ބޭރު ކުޅިވަރު

ރަޝިޔާ ވޯލްޑް ކަޕުގައި ރޫނީގެ އުއްމީދު ހާސިލްވެދާނެތަ؟

2009ގެ ފަހުން ކޮލިފައިން މެޗަކުން އިނގިރޭސިން ބަލިނުވެ އެވެ. 2010 އާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 އާއި 2016 ވަނަ އަހަރުގެ ޔޫރޯ އަށް އެމީހުން ދިޔައީ ވޭން ރޫނީ ވެސް ގޮވައިގެން ނުހަނު މަތިވެރި އުއްމީދާއެކުގަ އެވެ. އެކަމަކު މިއިން ކޮންމެ މުބާރާތަކުން ވެސް އިނގިރޭސިން ދިޔައީ ފަނުފުލަށެވެ.

ކުރިއަށް ދެން އޮތީ 2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕެވެ. ރޫނީ އަކީ މިހާރު އިނގިރޭސި ގައުމީ ކެޕްޓަނެވެ. އޭނާ ބުނާގޮތުގައި މިއީ ގައުމީ ޓީމަށް އޭނާ ކުޅޭނެ ފަހު މުބާރާތެވެ. ކޮންމެ ނަތީޖާއެއް ނުކުތަސް އޭނާ ގައުމީ ޖާޒީ ބާލާނެ އެވެ. ސުވާލަކީ 1990ގެ ވޯލްޑް ކަޕުގެ ފަހުން ބޮޑު މުބާރާތެއްގެ ގަދަ ހަތަރަަކަށް ދެވިފައިނުވާ އިނގިރޭސީން ދަށްވެގެން ސެމީ ފައިނަލަށް ދިއުމަށް ކުރާ އުއްމީދު ރޫނީ އަށް ފުރިހަމަކޮށްދެވިދާނެ ހެއްޔެވެ؟

"ކޮންމެ ގޮތެއް ވިޔަސް ދެން އަހަންނަށް ބާކީ އޮތީ 2018ގެ ވޯލްޑް ކަޕް ގައުމީ ޓީމާއެކު ކާމިޔާބު ހޯދަން. އަހަރެން ގޮތް ނިންމައިފިން. އެހިސާބުން އަހަރެން ގައުމީ ޓީމާ ވަކިވާނަން. ކުރިއަށް އޮތް މިއޮތް ދެ އަހަރު އަހަރެން ވަރަށް މަސައްކަތް ކުރާނަން ކާމިޔާބު ހޯދަން،" 30 އަހަރުގެ މެންޗެސްޓާ ޔުނައިޓެޑިގެ ވެސް ކެޕްޓަން ބުންޏެވެ.

އިނގިރޭސި ޓީމުގައި މިވަގުތުހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކ ރޫނީ އެވެ. އާކޯޗު ސޭމް އެލާޑީސް އޭނާގެ އަތުގައި ކެޕްޓަން ބޭންޑް ބާއްވަން ނިންމިއިރު ރޫނީ އަށް ޓީމުން ޖާގަ ހޯދުމަކީ މިހާރު ފަސޭހަކަމެއްނޫނެވެ. އިނގިރޭސި ޓީމުގައި މިހާރު އެންމެ ވާދަވެރި ޑިޕާޓްމަންޓަކީ ފޯވަޑުގެ މަގާމެވެ. ރޫނީއަށްވުރެ ޒުވާން އަދި މޮޅު ކުޅުންތެރިން މިހާރު އެ މަގާމަށް ކުޅެން އެބަތިއްބެވެ. މިހެންވެ މިދިޔަ ޔޫރޯގައި ވެސް އޭނާ ލައްވައި ކުޅުވީ މިޑްފީލްޑަށެވެ.

"ކޮންމެ މަގާމަކަށް ކުޅެން ޖެހުނަސް އަހަރެންގެ މައްސަލައެއްނެތް. އަހަރެން މަސައްކަތް ކުރާނީ ކޯޗު ބުނާގޮތް ހަދައިގެން ޓީމަށް އަރަން. އަހަރެން އެންމެ ފުޓްބޯޅަ ކުޅެން ފެށީ 16 އަހަރުގައި. އަހަރެން ގައުމީ ޓީމަށް ކުޅެން ފަށައިފިން 17 އަހަރުގައި. އެހެންވީމާ އަހަރެން ގަބޫލުކުރާ ގޮތުގައި 15 އަހަރަކީ ވަރަށް ގިނަ ދުވަސް. ދެން އަންނަ މުބާރާތެއް އަންނައިރު އަހަންނަށް 34އަހަރުވާނެ. މިއީ އަލްވަދާއު ކިޔަން އެންމެ ރަނގަޅު ވަގުތު،" ރޫނީ ބުންޏެވެ.

އެހިސާބަށް ދާއިރު ރޫނީ ޓީމުގައި ހުރެފިނަމަ އޭނާ ވެގެންދާނީ އިނގިރޭސި ގައުމީ ޓީމުގެ އެންމެ ޝަރަފުވެރި އެއްކުޅުންތެރިޔާ އަށެވެ. މިހާރު ވެސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއަކީ އޭނާ އެވެ. އަދި ޕީޓަ ޝިލްޓަންގެ އަތުގައި އޮތް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މުގުރާލަން މިހާރު އޭނާ ބޭނުންވަނީ އެންމެ 10 މެޗެވެ. ރޫނީ ވަނީ މިހާތަނަށް 115 މެޗު ކުޅެދީފަ އެވެ. މިއީ ދެ ވަނަ އަށް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ޑޭވިޑް ބެކަމްއާ އެއްވަރުގެ އަދަދެކެވެ.

ރޫނީ ބުނީ އާ ކޯޗު އެލާޑީސް އަށް ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ދައްކުވައިދެވިއްޖެނަމަ އިނގިރޭސިންނަށް ކާމިޔާބު ނުލިބެންވީ ސަބަބެއް ނެތް ކަމަށެވެ.

"ހުނަރު އެބަހުރި ކިތަންމެހާ ވެސް ރަނގަޅަށް. މޮޅު ކުޅުންތެރިން އެބަތިބި. ކޯޗަށް އޮތީ މި ކުޅުންތެރިންގެ މޮޅު ކުޅުން ދައްކުވައިދިނުން،" ރޫނީ ބުންޏެވެ.

ނަމަވެސް ރަޝިޔާ މުބާރާތަކީ އިނގިރޭސީންނަށް ގޮންޖެހުން ބޮޑު މުބާރާތަކަށްވާނެ އެވެ. ނިމިގެންދިޔަ ޔޫރޯގައި އިނގިރޭސި ސަޕޯޓަރުންނާއި ރަޝިޔާ މީހުންނާ ޖެހުނު މައްސަލަތަކުގައި ރަޝިޔާގެ ސަޕޯޓަރުންނަށް ލިބުނު އަދަބުގެ ބަދަލު ހިފަން އެމީހުން ތައްޔާރުވެތިބީ އެގަައުމަށް އިނގިރޭސިން އަންނާނެ އިރަކަށެވެ.