ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގަ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމަށް އެމަނިކުފާނު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރި ވަގުތު ހިނގި ހަމަނުޖެހުމުގައި އެމަނިކުފާނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިޜޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ރައީސް ނަޝީދަށް އަނިޔާ ކޮށްފައިވާ ކަމަށް ބައެއް މިޑިއާތަކުން ރިޕޯޓު ކޮށްފައިވީ ނަމަވެސް އެއީ ދޮގެއް ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ މެޑިކަލް ޓީމުން ނަޝީދު ބައްލަވާފައިވާ ކަމަށާއި އެމަނިކުފާނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ތިބި ބައެއް ނޫސްވެރިން ނަޝީދާ ސުވާލު ކުރުމުން އެކަމަށް ފުލުހުން ހުރަސްއެޅުމުން ނަޝީދު އަމިއްލަފުޅަށް ބިންމައްޗަށް ވެއްޓި ވަޑައިގަތީ އެވެ.
"ބަައެއް ފަރާތްތަކުން އެބަބުނޭ އެމަނިކުފާނު [ނަޝީދު]ގެ އަތް ބިނދި އިނގިލަތަށް ބުރިވެފައިވާ ވާހަކަ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެފަދަ އަނިޔާއެއް އެމަނިކުފާނަށް ލިބިފައި ނުވެއޭ،" ހަމްދޫން ވިދާޅުވި އެވެ.
ރައީސް ނަޝީދު ވެސް ފުލުހުންނަށް ހަމަލާ ދިން ކަމަށް ބެލެވޭ ކަހަލަ ހަރަކާތްތަކެއް ފެނުނު ކަމަށް، ނޫސްވެރިއަކު ސުވާލު ދެންނެވުމުން ހަމްދޫން ވިދާޅުވީ ނަޝީދުގައި ގަސްތުގައި ފުލުހަކަށް ހަމަލާދިންތޯ ވީޑިއޯ ފްޓޭޖުން ބަލަމުން އަންނަ ކަމަށެވެ. އަދި އެފަދަ ކަމެއް ހާމަ ވެއްޖެ ނަމަ އެހެން ފަރާތްތަކެކޭ ވެސް އެއްގޮތަށް ނަޝީދާ މެދުވެސް އެ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބަންދުގައި ނަޝީދު ހުންނަވާ އިރުވެސް، އެ މަނިކުފާނަށް ދޭން ޖެހޭ ރައްކާތެރި ކަމާއި ބޭސްފަރުވާގެ ކަންކަން އެކަށީގެންވާ ގޮތުގައި އޮންނަ އުސޫލުގެ ތެރެއިން ހަމަޖައްސައިދެމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.