކުރި މީހުންނެވެ. މީގެ އިތުރުން ގާޑިއޯލާ ހަވާލުވުމާއެކު ބާސެލޯނާގެ ޗިލީ ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ މިއަދު ސިޓީ އަށް ކުޅެން ސޮއިކޮށްފަ އެވެ. މި ދެ ޓީމާއެކު ގްރޫޕް ސީގައި ހިމެނެނީ ޖަރުމަނުގެ ބޮރޫޝިޔާ މޮންޗެންގްލަޑްބަޗާއި ސްކޮޓްލޭންޑްގެ ސެލްޓިކެވެ.
އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް ހިމެނުނީ ގްރޫޕް އެފްގަ އެވެ. ޖުމުލަ 11 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް އާއި ޑޯޓްމުންޑާއެކު މި ގްރޫޕުގައި ދެން ހިމެނެނީ ޕޯޗުގަލްގެ ސްޕޯޓިން އާއި ޕޮލެންޑްގެ ލެގިއާ އާއި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އެވެ.
ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ވާދަކުރާ އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ ލައްވާލީ 2004ގެ ޗެމްޕިއަން ޕޯޓޯއާއެކު ގްރޫޕް ޖީގަ އެވެ. އިނގިރޭސި ޗެމްޕިއަނުންނަށްވުމުން ލެސްޓާ ހިމެނުނީ ވެސް ގުރުނެގިއިރު އޭ ޕޮޓުގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ބެލްޖިއަމްގެ ކްލަބު ބްރޫޖާއި ޑެންމާކުގެ ކޯޕެންހޭގަން އެވެ.
އެންމެ ފަހުގެ ފައިނަލްގައި ކުޅުނު އެތްލެޓިކޯ މެޑްރިޑާއި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ބަޔާން މިއުނިކް ހިމެނެނީ ގްރޫޕް ޑީގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ނެދަލޭންޑްސްގެ ޕީއެސްވީ ރަޝިޔާގެ ރޮސްޓޯވް އެވެ.
އާސެނަލް އާއި ފްރާންސްގެ ޕީއެސްޖީ ހިމެނުނީ ގްރޫޕް އޭގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސްވިޒަލޭންޑްގެ އެފްސީ ބާސެލް އާއި ލުޑޮގްރެޓްސް އެވެ.
ގްރޫޕް ބީގައ ހިމެނެނީ ޕޯޗުގަލްގެ ބެންފީކާ އާއި އިޓަލީގެ ނަޕޯލީ އާއި ޔުކްރޭނުގެ ޑީނަމޯ ކިއޭވް އާއި ތުރުކީގެ ބެސިކްޓާސް އެވެ.
ޓޮޓެންހަމް ހިމެނެނެނީ ޖަރުމަނުގެ ބަޔާން ލެވަކޫސަން އާއި ރަޝިޔާގެ ސީއެސްކޯ މޮސްކޯ އާއި ފްރާންސްގެ މޮނާކޯއާއެކު އީ ގްރޫޕުގަ އެވެ.
އިޓަލީގެ މަޝްހޫރު ޔުވެންޓަސް ހިމެނުނީ ގްރޫޕް އެޗްގަ އެވެ. އެއީ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސްޕޭނުގެ ސެވިއްޔާ އާއި ފްރާންސްގެ ލިއޯން އަދި ކްރޮއޭޝިއާގެ ޑީނަމޯއާ އެކުގަ އެވެ.
މި ފަހަރުގެ މުބާރާތުގެ އެމްބެސެޑަރަކީ 1980ގެ އަހަރުތަކުގައި ލިވަޕޫލާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިއާން ރަޝް އެވެ. އޭނާއެކު ގުރުނަގައިދިނުމުގައި ބައިވެރިވީ ބާސެލޯނާގައި ޗެމްޕިއަންސް ލީގު ކާމިޔާކުރި ފްރާންސްގެ ފޯވަޑް ތިއޭރީ އޮންރީ ނެދަލޭންޑްސްގެ ރުޑްވޭން ނިސްޓެލްރޫއި އާއި އޭސީމިލާނާއި ރެއާލްގައި ތަށި ހޯދި ކްލަރެންސް ސީޑޯފެވެ.