ޔޫރަޕުގެ ޓްރާންސްފާ މާކެޓް އަންނަ ބުދަ ދުވަހު ބަންދުވާނެ އެވެ. އެއަށްފަހު ކުޅުންތެރިއަކަށް ކުލަބު ބަދަލު ކުރަން ފުރުސަތު ލިބޭނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ. ނަމަވެސް ފިނިމޫސުމަކީ ކުޅުންތެރިންނާއި ކޯޗުންވެސް ކުލަބު ބަނަދު ކުރަން އެދޭ ވަގުތެއްނޫނެވެ. އެއީ ޗެމްޕިއަންސް ލީގު ފަދަ މުހިންމު މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ބަންދުވާތީ އެވެ. މިހެންވެ ހޫނު މޫސުމުގައި ކުޅޭނެ ކުލަބެއް ނިންމަން ގިނަ ކުޅުންތެރިން ބޭނުންވެ އެވެ. ނަމަވެސް މިފަހަރުގެ ޓްރާންސްފާ ބާޒާރު ނިމުމަކަށް އަންނައިރު މަޝްހޫރު އެތައް ކުޅުންތެރިންނަށް އަދިތިބީ ގޮތެއް ނުފެނިފަ އެވެ.
ހާމޭސް ރޮޑްރިގޭޒް:
ރެއާލް މެޑްރިޑުގެ ކޮލަމްބިއާ ފޯވަޑް ހާމޭސް ރޮޑްރިގޭޒަކީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އެމުބާރާތުގައި މޮޅު ދެއްކި މޮޅުމާއެކު ބޮޑު އަގުގައި ރެއާލް އަށް ގެންދިޔަ ނަމަވެސް އެކުލަބުގައި ތަރިންގިނަވުމުން އޭނާ ގިނައިރު އިންނަންޖެހެނީ ބެންޗުންގަ އެވެ. މިހެންވެ އޭނާ އަށް އެންމެ ރަނގަޅު ގޮތަކީ ކުޅެން ފުރުސަތުލިބޭނެ ކުލަބަކަށް ދިއުން ކަމަށް ކޯޗު ޒައިނުއްދީންޒިދާން ވެސް ވަނީ ބުނެފަ އެވެ. ހާމޭސް ރޮޑްރިގޭޒަށް ޝައުގުވެރިވާ ކުލަބުތަކުގެ ލިވަޕޫލާއި ޗެލްސީ އަދި އިޓަލީގެ ޔުވެންޓަސް ހިމެނެ އެވެ. ކޮލަމްބިއާގެ ކެޕްޓަން ވިއްކާލަން ރެއާލް މެޑްރިޑުން ކިޔާ 60 މިލިއަން ޕައުންޑް ދެވޭނެ ފެންވަރު ލިވަޕޫލްގައި ނުހުންނާނެ ކަމަށް ރެއާލްއިން ބުނެ އެވެ. ޗެލްސީން އަދި ތިބީ މަޑުމަޑުންނެވެ. ޕައުލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލައިގެން 100 މިލިއަން ޕައުންޑް ލިބުނަސް ޔުވެންޓަސް ތިބީ 60 މިލިއަން ޕައުންޑާ ޖެހި މަދުޖެހިފަ އެވެ.
ޖޯހާޓް:
މި ސީޒަނުގައި އެންމެ ބޮޑު ލަނޑެއްް ލިބުނު ކުޅުންތެރިއަކީ އިނގިރޭސި ގައުމީ ކީޕަރު ޖޯހާޓެވެ. މެންޗެސްޓާ ސިޓީއާ އަލަށް ހަވާލުވި ޕެޕް ގާޑިއޯލާގެ ޕްލޭނުގައި ހާޓް ނުހިމެނޭކަން އެނގުނީ ވަގުތު ފާއިތުވިފަހުންނެވެ. އިނގިރޭސި ބޮޑެތި ކުލަބުތަކުން ކުޅުންތެރިން ހަމަކުރި ފަހުންނެވެ. ހާޓަށް އާކުލަބެއް ހޯދައިދޭން ސިޓީން މަސައްކަތް ކުރާއިރު އެންމެ ބޮޑު ހުރަހަކަށް އޮތީ އާދައިގެ ކުލަބަށްދާން އޭނާ ބޭނުންނުވުމާއި އޭނާ އަށް ސިޓީން ދެމުން އަންނަ މުސާރަ ދެވޭނެ ކުލަބެއްގެ މައްސަލަ އެވެ. ބޮޑެތި ކުލަބުތަކުގެ ތެރެއިން ކިރިޔާ ވެސް އުއްމީދެއް އޮތީ ލިވަޕޫލުންނެވެ. ނަމަވެސް އެކުލަބުގެ ކޯޗު ޔާގެން ކްލޮޕް މިހާރު ޓީމުގައި ތިބި ކީޕަރުންނާމެދު ހިތްހަމަޖެހޭފާޅުކޮށްފަ އެވެ. ބާސެލޯނާގެ ކީޕަރު މިހާރު ސިޓީ އަށް ގެނެސްފައިވުމާއެކު ކޮންމެ ގޮތަކުން ވެސް ހާޓް ވިއްކާލަން އެކުލަބުން ބޭނުންވެ އެވެ. މިހެންވެ އޭނާގެ ކޮންޓްރެކްޓްގައި ދޭން ބުނާ މުސާރަ ގަނޑުކޮށްދީފައި ވެސް ހާޓް ވިއްކާލަން ސިޓީން ދަނީ މަސައްކަތްކުރަމުންނެވެ. އެއީ އޭނާ ކުލަބުގައި ބަހައްޓަން ޖެހިއްޖެނަމަ ދެން ނުކުންނާނެ މައްސަަލަތައް ގިނަވާނެ ކަމަށް ލަފާކޮށްފަ އެވެ.
މަމަޑޯ ސަކޯ:
ލިވަޕޫލްގެ ކޯޗު ސަކޯ އަށް ވަރަށް ބޮޑަށް އިތުބާރުކުރި އެވެ. ނަމަވެސް މަނާ ބޭހުގެ މައްސަލާގައި ނުކުޅެ ގިނަ ދުވަހު ހުންނަން ޖެހުމާއި މި ސީޒަން ފެށުނުއިރު ޖެހުނު އަހުލާގީ މައްސަލަތަކާހުރެ ސަކޯ އަށް މިހާރު ވަނީ އާކުލަބެއް ހޯދަން ޖެހިފަ އެވެ. ނަމަވެސް އިނގިރޭސި ކުލަބުތަކުން އޭނާ ގެންދިއުމަށް އެންމެ ބޮޑަށް ފަސްޖެހޭ ސަބަބަކީ ސަކޯގެ މުސާރަ ބޮޑުވުމެވެ. މިހެންވެ އޭނާ އަށް އެންމެ ފުރުސަތު ބޮޑީ އުފަން ގައުމު ފްރާންސްގެ ކުލަބަކަށް ދިއުން ކަމަށް އިނގިރޭސި މޑިޔާއިން ބުނެ އެވެ.
މާރިއޯ ބަލޮޓެއްލީ:
އަހުލާގީ މައްސަލަތަކާހުރެ ބަލޮޓެއްލީ ގެންދަން އާދައިގެ ކުލަބަކުން ވެސް މިހާރު ބޭނުމެއްނުވެ އެވެ. އިޓަލީގެ އިންޓަމިލާނަށް ފަހު އޭސީމިލާންގައި ދެ ފަހަރު އަދި މެންޗެސްޓާ ސިޓީގައި ވެސް ކުޅުނު ފޯވަޑް މިއިން ކޮންމެ ކުލަބަކުން ބޭނުންނެތިގެން ދޫކޮށްލީ އެވެ. ލިވަޕޫލަށް ވެސް މިހާރު އޭނާ އަކީ ބާމުދާގަނޑަކަށްވަނީ ވެފަ އެވެ. ފަރިތަކުރަމުންދަނީ ވެސް ޔޫތު ޓީމާއެކުގައި މުޅިން ވަކީންނެވެ. ނަމަވެސް އޭނާ ވިއްކާލަން ލިވަޕޫލްވަރަށް ބޭނުމެވެ. އެއީ އޭނާގެ ވިއްކާލައިގެން މެނުވީ އެހެން ކުޅުންތެރިއަކު ގެންވެން ނެތުމުންނެވެ. ފުޓްބޯޅަ ކުރިއަރަމުން އަންނަ ޗައިނާގެ ކުލަބަކުން ވެސް އޭނާ ގަންނަން އުޅެފައި ފަހު ވަގުތު އެހިޔާލު ދޫކޮށްލީ ރައްޓަހިންނާއެކު ރެސްޓޯރަންޓްގައި ސިނގިރޭޒްބޯން އިންދާ ފެނުމުންނެވެ. އިޓަލީގެ ސެމްޕްޑޯރިއާއިން ބަލޮޓެއްލީ އަށް ޝައުގުވެރިވި ނަމަވެސް އޭނާގެ މުސާރަައިގެ ސަބަބުން މިކަން ހަގީގަތަކަށްވުން ދުރެވެ.
ސެސް ފެބްރިގާސް:
ޗެލްސީގެ ޓީމަށް މިހާރު އޭނާ ނާރަ އެވެ. މިހެންވެ އާސެނަލްގެ ކުރީގެ ކެޕްޓަނަށް މިހާރު އޮތީ އާކުލަބަށް ދިއުން ކަމަށް އިނގިރޭސި މީޑިޔާއިން ބުނެ އެވެ. އާކޯޗު އެންޓޯނިއޯ ކޮންޓޭ އާކުލަބެއް ހޯދަން ފެބްރިގާސް އަށް އަންގާފައިވާ ކަމަށްވެ އެވެ. ނަމަވެސް ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު އެކަން ދޮގުކުރެ އެވެ. ފެބްރިގާސް ބެންޗުގައި އިންނަން ބޭނުންނުވާއިރު އޭނާ ޗެލްސީގައި މަޑުކޮށްފިނަމަ އިތުރު މައްސަލަތައް ނުކުތުން އެކަށީގެންވެ އެވެ. ނަމަވެސް ގިނަ މެޗުތަކެއް ކުރިއަށް ހުރުމާއެކު ފެބްރިގާސްއާ ބެހޭގޮތުން ސީދާ ޖަވާބެއްދޭން ޗެލްސީން އަދި ބޭނުމެއްނުވެ އެވެ.
އިސްލާމް ސިލްމާނީ:
ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަށް ކުޅޭ ކުޅުންތެރިޔާ ހުރީ ކުލަބު ބަދަލުކުރަން ބޭނުންވެފަ އެވެ. އިނގިރޭސިވިލާތުގެ އާސެނަލް އާއި ޗެމްޕިއަން ލެސްޓާ ސިޓީ އަދި ވެންޓްހޭމްއިން އޭނާ ގަންނަން ބޭނުންވެ އެވެ. ނަމަވެސް ވެސްޓް ބްރޮމް މި ލިސްޓުގެ ކުރިއަށް އަންނަނީ 25 މިލިއަން ޕައުންޑްގެ ބިޑަކާއެކުގަ އެވެ. ނަމަވެސް ސްޕޯޓިންއިން އޭނާ ދޫކޮށްލަން ބޭނުންވަނީ ވާދަވެރި ޕޯޓޯ މެޗަށް ފަހު އެވެ.
މީގެ އިތުރުން މެންޗެސްޓާ ސިޓީގެ ވިލްފްރެޑް ބޮނީ އާއި ނަޕޯލީގެ މަނޯލޯ އާއި ބާސެލޯނާގެ އަރްދާ ތުރާން އާއި ރެއާލް މެޑްރިޑުގެ އިސްކޯ ފަދަ ކުޅުންތެރިން އެހެން ކުލަބުތަކުން ފެނުން އެކަށީގެންވެ އެވެ.