ބޭރު ކުޅިވަރު

ބޮލުގައި ކުލަޖެއްސީ އާ ފެށުމަކުން ފަށަން: މެސީ

ކަޅުކުލައިން އޭނާގެ އިސްތަށިގަނޑުގައި ރަންކުލަ ނުވަ ބެލޮންޑް ސްޓައިލަށް އޭނާގެ އިސްތަށިގަނޑު ބަދަލުކޮށްލީ އާފެށުމަކުން ފެށުމަށް ކަމަށް އާޖެންޓީނާގެ ގައުމީ ކެޕްޓަން ލަޔޮނަލް މެސީ ބުނެފި އެވެ. ބާސެލޯނާގެ ތަރި މިހެން ބުނީ އާޖެންޓީނާގެ ޓީވީއަކުން އޭނާއާ ސުވާލު ކުރުމުންނެވެ.

މެސީ ބުނީ މިދިޔަ އަހަރެއްހާ ދުވަހު ގިނަ ކަންތައްތައް ނިމިދިޔައީ އޭނާގެ އުއްމީދުތަކާ ދެކޮޅަށް ކަމަށާއި މިހެންވެ ބޭނުންވީ އާފެށުމެއް ކަމަށެވެ.

"އަހަރެން ހީކުރިން މިއީ އަހަރުމެންގެ ފަހަރު ކަމަށް (ކޮޕާ އެމެރިކާގައި). އެއީ ޓީމު ދައްކަމުން އައި ކުޅުމާއި ޓީމު ފައިނަލަށް ދިޔަ ގޮތުން. އެކަމަކު އަހަންނާ ދެކޮޅަށް ހުރިހާ ކަމެއް ނިމިދިޔައީ. މިހެންވެ އަހަރެން ނިންމީ ސުމަކުން ފަށަން،" ބޮލުގައި ކުލަޖެއްސި ސަބަބުން ކިޔައިދެމުން މެސީ ބުންޏެވެ.

މި ނާމިޔާބީއާއެކު ގައުމީ ޓީމުން ރިޓަޔާކުރި ނަމަވެސް ދެ މަހަށްފަހު އެނިންމުން ބަދަލުކުރީ އާޖެންޓީނާގެ ރައީސާއި މިހާރުގެ ގައުމީ ކޯޗު ވެސް ވަރަށް ބޮޑަށް އެކަމަށް އެދިގެންނެވެ.

މިދިޔަ އަހަރު މެސީ އަށް ވަނީ ޓެކްސް އަށް މަކަރުހެދިކަމުގެ ކުށުގައި 21 މަސްދުވަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ. ނަމަވެސް ޖަލަށް ނުގޮސް މިއަދަބުން އޭނާ ސަލާމަތްވަނީ ޖޫރިމަނާ ދައްކައިގެންނެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމި ފަސް ފަހަރު ހޯދާފައިވާ މެސީ ބުނީ މިސީޒަނުގައި ފަށަން އޭނާ ބޭނުންވީ ބަދަލުވެފައިވާ މީހެއްގެ ގޮތުގައި ކަމަށާއި އޭނާގެ ކުޅުންވެސް ތަފާތުކުރަން ބޭނުންވާ ކަމަށެވެ.

މެސީ މިވަގުތުހުރީ އަނިޔާގަ އެވެ. އޭނާ އަށް ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ މާދަމާ ރޭ ކުޅޭ މެޗުގައި ވެސް ނުކުޅެވޭނެ އެވެ.