ހަބަރު

ރާއްޖޭގައި ކަންތައް ވަމުންދާ ގޮތާ މެދު ކަންބޮޑުވޭ: އެމެރިކާ، އިންޑިއާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމާއި މިހާރު ރާއްޖޭގެ ހާލަތު ބަދަލުވަމުންދާ ގޮތާ މެދު ކަންބޮޑުވާ ކަމަށް އެމެރިކާ އާއި އިންޑިއާ އިން ބުނެފި އެވެ.

އަވަށްޓެރި އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ ނަޝީދު ހައްޔަރުކޮށްގެން ގެންގުޅޭ ގޮތާ މެދު ކަންބޮޑުވާ ކަމަށާއި އަދި ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލާ މެދު ވެސް ކަންބޮޑުވާ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ މައްސަލަތައް ހައްލު ކުރުމަށް ސިޔާސީ ފަރާތްތަކުން ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އާންމު ޕްރެސް ބްރީފިންގައި ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ ޑިމޮކްރަސީ ހަރުދަނާކޮށް ޖުޑިޝަރީގައި އިތުބާރު އުފައްދައި ގާނޫނު ނެގެހެއްޓުމާއި އިންސާނީ ހައްގުތަކަށް ކަމޭ ހިތުމަށް ރާއްޖޭން ބުނެފައިވާ ބުނުމާ އެއްގޮތަށް އަމަލުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

"...ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމާއި ގާނޫނީ ހަމަތަކުގެ މަތިން ކަންކަން ކުރުމަށް ގޮވާލަން،" ތަރުޖަމާނު ވިދާޅުވި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އޭޝިއާ ނިޝާލް ބިސްވާލް ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ މިދިޔަ ހަފުތާ ބަންދުގައި ވާހަކަ ދައްކަވައި ރާއްޖޭގެ މަސްރަހާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ.

މި ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައި މި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އެ ދައުވާގެ ޝަރީއަތަށް ހާޒިރު ކުރި އިރު ކަން ހިނގައިދިޔަ ގޮތަށް ފަހުގަ އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޝަރީއަތް ނިމެންދެން ނަޝީދު ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.