ރާއްޖެ ކުޅިވަރު

ދިވެހި ސަޕޯޓަރުން ފޫހިވީތަ؟ މައްސަލައަކީ ކޮބާ؟

ކުލަބު ފުޓްބޯޅައިގެ ފޯރި ނެތެމުންދިޔަ ނަމަވެސް ގައުމީ ޓީމު ކުޅޭނަމަ ދިވެހި ސަޕޯޓަރުން ފޯރިނަގަ އެެވެ. އެކަަމަކު ބުރާސްފަތި ދުވަހުގެ ރޭ ބަނގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި އޮތީ މަންޒަރު މުޅިން ބަދަލުވެފަ އެވެ. މުޅިދަނޑުގައިހެން ތިބީ ރާއްޖޭގައި މަސައްކަތްކުރަން އުޅޭ ބަނގްލަދޭޝް މީހުންނެވެ. މި މެޗަކީ މިހާތަނަށް ރާއްޖެއާ ދެކޮޅަށް ކުޅޭ ގައުމެއްގެ ބަޔަކަށް ގަލޮޅު ދަނޑަށް ވަނުމަށް ލިބުނު އެންމެ ފަހިފުރުސަތެވެ. އެފަދަ ފުރަތަމަ އިމްތިހާނުގައި ދިވެހިން ފޭލްވީ އެވެ. އެކަމަކު ސަޕޯޓަރުން ބޮލަށް ހުރިހާކަމެއް ކަނޑާލުމުގެ ބަދަލުގައި ދިމާވެގެން އުޅޭ މައްސަަލަ ހޯދަން ޖެހެ އެވެ. މައްސަލައަކީ ކޮބާ ހެއްޔެވެ؟ މި ރިޕޯޓްގައި މި ބަލާލަނީ ފާހަގަކުރެވޭ ބައެއް ކަންތައްތަކަށެވެ.

ޕްރޮފެޝަނަލް ވަމުންދާ މިންވަރާއި ގައުމީ ޓީމުގެ ފެންވަރު

ދިވެހި ފުޓްބޯޅައިގެ ރަންބިސްއަޅާ ކުކުޅަކީ މޮޅު ކޯޗެއްނޫނެވެ. އަދި އުމުރުފުރާތަކުގެ ގައުމީ ޓީމު އެކުލަވާލުމެއްވެސްނޫނެވެ. ދިވެހި ޕްރޮފެޝަނަލް ކުޅުންތެރިންނެވެ. ކުޅުންތެރިން ޕްރޮފެޝަނަލް ވަމުންދާ މިންވަރާއި ގައުމީ ޓީމުގެ ފެންވަރު ވަނީ ގުޅިފަ އެވެ. ކުޅުންތެރިން ޕްރޮފެޝަނަލް ކުރުވުމަށް އެމީހުންގެ ހައްގުތައް ރައްކާތެރިކޮށްދީ މުސާރަ ގެރެންޓީ ކޮށްދޭން ޖެހެ އެވެ. މިކަން ކުރެވޭނީ އެފްއޭ އާއި ކުލަބުތަކުގެ ހިންގުން ހަރުދަނާވެ، އާމްދަނީ ލިބޭނެ ވަސީލަތްތައް ހޯދިގެންނެވެ. މިކަމަށް އާދިރުމެއް ބޭނުންވާކަން ޔަގީންކޮށްދެނީ ގައުމީ ޓީމުގެ ނަތީޖާތަކުންނެވެ.

ފަހަކަށް އައިސް ގައުމީ ފުޓްބޯޅަ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ. ވޯލްޑް ކަޕް ކޮލިފައިން އާއި ބަންގް ބަންދު ގޯލްޑް ކަޕް އަދި ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމުގެ ނަތީޖާތައް ގޯހެވެ. 2008ގައި ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދި ފަހުން އެ މުބާރާތުގެ ފައިނަލަށް ވެސް ދެވުނީ އެންމެ ފަހަރަކު އެވެ. ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ކުޅުނު ތިން މުބާރާތުގައި މޮޅުވީ ދެތިން މެޗަކުންނެވެ. އެވެސް ސާކުގެ އެންމެ ބަލި ޓީމުތައް އަތުންނެވެ. ގަދަ ޓީމެއްގެ އަތުން މޮޅުނުވާތަނުގައި ކުޅުން ވެސް އެހާމެ ފީކަޅައީ އެވެ. ގިނަ ފަހަރު ގައުމީ ޓީމު ނަގަނީ ކުލަބުގައި ކުޅުންތެރިޔާ ކުޅޭ ކުޅުމަށް ބަލާލުމެއްނެތި އެވެ. މޫނަށް ބަލައިގެންނެވެ. ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދި ޓީމު އަތުން ވެސް ގައުމީ ޓީމު އިހަށްރޭ މޮޅުވީ ކިރިޔަކިރިޔާ އެވެ. އެކަމަކު މިހުރިހާ މެޗެއްގައި ވެސް ސަޕޯޓަރުން ދަނޑަށް ވަދެ ތަރުހީބުދެ އެވެ. އެކަމަކު ނަތީޖާ ނުނެރެވުމާއި ދައްކާ ކުޅުން ކޮލިޓީ ނުވުމަކީ ކުޅިބަލަންތިބޭ މީހުން މާޔޫސްވާނެކަމެކެވެ.

ކުޅުންތެރިންގެ އަހުލާގު:

ރާއްޖެއަކީ ހިސާބަށްވުރެ ކުޑަތަނަކަށްވުމުން އެކަކު އަނެކަކު ދުވާލަކު އެތައް ފަހަރަކު ދިމާވެ އެވެ. އުޅޭނޫޅޭގޮތް އެނގެ އެވެ. ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ގިނަ ބަޔަކަށް އެނގޭ އަދި އިޖްތިމާއީ ޒިންމާތަކެއް އޮތް ބައެކެވެ. އެކަމަކު އާއްމު ދިރިއުޅުމުގައި އެމީހުންގެ އަގުހިފަހައްޓަނީ މަދު ކުޅުންތެރިއެކެވެ. ފުލްޓައިމްކޮށް ފުޓްބޯޅަކުޅެން ތިބޭ ގިނަ ކުޅުންތެރިން މިހާރު ފުޓްބޯޅަ އަށްވުރެ އިސްކަންދެނީ އެހެން ކަންތައްތަކަށްނަމަ އެންމެނަށް ވެސް އެކަން އެނގޭނެ އެވެ. ކުޅުންތެރިޔާ މެޗަށް ތައްޔާރުވާއިރު ޖެހިގެންދިޔަ ރޭ ހޭލާ އުޅުނުކަމާއި ޕްރެކްޓިސް ނުކުރާނަމަ އެކަން ވެސް ގިނަ ބަޔަކަށް އެނގޭނެ އެވެ. ދަނޑުމަތީގައި މަސައްކަތް ކުރާ ކުޅުންތެރިންނާއި ނުކުރާ ކުޅުންތެރިން އެނގޭނެ އެވެ. މިފަދަ ކަންކަމަކީ ވެސް ސަޕޯޓަރުން ފުންކޮށް ވިސްނާނެ ކަންކަމެވެ.

މާކެޓް ނުކުރެވުމާއި ޓިކެޓް އަގުބޮޑުވުން

ގައުމީ ޓީމު ކުޅޭ މެޗުތަކާއި ރާއްޖޭގެ ކުލަބުތަކުގެ މެޗުތައް ވެސް އެއްގޮތަކަށް ވެސް މާކެޓް ނުކުރެވެ އެވެ. ދޭންވާ ވަރަށް އެފްއޭއެމަށް މައުލޫމާތު ނުދެވެ އެވެ. އަދި އެހީތެރިކަން ވެސް ފޯރުކޮށްނުދެވެ އެވެ. މިސާލަކަށް ބަލާށެވެ. ބަނގްލަދޭޝް ޓީމު މާލެ އައިވަގުތާއި އެމީހުން ޕްރެކްޓިސް ކުރާދަނޑުތަނުގެ މައުލޫމާތާއި ގައުމީ ޓީމުގެ ޕްރެކްޓިސް ޝެޑިއުލާއި ކޭމްޕްކުރާނެ ހޮޓަލުގެ މައުލޫމާތަކީ އެނގެންޖެހޭ މައުލޫމާތެވެ. ޓިކެޓް ވިއްކާ ގަޑިއާއި ތަންތަނުގެ މައުލޫމާތު ކުރީބައިގައި އެނގެންޖެހޭނެ އެވެ. އެކަމަކު ގިނަ ފަހަރު މިފަދަ މައުލޫމާތެއް ހޯދަން އެދެފިނަމަ ތިން ހަތަރު މީހުންނަށް ގުޅައިގެން ވެސް އެކަމެއް ޔަގީން ނުކުރެވޭނެ އެވެ. އަނެއްކޮޅުން އެފްއޭއެމުގައި އުޅޭދެތިން ހަތަރު ސްޓާފުންނަށް ޑެއިލީރޫޓީން މަސައްކަތް ކުރަމުން މިހުރިހާ ކަމަކާ ވިސްނުމަކީ ވެސް ވާނެ ކަމެއްނޫނެވެ. މުޅި ގައުމުގެ ފުޓްބޯޅަ ހިންގަންބޭނުންވާވަރާ ގާތަށް ވެސް މުވައްޒަފުން ނެތެވެ.

ކަންމިހެންއޮތްއިރު ޓިކެޓްގެ އަގުވެސް ބޮޑުކަމަށް ބެލެވިދާނެ އެވެ. 50ރ. އަށް ޓިކެޓް ވިއްކަން މަަސައްކަތް ފެށިއިރު މިދިޔަ ދެ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ކުޅިބަލަންވަނުން އޮތީ ހިލޭ އެވެ. 16 އަހަރުން އެއްފަހަރު ބަނގްލަދޭޝް ރައްޔިތުންނަށް އެމީހުންގެ ގައުމީޓީމު ކުޅޭތަން ބަލަން ލިބުނު ފުރުސަތެއްގައި ގަލޮޅު ދަނޑު ފުރާލިޔަސް، ޓީމު ބަލިވާނަމަ އަބަދަކު އެމީހުން ވެސް ނުވަންނާނެ އެވެ.

އިދިކޮޅު ޓީމުގައި ފެންވަރު ނެތުން:

ބަނގްލަދޭޝް ޓީމު ރާއްޖެ ގެނައީ އަންގާރަ ދުވަހުގެ ރޭ އޭޝިއަން ކަޕް ކޮލިފައިންގައި ލާއޯސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ގައުމީ ޓީމަށް ހިތްވަރު ހޯދައިދޭށެވެ. އެއީ ޔަގީނުން ވެސް ބަނގްލަދޭޝް ބަލިކުރެވޭނެތީ އެވެ. މި ގޮތުން ބަލާއިރު މިއީ ރަނގަޅު ކަމެކެވެ. އެކަމަކު ދިވެހިން މިހާރު ބޭނުންވަނީ ފެންވަރު ރަނގަޅު މޮޅު ފުޓްބޯޅަ ބަލާށެވެ. ކުލަބު ފުޓްބޯޅަ ބަލަން ނުވަންނަނީ ވެސް ދިވެހި ޓީމުތައް ކުޅޭއިރު ކޮލިޓީ ނުފެންނާތީ އެވެ. ބޫޓާނާއި ލަންކާ އަދި ބަނގްލަދޭޝް އަކީ ރާއްޖެ އަތުން އަބަދުބަލިވާ ޓީމުތަކަށްވުމުން އެމެޗުތައް ބަލަން ދިވެހިންގެ ޝައުގުވެރިކަންނެތީ އެވެ.

މީޑިޔާއަށް އެއްބާރުލުން ނުލިބުން:

ގައުމީ ޓީމުގެ މެޗެއްް ކުރިމަތިވާއިރަށް އެފްއޭއެމުން ދުއްވައިގަންނަނީ ގައުމީ ޓީވީއާ ދިމާލަށެވެ. އެކަމަކު ޓީވީން ދައްކާ 30 ސިކުންތުގެ ޕްރޮމޯ އަކުން މިހާރު ނުފުދެ އެވެ. ދެން އޮތީ ސަޕޯޓަރުން ވަނުމަށް އެދި ދެތިން ކުޅުންތެރިންތެރިއަކު ބުނެލާ ބަސްކޮޅެވެ. އެކަމަކު ސަޕޯޓަރުންގެ އެހީއަށް އެދޭއިރު ކުޅުންތެރިޔާ އޭގެ ކުރިން ކަންތައްތައް ކޮށްފައިވާ ގޮތް ސަޕޯޓަރުންގެ ހަނދާނުން އަދި ނުފިލާނެކަން ގިނަ ކުޅުންތެރިން ނުވިސްނަ އެވެ.

ދެން އޮތީ މެޗެއް ނުވަތަ ފުޓްބޯޅަ ޕްރޮމޯޓްކޮށްލަން ކުޅުންތެރިންގެ އެހީތެރިކަން ނުލިބުމެވެ. ވަކި ކުޅުންތެރިއެއްގެ އިންޓަވިއު ހޯދަން އެދެފި އެފްއޭއެމަށް ވެސް އެކަން ނުކުރެވޭނެ އެވެ. އެއަށްވުރެ ބައެއް ކުޅުންތެރިން ބާރުގަދަވާނެ އެވެ. އަދި ޒުވާން ކުޅުންތެރިން ޕްރޮމޯޓްކުރަން ބަލާއިރު ވަކިހާއްސަ ސީނިއާ ކުޅުންތެރިއަކު ކުރެން ހުއްދަ ހޯދައިންނޫނީ މީޑިޔާގައި އަނގައިން ބުނެލަން ބޭނުންނުވާ ކުޅުންތެރިން މިހާރު އެބަފެނެ އެވެ. މީގެ ސަބަބަކީ ކުލަބު ލެވެލްއިން ފެށިގެން ގައުމީ ޓީމުގައި ވެސް ކުޅުންތެރިން ޕެކޭޖް ހަދާފައި އޮތުމެވެ. ވަކިޕެކޭޖަކަށް ފިޓްނުވަންޏާ ޓީމަށް ނުވަތަ ފުރަތަމަ 11 އިންް ބާކީވެދާނެ ކަމުގެ ބިރު އޮތުމެވެ.

މިފަދަ ކަންތައްތައް މިހެން ހުރުމުން ބަނގްލަދޭޝް މެޗުން ފެނިގެންދިޔައީ ގައުމީ ޓީމާމެދު ގިނަބަޔަކު މާބޮޑު އަޅާލުމެއް ނެތްކަމެވެ. 2008ގެ ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމާއި ގައުމީ ޓީމުގެ ކުޅުނު ދައްކާލުމުގެ މެޗުން ވެސް ގައުމީ ޓީމަށް އޮތް ޝައުގު ކުޑަވެފައިވާކަން ފާހަގަކުރެވުނެވެ. ހދ. ކުޅުދުއްފުށީ ސަޕޯޓަރުން ދިގުދަތުރެއްކޮށްފައި މާލެ އައީ ގައުމީ ޓީމުގެ ބަދަލުގައި ތަށި ހޯދި ޓީމަށް ސަޕޯޓްކުރާށެވެ. މިއީ އަދިވެސް ކުރީގެ ކުޅުންތެރިން ހިފެހެއްޓި ޑިސިޕްލިން އަށް އާއްމުންގެ މެދުގައި އޮތް ލޯތްބާއި އިހްތިރާމް ދައްކުވައިދިން މިސާލެކެވެ. އެއިތުބާރު މިހާރުގެ ކުޅުންތެރިން ހޯދަންއެބަޖެހެ އެވެ.