ވެސްޓްހޭމްގެ ކުޅުންތެރިއެއްގެ މޫނުގައި އުޅަބޮށިން ޖެހިކަމަށް ނިންމައި އިނގިރޭސި އެފްއޭއިން މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއެރޯ ތިން މެޗަށް ސަސްޕެންޑްކުރަން ނިންމައިފި އެވެ.
ނަމަވެސް މިސަސްޕެންޝަނުން ދިފާއުވުމަށް ހެކި ދައްކަން މިއަދުގެ ނިޔަލަށް އަގުއެރޯ އަށް ފުރުސަތުދޭން އިނގިރޭސި އެފްްއޭއިން ވަނީ ނިންމާފަ އެވެ.
މިކަމުން ސަލާމަތްނުވެވިއްޖެނަމަ އަންނަ މަހުގެ 11 ވަނަ ދުވަހު އެންމެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޕެޕް ގާޑިއޯލާގެ ޓީމު ނުކުންނަން ޖެހޭނީ ސިޓީގެ އެންމެ މުހިންމު ފޯވަޑް ނުލަ އެވެ.
ރެފްރީ މާޓިން އެތްކިންސަނަށް މެޗުގެ 76 ވަނަ މިނިޓްގައި ވެސްޓްހޭމްގެ ވިންސްޓޮން ރެއިޑަށް ހަމަލާދިންތަން ފެނިފައެއްނުވެ އެވެ. ނަމަވެސް އިނގިރޭސި އެފްއޭއިން މިކަން ބަލަން ނިންމީ ޓީވީން މަންޒަރު ބަލައި ދިރާސާކޮށްފަ އެވެ.
ސިޓީ އާއި ޔުނައިޓެޑް މިވަގުތު އޮތީ ނުވަ ޕޮއިންޓާއެކު ޓޭބަލުގެ ކުރީގަ އެވެ. މިހެންވެ މި މެޗަކީ ދެ ޓީމަށް ވެސް ވަރަށް ހާއްސަ މެޗެކެވެ. އަދި މިއީ ސިޓީގެ ކޯޗުކަމަށް ގާޑިއޯލާ އަދި ޔުނައިޓެޑުގެ ކޯޗުކަމާ ހޯސެ މޮރީނިއޯ ހަވާލުވި ފަހުން އެކަކު އަނެކަކާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ. ސްޕޭނުގެ ބާސެލޯނާގައި ގާޑިއޯލާ ހުރިއިރު ވާދަވެރި ރެއާލް މެޑްރިޑުގައި މޮރީނިއޯ ހުރި ދުވަސްވަރަކީ ސްޕެނިޝް ލީގުގައި ވަރަށް ވާދަވެރި އަދި ފޯރިގަދަ ދުވަސްވަރެކެވެ.
މި ސީޒަނަށް ދެ ޓީމު ވެސް ވަރުގަދަކޮށްފައިވާއިރު، އަގުއެރޯ ސަސްޕެންޝަނުން ސަލާމަތްނުވެއްޖެނަމަ އޭނާ އަށް ލީގުގައި ބޯނެމައުތާއި އިނގިރޭސި ލީގުކަޕުގައި ސްވަންސީއާ ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލޭނެ އެވެ.