ބޭރު ކުޅިވަރު

ނާނިގެ އަގު ވައްޓާލުމަށްފަހު ޖޯމާރިއޯ އިންޓަމިލާނަށް

ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއިން މިހާތަނަށް ކުޅުންތެރިއަކު ވިއްކާލި އެންމެ ބޮޑު އަގުގައި ޖޯ މާރިއޯ އިޓަލީގެ އިންޓަމިލާނަށް ސޮއިކޮށްފި އެވެ.

އުމުރުން 23 ޖޯ މާރިއޯ އިންޓަ އަށް ގެންދިޔައީ 38.4 މިލިއަން ޕައުންޑަށެވެ. ކުރިން މި ރެކޯޑް އޮންނަނީ ސްޕޯޓިންގައި ހުރެފައި މެންޗެސްޓާ ޔުނައިޓެޑަށް ގެންދިޔަ ނާނި އަތުގަ އެވެ. އޭނާ ޔުނައިޓެޑަށް ގެންދިޔައީ 25 މިލިއަން ޕައުންޑަށެވެ. އޭގެ ކުރިން ސްޕޯޓިންގައި ހުއްޓައި ޔުނައިޓެޑުން މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ގަތީ 12 މިލިއަން ޕައުންޑަށެވެ.

ޕޯޗުގަލް އަށް ޔޫރޯ ކާމިޔާބުކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ޖޯމާރިއޯގެ ވިއްކާލީ މިއަގަކީ މިހާތަނަށް ޕޯޗުގަލްގައި ކުޅުންތެރިއަކު ވިއްކާލި ދެ ވަނަ އަށް އެންމެ ބޮޑު އަގެވެ. އެންމެ އަގުބޮޑުކޮށް ވިއްކާލީ ޕޯޓޯއިން މޮނާކޯ އަށް ވިއްކާލި ރެއާލް މެޑްރިޑުގެ މިހާރުގެ ކުޅުންތެރިޔާ ކޮލަމްބިއާގެ ހާމޭސް ރޮޑްރިގޭޒް އެވެ.

އިންޓަމިލާނުން އަންނަނީ ޕޯޓޯގެ ބްރެޒިލްގެ ފޯވަޑް ގަބްރިއަލް ބާސޯބާ ގަތުމަށް ވެސް މަޝްވަރާކުރަމުންނެވެ.