އާސަންދަ

އާސައިންދަގައި އުސޫލާ ހިލާފުވި ތިން ފާމަސީއެއް ސަސްޕެންޑް ކޮށްފި

ހުސްނުވާ އާސަންދަގެ ދަށުން ބޭސް ދޫކުރުމުގައި އޮންނަ އުސޫލުތަކާއި މިންގަނޑުތަކާއި ހިލާފުވެފައިވާތީ، އައިސީއެމް، އައިސީއެމް އެކެއް ދޭއް އަދި ތިނެއް، އެ މައްސަލައިގެ ތަހުގީގު ނިމެންދެން ސަސްޕެންޑް ކޮށްފި އެވެ.

އާސަންދަ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުސްނުވާ އާސަންދަގެ ދަށުން ބޭސް ދޫކުރާ ފާމަސީތަކުން އެ ސްކީމުގެ ޝަރުތު ތަކާއި އުސޫލުތަކަށް ތަބާވާ މިންވަރު ބަލަން ހިންގި އިންސްޕެކްޝަނުން، އައިސީއެމް ފާމަސީ އާއި އައިސީއެމް ފާމަސީ އެކެއް، އައިސީއެމް ފާމަސީ ދޭއް އަދި ތިނެއް އެ މިންގަނޑުތަކާ އުސޫލުތަކުގެ ބޭރުން ބޭސް ދޫކުރާކަން އެނގިފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކޮށް، އެ ފާމަސީތަކާ މެދު އަޅާނެ ފިޔަވަޅެއް ހުސްނުވާ އާސަންދަ ބޯޑުން ކަނޑައެޅެންދެން އެ ފަރާތްތައް ސަސްޕެންޑް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެ ކުންފުނިން ބުނީ، ބޭސް ފިހާރަކުން ދޫކުރާ ބޭސްތަކަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަކުރާ ބޭސްތަކެއްކަން ކަށަވަރު ކުރުމަށް ބޭސް ގަންނަ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އާސަންދަ ފާމަސީތަކުން ބޭސް ދޫކުރާއިރު، އާސަންދައިން ލިބޭ ބޭސްތަކަށް ފައިސާ ނަގާނަމަ އެއީ މައްސަލައެއް ކަމަށާއި އެފަދަ މައްސަލަ ފާހަގަ ވާނަމަ ލަސް ނުކޮށް އެ އޮފީހަށް އަންގަން އެދޭ ކަމަށެވެ.