ރިޕޯޓް

ދިވެހިންގެ ދަނޑުގައި ބަންގާޅުގެ ރަސްކަން: ލަދުން ބޯ ހަލާކު!؟

"އަހަރެމެންގެ ވަތަން އަހަރެމެންގެ ގައުމު އަހަރެމެންގެ ޝަރަފާއި ފަހުރު" މިއީ ލަވަތަކުގައި އިވޭ ބަސްތަކަކަށް މިހާރު ވެފައިވާ ކަހަލަ އެވެ. އަމިއްލަ ފަހުރާއި ޝަރަފު ހިފަހައްޓަން ނުވަތަ ގައުމީ ލޯބީގައި ދިވެހިން ތެދުވެ އުޅޭ މަންޒަރު މިހާރު ވަރަށް މަދުން ނޫނީ ނުފެނެ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ގަލޮޅު ދަނޑުން ފެނިގެން އެ ދިޔައީ ހަގީގަތުގައި ދިވެހިން ލަދު ގަންނަންޖެހޭ ވަރުގެ މަންޒަރެކެވެ.

އެކަމަކު އެ ދަނޑުގައި ފުޓްބޯޅަކުޅެގެން ބަލިވިޔަސް ބަންގާޅުން އެ ވަނީ ދިވެހިން ނިކަން ރީއްޗަށް ލަދުގަންނުވާލައިފަ އެވެ.

ދިވެހިން އަބަދުވެސް އެކަތިގަނޑަށް ހަދައި ހެއްވައި ފޯރިއަރުވައި ވަޖިދުއަރުވައިވޭ ގައުމީ ފުޓްބޯޅަ ޓީމުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށް، ނޭވާހޮޅިން ދިވެހި ފުޓްބޯޅަ އާއި އޭގެ ފޯރި ސަލާމަތްކޮށްދީފަ އެވެ. ނަމަވެސް އެ އުފަލުގައި ގައުމީ ޓީމާއެކު ތިބީ މަދު ދިވެހިން ކޮޅެކެވެ. ގައުމީ ޖޯޝުގައި ދިވެހި ސަޕޯޓަރުން ދަނޑަށް ވަދެފައެއް ނުވެ އެވެ. "ވަތަނީ ރޫހެއްގައި މިވަނީ ދިވެހިންގެ ލޭ ގުޅިފައި،" މި ލަވަ ސްޓޭޑިއަމްގައި ޖަހައި، ނަށާލާނެ ދިވެހިނެއް ރެއަކު ނެތެވެ. ލަވަ އަޑުއިވުނީ ޓީވީއިން އެކަންޏެވެ.

ދިވެހިންގެ ރަސްމީ ދަނޑު ފުރާލައިގެން ބަނޑުންވީ މާލޭގައި މަސައްކަތްކުރާ ބަންގާޅު ލޭބަރުންނާ އެކު އެވެ. ގައުމީ ފޯރި ނަގައި އަޑުގަދަކޮށް، "ބޮލުރުމާގައި" ފޫއަނބުރައި ނަށައި އެބައި މީހުން ހެދި އެވެ. އެހެންވީމަ ހަގީގަތުގައި ދިވެހި ފުޓްބޯޅަ މަރުން ސަލާމަތްކުރުމުގެ ރަސްމީ ކެމްޕޭން އިފްތިތާހުކޮށް މި ދިނީ ބަންގާޅުގެ ސަޕޯޓަރުންނެވެ. -- އެކަމަކު މި ފޯރިއެއް އެމީހުން ނެގިއިރު ދިވެހި ޓީމާއި ސަޕޯޓަރުން ބަންގާޅުގެ ސަޕޯޓަރުންނަށް ވެސް ފިލާވަޅެއް ނަގައިދިނެވެ.

އެއީ ނާކާމިޔާބީގައި ވެސް އިސް އުފުލާލައިގެން ތިބުމަށެވެ. ބަންގާޅުގެ ސަޕޯޓަރުންގެ ލަޝްކަރާ އެކު ދިވެހިންގެ ފޯރީގެ އަޑު ދަނޑުތެރެއިން ކެނޑިގެން ދިޔަ ނަމަވެސް ދިވެހިންގެ އެ މަދު ސަޕޯޓަރުން ވެސް ދުލެއް ނުދެ އެވެ. އެކަމަކު ދެ ވަނަ ހާފުގައި ކުޅެން ނުކުމެ ދިވެހި ޓީމުން ލަނޑު ޖަހަން ފެށުމުން ބަންގާޅު ޓީމުގެ ސަޕޯޓަރުން ކަރުއެލި ބޭރަށް ދުއްވައިގަތީ އެވެ.

ދެން މި އޮތީ އެހެން ވާހަކައެކެވެ. ކުނިއުކާލަ ދޭ ބަންގާޅު މީހުން ނުވަތަ އެހެން މަސައްކަތްތަކަށް ވެސް ގެނެސްފައި ތިބި ބަންގާޅުގެ ސަޕޯޓަރުން ދިވެހިންގެ ހިދުމަތުގައި ގޮސް ގަލޮޅު ދަނޑު ފުރާލީ އެވެ. ދިވެހިން ހިސާބަށް ވުރެން ކަންނެތްވީމަ ބަންގާޅު މީހުން ގޮސް އާދައިގެމަތިން ހުސްތަންފުރާލީ އެވެ.

މިއަދުގެ ދިވެހިންނަކީ ސޯޝަލް މީޑިއާގައި ޓީމަށް ސަޕޯޓުކޮށް މަލާމާތަކުން ނިންމާލާ މީހުންނެވެ.

އެކަމަކު އެރޭގެ މަންޒަރުތަކާއެކު ދިވެހިން ވިސްނަން ޖެހިއްޖެ އެވެ. ގައުމީ ރޫހު ދިރުވައި އާލާކުރަން ޖެހިފައިވާކަމާމެދު ނިކަން ސީރިއަސްކޮށް ވިސްނަން ޖެހިފައިވާކަން ހާމަވެގެން ހިނގައްޖެ އެވެ. އަނެއްކޮޅުން ގައުމީ ޓީމަށް ސަޕޯޓް ދިން ބަޔަކު ބޭރުގެ އެހެން ގައުމެއްގެ ޓްރޭޑްމާކް ވައްޓަފާޅިއެއް ކޮޕީކޮށްލައިގެން އެކަން އާދައަކަށް ހަދަމުންދާކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. -- ދިވެހިންނަކީ ހަގީގަތުގައި އެމީހުންގެ އަމިއްލަ ގޮތުގައި ކުރިން މާ ފޯރި ނެގި ބައެކެވެ. ބަޔަކު މީހުން ކޮޕީނުކޮށް، އެ އިހްތިރާމް އެމީހުންނަށް ދީފައި ދިވެހިން ދިވެހިންގެ ގޮތުގައި ފޯރިއަށް ހިފިއްޔާ ކިހިނެތްވާނެ ހެއްޔެވެ؟

ދިވެހިން ހަމަޖެހިލައިގެން ކަން ފަސޭހަކޮށްލައިގެން ތިއްބާ ދިވެހިންގެ އަމިއްލަ ވަންތަކަމާއި ދިވެހި ގައުމުގެ ޝަރަފާއި ފަހުރު ކިލަނބުވެގެން ދަނީ އެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި ދިވެހިން އެކަތިގަނޑަކަށް ހަދާ އެއްޗަކީ ފުޓްބޯޅަ އެވެ. ދިވެހި ފުޓްބޯޅައިގެ ފޯރި ދިވެހިންގެ މެދުގައި ކުޑަވެފައިވާއިރު އެފްއޭއެމް ދަނީ މި ފޯރި ގެންނަން މަސައްކަތްކުރަމުންނެވެ. ދިވެހިންގެ ގައުމީ ޓީމު އެ ރޭ މިވަނީ ދިވެހިން އެ ޓީމާމެދު އިތުބާރު ބާއްވަން ޖެހޭކަން ހާމަކޮށްދީފަ އެވެ. ރާއްޖެ ފިޔަވައި މި ސަރަހައްދުގައި ކުޅިވަރަށް އެންމެ ފޯރި އޮންނަ ގައުމު މިވަނީ ބޮޑު ތަފާތަކުން ބަލިކޮށްފަ އެވެ. ގައުމީ ޓީމަށް ހިތްވަރު ލިބެނީ ދިވެހިންގެ އަތްތިލަ ބަޑީގެ އަޑެވެ. އެމީހުންގެ ފައި ހަލުވި ވަނީ ދަނޑަށް ދިވެހިން ވަންނަ މިންވަރަކުންނެވެ.

ރާއްޖޭގެ ރަން ކެޕްޓަން އައްސަދު އަބްދުލް ގަނީ ވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާފަ އެވެ. އައްސަދު ބުނީ، ގައުމު ގައުމަކަށްވެ ކުރިއަށް ދާނީ ގައުމު ދެކެ ލޯބިވާ ދަރިންތަކެއް ތިބެގެން ކަމަށެވެ. ގައުމީ ވަންތަ ޖޯޝެއްގައި އެކުވެރި ރޫހެއްގައި ކުރާ ބުރަ މަސައްކަތުން ކަމަށެވެ. އެ ރޭ ދިވެހި ގައުމުގެ އަޑު އަމިއްލަ ފަސްގަނޑުގައި އިވުނު ނުދިން ކަމަށާއި އެކަން ހުއްޓުވީ އެހެން ގައުމެއްގެ ބައެއް ކަމަށް އައްސަދު ބުންޏެވެ. މިއީ ގައުމު ދެކެ ލޯބިވާ އެއްވެސް ދަރިއަކު އެދޭނެ ގޮތެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އެކަމަށް ދިވެހިން ބޭނުންނުވާނަމަ ވަގުތު ފާއިތު ނުވަނީސް ތެދުވަންޖެހެ އެވެ.