އެ ރޭ ނިދަން އޮށޯތަސް ނިދޭ ވަރެއް ނުވެ އެވެ. ހެނދުނު ހޭލައިގެން އީދު ނަމާދަށް ދިޔުމަށް އޮންނަ ޝައުގެއްގެ ބޮޑުކަމުން އެނދުގައި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ އޮންނަނީ އެވެ. އީދު ހެދުން ލާ ހިތުން ވެސް ހިފިނުހުރެވެ އެވެ.
މިއީ ކޮންމެ މީހެއްގެ ވެސް ކުޑައިރު ތަޖުރިބާކޮށްފައިވާނެ ކަމެކެވެ. ދިވެހިންނަށް އެންމެ ބޮޑު އުފަލެއް ގެނެސްދޭ މުނާސަބަތަކީ އީދެވެ. އީދު މި އޮންނަނީ ދިވެހިންގެ ސަގާފަތާ ވަރަށް ބޮޑަށް ގުޅި ލާމެހިފަ އެވެ. ދިވެހިން އީދު ފާހަގަކުރަނީ ތަފާތުކޮށެވެ. އިހު ޒަމާނުއްސުރެ އީދަށް ދިވެހިން ހާއްސަ ތައްޔާރީތައްވެ އެވެ.
ސަގާފަތުގެ ގިނަ ކަންތައްތައް އަދިވެސް ކުރިއަށް ގެންދެ އެވެ. ތަފާތަކީ އެކަން ކުރާ ގޮތް ތަފާތުވުމެވެ. އެންމެ އިހު ޒަމާނުއްސުރެ ވެސް އީދަށް އާ ހެދުން ހޯދަ އެވެ. އެއީ ދިވެހިންގެ އާދަ އެވެ. މިހާރު ވެސް އެގޮތެވެ. ހަމަ އެގޮތަށް އީދު ނަމާދުން ފައިބައިގެން ތިމާގެ ގޭގެއަށް ޒިޔާރަތްކޮށް ސަލާން ގަލާންކުރެ އެވެ. އޭރު އަންހެން ވެރިން ތިބެނީ ހޫނު އަދި އެހާމެ ކުޅި، ކުޅި ބޯކިބާތަކާއި އަނގަޔަށް އަރާމު ފޮނި ބޯކިބާތައް ފިހެލައިގެން ސުފުރާމަތި އެއް ވަސް ކޮށްލައިގެންނެވެ.
އެއަށްފަހު ފެންކުޅީގެ ކުޅި ރަށު ތެރޭގައި ފޯރި ހިއްޕާލަ އެވެ. ފެން ކުޅިއަކީ އީދަށް އެންމެ ހާއްސަ އެއް ކުޅިވަރެވެ. ކުދި ބޮޑު ދެ ޖިންސުގެ މީހުން މި ކުޅިވަރުގައި ބައިވެރިވެ އީދުގެ ފޯރި އޭގެ އެންމެ ޖޯޝުގައި ނަގަ އެވެ.
އީދާ އެންމެ ބޮޑަށް ގުޅިލާމެހިފައި އޮތީ ކެއުމެވެ. ހެނދުނުގެ ބޯކިބާ ސަޔަށްފަހު ދެން އޮތީ ކުކުޅު ކަތިލުމެވެ. އިހު ޒަމާނު އާންމު ގޮތެއްގައި ގިނަ ގޭގައި ކުކުޅު ގެންގުޅެ އެވެ. އީދަށް ކަތިލުމަށް އަބަދުވެސް މަސް ފަލަ ކުކުޅު ތައްޔާރުކުރެ އެވެ. ކުކުޅު ނުގެންގުޅޭނަމަ ގަނެގެން ވެސް އޭރު ކުކުޅު ކަތިލަ އެވެ. އެއީ މަޖުބޫރު ކަމެކެވެ. ކުކުޅު ކަތިލަން ވެސް ރަށުގައި ހާއްސަ މީހަކު ހުރެ އެވެ. އޭނަ ނޫން މީހަކު ކުކުޅު ކައްޗެއް ނުލާނެ އެވެ. ކަތިލައި ދިނުމުން ހަދިޔާއެއްވެސް ދެ އެވެ.
ކުކުޅު ކަތިލުމަށްފަހު ނޮޅުމުގެ ބައި އޮންނަނީ ގޭގައި އުޅޭ ފިރިހެން ކުދިންނަށެވެ. ވަލިތެރެއަށް ގޮސް ކުކުޅު ނޮޅާލައިގެން އައިސް ބައްޕައަށް ކުކުޅު ކޮށަން ހަވާލުކުރެ އެވެ. ދެން އޮތީ މަންމެންގެ ބައެވެ. ކެއްކުމެވެ. ކުކުޅުގައި އޭރު ރިހަ ނޫން އެއްޗެއް ނުކައްކަ އެވެ. ކުރީގައި ބައިގައި އީދު ކުކުޅު ރިހަ ކެއްކުމަށް ހަވާދުގަނޑު ހުންނަނީ ތައްޔާރުކޮށްފަ އެވެ. ކުކުޅާއެކު ނަން ހުސްކޮށް ކާއެއްޗެހި އީދު ދުވަހުގެ މެންދުރަށް ކައްކަ އެވެ. އީދު ކެއްކުން ކެއްކުމަށްފަހު އަވަށްޓެރި ގޭގެއަށް ކެއުމަށް ދައުވަތު ވެސް ދެ އެވެ. އެއީ ދިވެހިންގެ ރީތި ސަގާފަތެވެ.
މެންދުރުގެ ކެއުމަށްފަހު ދަފި ނެގުމުގެ ކުޅިވަރު ރަށު ތެރެއިން ފެންނާނެ އެވެ. އަންހެނުންގެ ދައްޕާއި ފިރިހެންނުންގެ ދައްފީގައި ވެސް އެހާ ފޯރި ނަގަ އެވެ. ދަފި ނެގުމަށް ދަފި ގުރޫޕުތަށް ގޭގެ ދޮށަށް ދަނީ ހަދިޔާއެއް ނުވަތަ ފައިސާ ދައްޕެއްގައި ހަރުކޮށް ދައުވަތު ދިނުމުންނެވެ.
ދެން އޮތީ ދޮންކުރުމެވެ. ޅަ ދަރިން ނަލަ ހެއްދުމުގައި މަންމަމެން އަވަދި ނެތި އަތްމަތި އަވަސްކޮށްލަ އެވެ. ދަރިފުޅު ޒީނަތްކުރެވެން އޮތްހާ ގޮތަކަށް ޒީނަތްކުރެ އެވެ. އެއަށްފަހު ނިކުންނަނީ ހަވީރު މަގު މައްޗަށެވެ. ކުޅިވަރު ކުޅޭތަނަށެވެ. އާންމުކޮށް ރަށްރަށުގައި ހަވީރު ކުޅިވަރެއްގެ ގޮތުގައި އޮންނަނީ މާލި ހިނގުން ނުވަތަ ނެށުމެވެ. މިއީ ކުޅިވަރަކީ އޭގެ އަސްލު އެންގެން ނެތް ކުޅިވަރެއް ކަމަށްވީ ނަމަވެސް މި ކުޅިވަރު އީދުގައި ނުކުޅޭ ހަނދާނެއް ނެތެވެ.
މީގެއިތުރުން ކޯޑިއަކީ ވެސް ހަވީރަށް ފައްކާ ކުޅިވަރެކެވެ. މިއީ އީދު ކުޅޭ އެންމެ ފޯރިގަދަ އެއް ކުޅިވަރެވެ. މި ކުޅިވަރުގައި އެންމެ ފުރަތަމަ ފިރިހެނުން ކޯޑި ނަގަ އެވެ. އެ ކޯޑި ރުކެއްގައި އައްސައެވެ. ދެން އަންހެނުން މަސައްކަތްކުރަނީ ކޯޑި ހޯދާށެވެ. އަންހެނުންނަށް ކޯޑި ކަނޑައިދެނީ ފިރިހެނުންގެ ތެރެއިން މީހެކެވެ. ކޯޑި ކަނޑައިދޭ މީހާގައި ހުތުރުހެން ހީވާ އެއްޗެއް ހާކައި މުޅި ރަށުގައި އޭނާ ގަން ހިންގުވަ އެވެ. ދެން އަންހެންވެރިން ކޯޑި މީހާ ފެންވަރުވާ ނަލަ ހައްދައި ގެއަށް ގެންގޮސްދެ އެވެ. މި ކުޅިވަރު އެކި ރަށުގައި އެކި ގޮތަކަށް ވެސް ކުޅެ އެވެ.
އިހު ޒަމާނުއްސުރެ ވެސް އީދު ޝޯ ރޭގަނޑު ރަށްރަށުގައި ބާއްވަ އެވެ. އެ ޝޯގައި ބަޑިޔާ ޖެހުމާއި ދަނޑި ޖެހުމާއި ތާރަ ޖެހުން ފަދަ ކުޅިވަރުތައް ކުޅެ ހަދަ އެވެ. ބޮޑު ބެރަކީ ވެސް ވަރަށް ފޯރީގައި ކުޅެ އުޅޭ ކުޅިވަރެކެވެ.
އީދުގެ ހަތަރު ދުވަސް ވެސް މިފަދަ އެކިއެކި ކުޅިވަރުތައް ކުޅުމުގައި ދިވެހިން އިހު ޒަމާނުއްސުރެ ވެސް ހޭދަކުރެ އެވެ.
ދިވެހިންގެ ސަގާފަތާއި އީދަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރި ކަމެވެ. އަޅާލުމާއި އަހުވަންތަ ކަމެވެ. އީދުގެ އުފަލުގައި ރަށު އެންމެން ބައިވެރިވަނީ ވަކި ގިންތިއެއް ނެތި އެވެ. ތިމާގެ މީހުންގެ ގުޅުންތައް އިތުރަށް ބަދަހިކުރުވަ އެވެ. އެއީ ދިވެހިންގެ ރީތި ސަގާފަތެވެ. ދިވެހިންނާ އީދު ބައްދަލުކުރި ގޮތެވެ.