ބޭރު ކުޅިވަރު

އެންމެ ފަހުން ވެންގާ ބާޒާރުކޮށްފި

ޓްރާންސްފާ މާކެޓް ބަންދުވާން ކައިރިވެފައިވަނިކޮށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބާޒާރުކޮށްފި އެވެ.

ފައިސާހުރެ ޓީމަށް މޮޅު ކުޅުންތެރިން ނުގެންނާތީވެ ސަޕޯޓަރުންގެ ޕްރެޝަރުކުރިމަތިވެފައިވާ ކޯޗު އެންމެ ފަހުން މިގަތީ ސްޕޭނުގެ ވެލެންސިއާގެ ޑިފެންޑަރު ސްކާޓްރެން މުސްޓާފީ އާއި ޑިޕޯޓިވޯ ލަކަރޫނިޔާގެ ފޯވަޑް ލޫކަސް ޕެރޭޒް އެވެ.

މީގެ ތެރެއިން ލޫކަސްއާ ބެހޭ ގޮތުން ވެންގާ ބުނީ އޭނާ އަކީ މިދިޔަ ސީޒަނުގައި އޭނާ ދައްކާފައިވަނީ މޮޅު ކުޅުމެއް ކަމަށެވެ.

"އޭނާ އަކީ ގޯހޭނެ ގޮތެއް އަބަދުވެސް ބަލާ ކުޅުންތެރިއެއް. އޭނާ އަކީ ހަމައެކަނި ގޯލު ޖަހާ ކުޅުންތެރިއެއްވެސްނޫން. އެހެން ކުޅުންތެރިންނާ ގުޅިގެން ކުޅޭ ކުޅުންތެރިއެއް. ޕާސްދީފައި ބާރަށް ރަނގަޅު ތަނަށް ދުވާ ކުޅުންތެރިއެއް. އަހަރެންގެ ޓީމަށް އޭނާގެ ސަބަބުން ފައިދާވާނެ،" ވެންގާ ބުންޏެވެ.

ޖަރުމަނުގެ ޑިފެންޑަރު މުސްޓާފީ އަކީ ޕްރެމިއާ ލީގުގައި ނުހިފެހެއްޓިގެން ދިޔަ ކުޅުންތެރިއެކެވެ. ނަމަވެސް އެވަޓަންގެ ކުރީގެ ޑިފެންޑަރާ ބެހޭ ގޮތުން ވެންގާ ބުނީ މުސްޓާފ ކުރިއާ ތަފާތުވާނެ ކަމަށެވެ.

"އޭނާ މިހާރު އެހުރީ އެންމެ ރަނގަޅު އުމުރުގައި. އޭނާ އަކީ މޮޅު ކުޅުންތެރިއެއް. ބޯޅައާއެކު ރަނގަޅަށް ކުޅޭ ކުޅުންތެރިއެއް އޭނާ އަކީ. އަހަރުމެން އޭނާ މިގެނައީ އޭނާ އަކީ މޮޅު ކުޅުންތެރިއަކަށްވާތީވެ. އެކަމަކު ކުރިމަގަށް ރަނގަޅަށް ތައްޔާރުވާންޖެހޭނެ،" 24 އަހަރުގެ ޑިފެންޑަރާ ބެހޭ ގޮތުން ވެންގާ ބުންޏެވެ.

މި ދެ ކުޅުންތެރިންނާއެކު ވެންގާ މި ސީޒަނުގައި ޓީމަށް ގެނައި ކުޅުންތެރިންގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ. ނަމަވެސް ސަޕޯޓަރުން ބޭނުންވާ ފެންވަރުގެ ތަރިއަކު ނެތެވެ. ޕްރެމިއާ ލީގުގައި އާސެނަލް މިހާރު އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގަ އެވެ. މިއީ އެއްވަނާގައިވާ މެންޗެސްޓާ ސިޓީ އަށްވުރެ ފަސް ޕޮއިންޓް މަދުއަދަދެކެވެ.