ބޭރު ކުޅިވަރު

އަލްކަސަރު ބާސެލޯނާ އަށް، ބަބޯސާ އިންޓަމިލާނަށް

ސްޕޭނުގެ ވެލެންސިއާ އަށް ކުޅެމުން އައި ޒުވާން ފޯވަޑް ޕިކޯ އަލްކަސަރު ބާސެލޯނާ އަށް އަދި ބްރެޒިލްގެ ފޯވަޑް ގަބްރިއަލް ބަބޯސާ އިންޓަމިލާނަށް ސޮއިކޮށްފި އެވެ.

ސްޕޭނުގެ ޗެމްޕިއަން ޓީމުން އޭނާ ގަތީ 25 މިލިއަން ޕައުންޑާއި ލޯނެއްގެ ގޮތުގައި 20 އަހަރުގެ ފޯވަޑް މުނިއާ އަލްހައްދާދީ ވެލެންސިއާ އަށް ދޫކޮށްލައިގެންނެވެ.

އަލްކަސަރަކީ ސްޕޭނުގައި މިހާރު ހުރި އެންމެ އުއްމީދީ އެއް ފޯވަޑެވެ. ވެލެންސިއާގެ ކުރީގެ ކޯޗު ގެރީ ނެވިލްގެ ކޯޗުކަމުގައި އެކުލަބުގެ ކެޕްޓަންކަން ވެސް ކުރި އަލްސަރު ވަނީ ފާއިތުވެދިޔަ ތިން ސީޒަނުގައި 30 ގޯލު ޖަހާފަ އެވެ. ނަމަވެސް 23 އަހަރުގެ ފޯވަޑަށް ބާސެލޯނާގެ ފުރަތަމަ 11އިން ޖާގަ ހޯދުން އުނދަގޫވާނެ އެވެ. އެޓީމުގެ ފޯވަޑް ލައިނުގައި މިވަގުތު ތިބީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ބްރެޒިލްގެ ނޭމާ އަދި އުރުގުއޭގެ ލުއިސް ސުއަރޭޒް އެވެ.

އަލްކަސެރަކީ މި ސީޒަނަށް ބާސެލޯނާ އަށް ގެންދިޔަ ހަ ވަނަ ކުޅުންތެރިޔާ އެވެ.

ބްރެޒިލްގެ ބަބޯސާ އަކީ މިހާތަނަށް ފްރާންސްގެ ޕޯޓޯ އަށް ކުޅެމުން އައި ފޯވަޑެކެވެ. އޭނާ ގަތުމަށް އިންޓަމިލާނަށްވުރެ ކުރިން އިނގިރޭސި ޗެމްޕިއަން ލެސްޓާސިޓީން ވެސް މަސައްކަތް ކުރި އެވެ.

ބަބޯސާ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ މިދިޔަ ހަފުތާގައި ނިމުނު އޮލިމްޕިކްސްގަ އެވެ. އުމުރުން 20 އަހަރުގެ ފޯވަޑް އެ މުބާރާތް ބްރެޒިލް ކާމިޔާބުކުރި އިރު ދެ ގޯލު ޖަހާފަ އެވެ.

އޭނާ އަމީ މިދިޔަ ދެ ދުވަހުގެ ތެރޭގައި އިންޓަމިލާނަށް ގެންދިޔަ ދެ ވަނަ ކުޅުންތެރިޔާ އެވެ. ނެދަލޭންޑްސްގެ ކޯޗު ފްރޭންކް ޑިބޯ ކޯޗުކޮށްދޭ ޓީމުން އިއްޔެ ވަނީ ޕޯޗުގަލް އަށް ޔޫރީ ކާމިޔާބުކޮށްދިން ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ސްޕޯޓިން ލިޒްބަންގެ ޖޯމާރިއޯ ގަނެފަ އެވެ.