ކުރިއާ އަޅާބަލާއިރު ދިވެހި ފުޓްބޯޅަ "ފޫހި"ވެއްޖެ އެވެ. ފުޓްބޯޅަ ނެގެހެއްޓި ކުލަބުތައް ހަސްފަސްނެތިވަމުންގޮސް ސަޕޯޓަރުން ބޭރުގެ ކުލަބުތަކަށް ގޮސް އޮބާލައިފި އެވެ. ކުޅުންތެރިން "ޕްރޮފެޝަނަލް"ވެ، ފައިސާގެ އޮއިވަރާއެކު ހަގީގީ ވާދަވެރިކަން ވެސް ނެތިހިނގައްޖެ އެވެ. މިއީ ދިވެހި ފުޓްބޯޅައިގެ މިއަދުގެ ހާލަތެވެ.
ފުޓްބޯޅަ ވެއްޓެންފެށީ ސަޕޯޓަރުން ނެތް ކުލަބުތަކުން ބޮޑު އަގުގައި ކުޅުންތެރިން "ކަހާލި" ހިސާބުންނެވެ. އެއީ 2008ގެ ފަހުކޮޅެވެ. އެކަމަކު އާކުލަބަކަށް ސަޕޯޓާސް ބޭސްއެއް އަދިވެސް ނުއުފެއްދެ އެވެ. ފުޓްބޯޅައިގެ ދުވެލި ބާރުކުރަން ގައުމީ ފުޓްބޯޅަ އިދާރާ އަށް ވެސް މިހާތަނަށް ކުރެވުނު މާބޮޑު ކަމެއްނެތެވެ. ރަނގަޅު ތަސައްވުރެއްވެސް ނެތީ އެވެ.
އެކަމަކު އެންމެން ވެސް ހެކިވާ ފަދައިން 2008ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ވަގުތަކީ ދިވެހި ފުޓްބޯޅަ އާހަރުފަތަކަށް ގެންދަންވީ ވަގުތެވެ. އެކަން ނުކުރެވުނީ އެވެ. ރާއްޖެ އާއި ލަންކާގައި ބޭއްވި ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތަށި ރާއްޖެ ކާމިޔާބުކުރީ ދިވެހި ފުޓްބޯޅަ އޭގެކުރިން ދުވަހަކު ނުދެކޭފަދަ ފާޑުކިއުންތަކެއްގެ ތެރެއިންނެވެ. އެތަކެއް މައްސަލަތަކަކާއި އަރައިރުންތަކަކަށްފަހު ކުއްލިގޮތަކަށް ގައުމަށް އައި އެކުވެރި ރަތް އީދަކާއެކުގަ އެވެ. ހަގީގަތުގައި ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ލިބުނީ އެންމެން އެތަށި ބޭނުންވުމުންނެވެ. ހުރިހާ ފިކުރެއް އެއްފަރާތްކޮށް މަގޭ ޓީމު މޮޅުވާން ބޭނުންވުމުންނެވެ. ތަށި ހޯދަން ސަޕޯޓަރުންވި މަތިވެރިގުރުބާނީ އާއި މުޅިޓީމުގެ މިންނެތް މަސައްކަތާއި ސަރުކާރުގެ އެއްބާރުލުން ފާހަގަކޮށްލަންޖެހެ އެވެ.
ވަރުގަދަ އިންޑިޔާގެ ގޯލަށް މުހުތާރު ނަސީރު (ޓޫކިލޯ) އުންޑައެހެން ފޮނުވާލި ބޯޅައިން ރާއްޖެ ތަށި ހޯދިތާ މާގިނައިރެއްނުވެ ދަނޑުބޭރުގައި ލަންކާގެ ބައެއް ކުޅުންތެރިންނާ އަޅުގަނޑާ ބައްދަލުވި އެވެ. ރޯޝަން ޕެރޭރާމެން ބުނަމުންދިޔައީ ރާއްޖެ ދެން އަތެއްނުވާނެ ކަމަށެވެ. މެޗު ނިމުނުތާ ކުޑައިރުކޮޅެއް ފަހުން އެއިރުގެ ރައީސުލްޖުމުހޫރިއްޔާ މައުމޫން އަބުދުލްގައްޔޫމް ލަންކާގެ ހިލްޓަން ހޮޓަލުގައި ޓީމާ ބައްދަލުކުރި އެވެ. "މިއީ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ކަމަރުބަންނަންވީ ވަގުތު" ކަމަށާއި "ކާމިޔާބު ހޯދުމަށްފަހު އެކާމިޔާބު ތަކުރާރުކުރަން ވަރަށް މަސައްކަތްކުރަންޖެހޭނެ" ކަަމަށް އެމަނިކުފާނު އެރޭ އެދިވަޑައިގެންނެވި އެވެ.
ނަމަވެސް އެއީ ރިއާސީ އިންތިހާބުގެ އަހަރަށްވުމާއެކު ސިޔާސީ ކުލަތަކުގެ ބާރުގައި ގައުމީ ޓީމުގެ ކާމިޔާބީ ދެތިން ދުވަހެއްގެ ތެރޭގައި އެންމެން ހަނދާންނައްތާލީ އެވެ. ފުޓްބޯޅައިން ރާއްޖެ އަށް ލިބުނު ފުރަތަމަ ތަށި ހުރިހާ ރަށެއްގެ ރައްޔިތުންނާ ހަމައަށް ގެންދަން އެފްއޭއެމުގެ އިސްނެގުމާއެކު ފެށި ދަތުރު ވެސް ފަނިކޮށްލީ އެވެ. އެއްބަޔަކު ތަށި ރަށަށް އެރުވިޔަނުދޭން އުޅުނުއިރު އަނެއް ބަޔަކު ތަށީގައި ބޮސްދޭން ބޭނުންވެ ފުރިހަމައަށް ތައްޔާރުވި އެވެ. ނަމަވެސް ސިޔާސީ ކޯޅުމާހެދި އެކަންދިޔައީ ނިކަން ވައިކޮށެވެ.
ސާފް ޗެމްޕިއަންޝިޕާއެކު ފުޓްބޯޅައާ މަރުހަލާއަކަށް ގެންދިއުމުގެ މަސައްކަތް އެފްއޭއެމަށް ވެސް މަސައްކަތް ނުކުރެވުނީ ސިޔާސީ ކުލަވަރުތަކާހެދި އެވެ. އެދުވަސްވަރު ކުޅުންތެރިން ވެސް "ހިސާބަކަށް ސިޔާސީވެ" އަދި ރެސްޓަކަށްބޭނުންވެ، ތިބީ ފާޑަކަށެވެ. އެންމެ މޮޅު ކުޅުންތެރިން ގިނަކޮށް އެއިރު އޮތް ވީބީގެ ކޯޗު ލާސްލޯ ކިސް އެކަމާހެދި ސާފް ޗެމްޕިއަންޝިޕް ލިބުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް ބުނަމުންދިޔަ އެވެ. މިހިސާބަށް ކަންތައްދިޔައިރު އަދި 2008ގެ ފަހުން މިހާތަނަށް އެފްއޭއެމް ހިންގެވީ ސިޔާސީ ބޭފުޅުންނަށްވުމުން ފުޓްބޯޅަ އާއިލާގެ އެންމެންގެ ބައިވެރިވުން އޮތީ ނުލިބި އެވެ. ނުވަތަ ފުޓްބޯޅައަށް ދޭންވާ އަހަންމިއްޔަތުކަން އޮތީ ނުދެވި އެވެ.
އެކަމަކު މިހާރު މަންޒަރު ބަދަލުވާހެން އެބަހީވެ އެވެ. ފުޓްބޯޅައިގެ ގޭމްޕްލޭން ރާވާލަން އެފްއޭއެމުގައި މިހާރު އޮތީ ކުޅިވަރުގައި ރަނގަޅަށް ދާހިތްލާލާފައި އޮތް ޓީމެކެވެ. މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އަކީ ސިޔާސީ ބޭފުޅަކަށްވިޔަސް އެއަށްވުރެ ބޮޑަށް އޭނާއަކީ ފުޓްބޯޅައިގެ ސުޕަސްޓާރެކެވެ. ސާފް ޗެމްޕިއަންޝިޕް 2008 ރާއްޖެ ކާމިޔާބުކުރީ ވެސް ޓީމުގެ އިސްފޯވަޑެއްގެ ގޮތުގައި އޭނާ ހުރެ އެވެ.
މިހެންވެ ދިގުރާސްތާ އަކަށް އަމާޒުކޮށް އޭނާ މިހާރު އެވަނީ މިއިން ދުވަހަކު ރާއްޖެ ނުދެކޭވަރުގެ ސްޓްރެޓެޖިކް ޕްލޭނަކަށް ތައްޔާރުވަމުންނެވެ. ފުޓްބޯޅައިގެ އެންމެ އުހުގައިތިބި ގައުމުތަކުގައި ކަންކަންކޮށްފައި ހުރިގޮތް ބަލައި އެކަންކުރި މީހުންގެ އެހީތެރިކަމާއެކުގަ އެވެ. ވަގުތީގޮތުން ކުލަބުތައް ރުއްސުމުގެ ބަދަލުގައި ދުރުމުސްތަގްބަލަކަށް އަމާޒުހިފަނީ އެވެ.
ޓޮމްގެ ތަސައްވުރު ފަށައިގަތުމަށް އޭނާ ގެންގުޅޭ އުސޫލުތައް ރަނގަޅުކަމަށްފެނެ އެވެ. ސާފް ޗެމްޕިއަންޝިޕް 2008ގެ ގޯލްޑް ޓީމާއި މިހާރުގެ ގައުމީ ޓީމު އަންނަ ހޯމަ ދުވަހު ކުޅޭ މެޗަކީ މިބިޔަ އޮޕަރޭޝަނުގެ ފުރަތަމަ ހަރަކާތެވެ. މިމެޗަށް ދުނިޔޭގެ ފުޓްބޯޅަ ތަރިންގެ ތެރޭގައި ހިމެނޭ ސްޕޭނުގެ ޒަވީ ހަނާންޑޭޒް އާއި އާޖެންޓީނާގެ ޑިފެންޑަރު ރޮބާޓޯ އަޔާލާ އިތުރުން ތަށި ހޯދައިދިން ކޯޗު ސްލޮވާކިޔާގެ ޖޯސެޕް ޔަންކޭޒް މާލެ ގެންނަކަމީ ވެސް އެފްއޭއެމުން ކުރި ވަރަށް ރަނގަޅު ކަމެކެވެ. ހަގީގަތުގައި ޔަންކޭޒް ރާއްޖެއިން ފުރައިގެންދިޔައީ އޭނާގެ އަގުވަޒަންނުކުރެވި އޮއްވަ އެވެ. ފުރައިގެންދިޔައީ ވަރަށް ބޮޑު ހިތްހަމަނުޖެހުންތަކަކާއެކު ދެން ދުވަހަކު ވެސް ރާއްޖެ އަންނަން ބޭނުންނޫން ކަމަށް ބުނެފަ އެވެ. އެކަމަކު އަލުން ދިވެހިންނާ ބައްދަލުކޮށްލަން އޭނާ އެއްބަސްވީ ސީދާ ޓޮމްގެ ހާއްސަގެ ދައުވަތަކަށް އަދި ވަރަށް ވިސްނައިދީގެންނެވެ. މިބަދަލާއެކު އެކިސަބަބުތަކާހުރެ ދުރުގައިތިބި އެންމެން ގެނެސް ދިވެހި ފުޓްބޯޅަ އަށް ރަނގަޅު ސައްލާތަކެއް ޓޮމް ކުރިއަށް ގެންދަވާނެ ކަމަށް ޔަގީންކުރެވެ އެވެ.
ކޯޗު ޔަންކޭޒާއެކު މި މެޗަށް ގޯލްޑް ޓީމު ނުކުންނައިރު މީގެ އަށް އަހަރުކުރިން ތަށި ހޯދި ކުޅުންތެރިންގެ ފައިގައި އަދިވެސް ބާރާއި ހަކަތަ އެބަހުއްޓެވެ. ފަހަރުގައި އަދިވެސް ޓީމުތަކުން "ގަޔާވާހާ" މޮޅު ކުޅުމެއް އެމީހުން ދައްކަފާނެ އެވެ. މިއީ އެހާރާއި މިހާރުގެ ފުޓްބޯޅައިގެ ދުވެލި މިނެކިރާލަންވެސް ލިބޭ ރަނުގެ ފުރުސަތެކެވެ. އޭރާއި މިހާރުގެ ކުޅުންތެރިން އެއްވަގުތެއްގައި ކުޅޭ މަންޒަރު ބަލާލަން ލިބޭނެ މުހިންމު ފުރުސަތެއްވެސްމެ އެވެ. ތަށި ހޯދިއިރު އެންމެން މަގޭ ޓީމަށް ސަޕޯޓްކުރިފަދައިން މިއީ އަނެއްކާވެސް މަގޭ ޓީމު ކުރިއަށް ނެރެންވީ ވަގުތެވެ. ތަށި ހޯދީ ވެސް ބައިބައިވުމާއި ފާޑުކިއުންތަކުގެ ތެރެއިން ފަހުވަގުތު އެންމެން އެކައްޗެއް ކިޔައިގެންނެވެ. ވަން ޓީމު، ވަން ނޭޝަންގެ ޝިއާރުގެ ދަށުން އަލުން ސާފް ޗެމްޕިއަންޝިޕް ހޯދުމުގެ މަސައްކަތް ފަށައިގަތުމަށް ގަލޮޅު ދަނޑުގައި ޖޯޝާއި ފޯރި ހިއްޕާލަން ގައުމީ ޓީމުގެ ކުރިއަށް އޮތް ތިން މެޗަށްވުރެ ވަކި ރަނގަޅު ފުރުސަތެއް ނުލިބޭނެ އެވެ. ގޯލްޑް ޓީމުގެ މެޗަށާއި އޭގެ ފަހުން ބަންގަލްދޭޝް އާއި ލާއޯސްއާ ދެކޮޅަށް މަގޭ ޓީމަށް ސަޕޯޓްކުރަން ދަނޑަށް ވަޑައިގަންނަވާށެވެ.